01 ސެޕްޓެމްބަރ 2016
ވ. ރަކީދޫގައި މިދިޔަ އަހަރު އަނިޔާކޮށް މަރައިލި މުހައްމަދު އިބްތިހާލަށް އަނިޔާކުރި ކަމަށް ކުރިން ވެސް އެއްބަސްވެފައިވާ އޭނާގެ މަންމަ އާފިޔާ މުހައްމަދު، އެކަން ކުރި ކަމަށް މިއަދު ވެސް ޝަރީއަތުގައި ބުނެފި އެވެ.
ވ. ރަކީދޫގައި މިދިޔަ އަހަރު އަނިޔާކޮށް މަރައިލި މުހައްމަދު އިބްތިހާލަށް އަނިޔާކުރި ކަމަށް ކުރިން ވެސް އެއްބަސްވެފައިވާ އޭނާގެ މަންމަ އާފިޔާ މުހައްމަދު، އެކަން ކުރި ކަމަށް މިއަދު ވެސް ޝަރީއަތުގައި ބުނެފި އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އުމުރުން ތިން އަހަރުގެ އިބްތިހާލަށް އަނިޔާ ކުރުމުގެ ސަބަބުން އެ ކުއްޖާ މަރުވި މައްސަލާގައި އިބްތިހާލްގެ މަންމަ އާފިޔާގެ މައްޗަށް ކުރާ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާއަށް މިދިޔަ އަހަރުގެ އޮކްޓޫބަރު ވެސް އޭނާ ވަނީ ކޯޓުގައި އެއްބަސްވެފަ އެވެ.
މިއަދުގެ އަޑުއެހުމުގައި، އިބްތިހާލަށް އާފިޔާ ކުރި އަނިޔާތަކުގެ ތަފްސީލުތައް ދައުލަތުގެ ވަކީލު ޝަރީއަތުގައި އިއްވުމުން އާފިޔާ ވަނީ އެ ވާހަކަތަކަކީ ތެދެއް ކަމަށް ބުނެފަ އެވެ.
އިބްތިހާލަށް ކުރި އަނިޔާތަކުގެ ތަފްސީލު ކިޔައިދީ އާފިޔާ ތަހުގީގަށް ދިން ބަޔާނާއި އެ މައްސަލާގައި އާފިޔާގެ ބަންދާ މެދު ގޮތެއް ނިންމަން ވ. ފެލިދޫ ކޯޓަށް ގެންދިއުމުން ކުށަށް އެއްބަސްވެ، އެ ކޯޓަށް އޭނާ ދިން ބަޔާން އިއްވުމުން ވެސް އާފިޔާ ވަނީ އެއީ ތެދު ބަޔާން ކަމަށް ބުނެފަ އެވެ.
ދައުލަތުގެ ވަކީލާ ވަނީ އިބްތިހާލް މަރުވި ދުވަހު އިބްތިހާލަށް އާފިޔާ ކުރި އަނިޔާތައް ވަރަށް ތަފްސީލުކޮށް ޝަރީއަތުގައި އިއްވައިފަ އެވެ. އެގޮތުން އިބްތިހާލް ނިދާފައި އޮއްވައި ގޮސް އެ ކުއްޖާގެ ކަރުގައި އާފިޔާ ހިފި ކަމަށާއި ކަރުގައި ހިިފުމުން އިބްތިހާލްގެ އަނގައިން ލެއާއި ފޮނުތަކެއް އައި ކަމަށާއި އެވަރުން ވެސް އިބްތިހާލަށް އަނިޔާކުރި ކަމަށް އާފިޔާ ތަހުގީގުގައި ބުނެފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
އެގޮތުން އިބްތިހާލްގެ މޭމަތީގައި ތިން ފަހަރު ފައިން ޖެހި ކަމަށާއި އަދި ގޮތް މުށްކަވާފައި އެ ކުއްޖާގެ ދަތްކޮޅީގައި ވެސް ޖެހުމުގެ އިތުރުން ވެސް ފައިން އިބްތިހާލްގެ ގައިގައި ތެޅި ކަމަށް އާފިޔާ ތަހުގީގަށް ދިން ބަޔާނުގައި ބުނާ ކަމަށް ދައުލަތުން ބުންޏެވެ.
"އާފިޔާ ދަރިފުޅަށް ކުރި އަނިޔާ ކަމަށް ބުނެ ތަހުގީގު ބަޔާނުގައި އެވާ ވާހަކަތަކަކީ ތެދެއްތޯ؟" ދައުލަތުން އެ ބަޔާން އިއްވުމުން ގާޒީ މުހުތާޒް ފަހުމީ ސުވާލު ކުރެއްވި އެވެ.
"އިތުރު ވާހަކައެއް ނެތް،" ކުޑަ އިރުކޮޅަކު ހިމޭނުން އިނުމަށް ފަހު އާފިޔާ ފުރަތަމަ ޖަވާބު ދިނެވެ.
"އެ ބަޔާނުގައި އެ ވަނީ ތެދު ވާހަކަތަކެއް ތޯ؟" ގާޒީ އަނެއްކާވެސް ސުވާލު ކުރެއްވި އެވެ.
"ލައްބަ" ފުރަގަހަށް ބިޑި އަޅުވައިގެން ޖަލު ހެދުމުގައި ހާޒިރުކޮށްފައި އިން އާފިޔާ ޖަވާބު ދިނެވެ.
އާފިޔާ ބަންދު މުއްދަތު މަޖިލީހުގައި ދިން ބަޔާން ދެއްކުމަށް ފަހު، އެއީ ތެދު ބަޔާނެއްތޯ ގާޒީ ސުވާލު ކުރެއްވުމުން ވެސް އާފިޔާ ބުނީ "ލައްބަ" މިހެންނެވެ. އިބްތިހާލަށް ކުރި އަނިޔާތަކުގެ ވާހަކަ ދައުލަތުން އިއްވަމުން ދިޔައިރު އާފިޔާ އިނީ ހަމަޖެހިލައިގެން އިސް ދަށަށް ޖަހައިގެންނެވެ.
ވަކީލަކު ބޭނުންނުވާ ކަމަށް ކުރީގެ އަޑުއެހުމުގައި ބުނެފައިވާ އާފިޔާ މިހާރު ވަކީލަކު ހަމަޖައްސަން ބޭނުންވާތީ އެ ފުރުސަތު ދޭން ދައުލަތުން އެދުނަސް އެކަމާ ގުޅޭގޮތުން އާފިޔާއާ ސުވާލު ކުރުމުން އޭނާ ބުނީ ވަކީލަކު ބޭނުންނުވާ ކަމަށެވެ.
ގާޒީ މުހުތާޒް ވިދާޅުވީ ވަކީލަކު ހޯދުމަކީ ދައުވާލިބޭ މީހާގެ ހައްގެއް ކަމަށާއި އެ ހައްގު ބޭނުން ނުވާ ނަމަ އެކަމަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ. އަދި ކުރީގެ އަޑުއެހުމުގައި ވެސް، ވަކީލަކު ބޭނުންނުވާ ކަމަށް އާފިޔާ ބުނެފައިވާ ކަން ގާޒީ ފާހަގަ ކުރެއްވި އެވެ.
އާފިޔާ ކުށަށް އެއްބަސްވިޔަސް ދައުލަތުން ވަނީ މައްސަލައިގެ ބާވަތުން ގިނަ ހެކިތަކެއް ހުށަހަޅައިފަ އެވެ. އެގޮތުން، އިބްތިހާލް މަރުވި ދުވަހު ކަން ހިނގި ގޮތް ސާބިތުކޮށްދޭން ރަކީދޫއަށް ނިސްބަތްވާ 13 މީހަކު ހުށަހެޅިއިރު އިބްތިހާލަށް ލިބުނު އަނިޔާތައް އަންގައިދޭ ލިޔުންތަކާއި އޭނާގެ މަރު ސާބިތު ކުރި ލިޔުމާއި އާފިޔާގެ ތަހުގީގު ބަޔާނާއި އޭނާ ބަންދު މުއްދަތު މަޖިލީހަށް ދިން ބަޔާނާއި އާފިޔާގެ ނަފްސާނީ ޓެސްޓްގެ ރިޕޯޓާއި އެ ރިޕޯޓް ހެދި މީހާ ވެސް ދައުލަތުން ވަނީ ހެކީގެ ގޮތުގައި ހުށަހަޅައިފަ އެވެ.
މިއަދުގެ މަޖިލިސް ނިންމައިލީ ދެން އެ މައްސަލާގައި އޮންނާނީ ކޮން ކަމެއް ކަން އިއުލާން ކުރުމެއް ނެތި އެވެ.
އާފިޔާ ބުނެފައިވާ ގޮތުގައި އިބްތިިހާލަށް އަނިޔާކުރީ އެއީ ބައްޕަ ނެތް ކުއްޖަކަށް ވުމުން އެކަމުގެ ރުޅިވެރިކަމުގަ އެވެ. އިބްތިހާލް މަރުވި ދުވަހުގެ ކުރިން ވެސް އެ ކުއްޖާއަށް އަނިޔާކުރާ ކަމަށް އާފިޔާ ތަހުގީގުގައި ބުނެފައިވެ އެވެ.
މުޅި ރާއްޖޭގެ ސަމާލުކަން ލިބުނު އިބްތިހާލްގެ މަރާ އެކު ކުޑަކުދިންނަށް ކުރާ އަނިިޔާއާ ދެކޮޅަށް ގިނަ ހަރަކާތްތަކެއް ހިންގާފައިވެ އެވެ.
އިބްތިހާލް މަރާލި މައްސަލައިގެ ހުކުމް ހޯމަ ދުވަހު
އާފިޔާއަށް އިތުރު ފުރުސަތެއް، މިމަހު ހުކުމް އިއްވަނީ
އާފިޔާ ވަކީލަކު ބޭނުންވުމުން ހުކުމް އިއްވުން ފަސްކޮށްފި
އިބްތިހާލް މަރާލި މައްސަލާގެ ހުކުމް މާދަމާ އިއްވަނީ
އާފިޔާގެ ފަހުބަސް: ކުއްޖަކު ނުމަރަން، އެއީ ހުސް ދޮގު
އާފިޔާގެ ފިރިމީހާ ކިޔައިދިނީ އިބްތިހާލްގެ ނިކަމެތިކަން
އިބްތިހާލްގެ މަރުގެ މައްސަލާގެ ހުކުމް މި މަހު އިއްވަނީ
ޖިންސީ ގޯނާގެ މައްސަލާގައި އިދާރާތައް ހާޒިރުކުރަނީ
އާފިޔާގެ ވާހަކަ ބަދަލުވެއްޖެ، ވަކީލެއް ބޭނުމެއް ނޫން
އިބްތިހާލްގެ މަރުގެ ޝަރީއަތް މާދަމާ ބާއްވަނީ