13 އޮކްޓޯބަރ 2019
ވ. ރަކީދޫގައި ބޮޑެތި އަނިޔާތަކެއް ދީ، ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ ވާހަކަ އަނެއްކާވެސް ކޯޓުގައި ބަދަލުވެ، ވަކީލަކާ ނުލައި މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ ކަމަށް މިއަދު ބުނެފި އެވެ.
ވ. ރަކީދޫގައި ބޮޑެތި އަނިޔާތަކެއް ދީ، ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ ވާހަކަ އަނެއްކާވެސް ކޯޓުގައި ބަދަލުވެ، ވަކީލަކާ ނުލައި މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ ކަމަށް މިއަދު ބުނެފި އެވެ.
ގައިގައި ތަޅައި އަނިޔާކޮށް 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު އިބްތިހާލް މަރާލި މައްސަލާގައި އާފިޔާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރެ އެވެ. އެއީ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އާއި އިބްތިހާލް މަރާލުމުގެ ކުރިން ވެސް އެކިފަހަރު މަތިން އޭނާއަށް އަނިޔާ ކޮށްފައިވާތީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާ ހަވާލާދީ އޭރު އަމަލުކުރި ގާނޫނުލް އުގޫބާތުގެ ދަށުން ކުރާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ. އެ ދެ ދައުވާ އަށް ވެސް ކުރިން އިއުތިރާފްވުމަށް ފަހު، ފަހުން އޭނާ އޮތީ ދައުވާއަށް އިންކާރުކޮށްފަ އެވެ.
އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއާ ގުޅިގެން މިދިޔަ މަހު ބޭއްވި އަޑުއެހުމުގައި އާފިޔާ އޮތީ ދައުވާއަށް އިންކާރުކޮށް، ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަކު މިހާތަނަށް ވަކީލަކު ހަމަޖެހިފައެއް ނުވެ އެވެ.
އާފިޔާގެ މައްޗަށް ކުރާ ދެ ދައުވާ އެއްކޮށް ކުރިއަށް ގެންދަން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އާފިޔާގެ ވަކީލަކު ނެތުމުން އެކަމާ ގުޅިގެން ގާޒީ ސުވާލު ކުރެއްވި އެވެ.
ދައުލަތުން ބުނީ އާފިޔާ އަށް ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސައި ދިނުމަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމުގެ ފުރުސަތު ކަރެކްޝަނަލް ސާވިސް އިން އާފިޔާ އަށް ފަހިކޮށް ދިން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ވަކީލެއްގެ ފުރުސަތަށް އެދިފައި ވަނިކޮށް، އެ ފުރުސަތު ނުދީ މައްސަލަ ކުރިއަށް ގެންދިއުމަކީ ދިފާއުވުމުގެ ހައްގު އާފިޔާ އަށް ގެއްލިގެންދާނެ ކަމެއްކަން ދައުލަތުން ފާހަގަކުރި އެވެ.
އެ ދެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ ވަކީލަކު އައްޔަން ކުރަން ދެވޭނެ މުއްދަތުތައް ގާނޫނުގައި އެބައޮތް ކަމަށާއި އެ މުއްދަތު ހަމަވާއިރު ވެސް ވަކީލަކު ހަމަނުޖެހިގެން މައްސަލަ ކުރިއަށް ނުގެންދެވޭ ނަމަ، މައްސަލަ ލަސްވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެކަމާ ގުޅިގެން އާފިޔާއާ ސުވާލު ކުރުމުން އޭނާ ބުނިިގޮތުގައި ވަކީލަކު ހަމަޖައްސަން ބޭނުންވާ ލިޔުމެއް ކަރެކްޝަންސް އިން އޭނާ އަށް ދީފައެއް ނުވެ އެވެ. އަދި މިހާރު ވަކީލަކު ހަމަޖައްސަން ބޭނުންނުވާ ކަމަށް ވެސް އާފިޔާ ބުންޏެވެ.
ވަކީލެއްގެ ހައްގު ދޫކޮށްލަން ބޭނުންވާ ކަމަށް އާފިޔާ މިހާރު އަނެއްކާވެސް ބުނާތީ ދައުލަތުން އޭނާއާ ބައެއް ސުވާލުތައް އަމާޒުކުރި އެވެ. އެގޮތުން، ދިިފާއީ ވަކީލެއްގެ ހައްގު ދޫކޮށްލަނީ އެއްވެސް މަޖުބޫރު ކަމެއް ނެތިތޯ އާއި އޭގެ ނަތީޖާ އަކީ ކޮބައިކަން އާފިޔާއަށް އެނގޭތޯ ދައުލަތުގެ ވަކީލުން ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި އާފިޔާ ބޮލުގެ އިޝާރާތުން އާނއެކޭ ބުންޏެވެ.
އެހެންވެ، މައްސަލަ ކުރިއަށް ގެންދަން ނިންމިޔަސް، ގާޒީ ސަމީރު ވިދާޅުވި ގޮތުގައި މައްސަލައިގެ ހުކުމް ކުރުމާ ހަމައަށް ވެސް ކޮންމެ ވަގުތަކު ވެސް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު އާފިޔާ އަށް އޮންނާނެ އެވެ.
އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އޮތީ އިބްތިދާއީ މަރުހަލާގައި ކަމަށްވާތީ އެ މައްސަލައާ ގުޅިގެން ދައުލަތުން ހުށަހަޅާ ހެކިތައް މިއަދު ހާމަކުރި އެވެ. އެ މައްސަލާގައި ދައުލަތުން ނުވަ ހެއްކެއް ހުށަހެޅި އެވެ. އެއީ އާފިޔާ ތަހުގީގަށް ދިން އިއުތިރާފް ބަޔާނާއި އާފިޔާގެ ފިރިމީހާ އިބްރާހިމް ޝަފީގްގެ އިތުރުން ރަކީދޫގެ ބައެއް މީހުންގެ އިތުރުން އިބްތިހާލް ބެއްލެވި ތިން ޑޮކްޓަރަކާއި އިބްތިހާލަށް ލިބުނު އަނިޔާތައް ފެނުނު ފުލުހެކެވެ.
އެ ހެކިތަކަށް ބައްލަވައި، ގާޒީ ވަނީ މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމަވައި، ޝަރީއަތް ފައްޓަވައިފަ އެވެ. އަދި ޝަރީއަތުގެ މަރުހަލާގައި އަލުން އެ ދައުވާ އިއްވުމަށް ފަހު ދައުވާއާ ގުޅިގެން އާފިޔާއާ ގާޒީ ސުވާލު ކުރެއްވި އެވެ.
އެކަމަކު އެ ސުވާލަށް އާފިޔާ ސާފު ޖަވާބެއް ނުދެ އެވެ.
"އިންކާރެއް ނޫން، އެކަމަކު އަޅުގަނޑު އަތުން އަނިޔާއެއް ނުވާނެ،" ކަރެކްޝަންސްގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކޮށްފައި އިން އާފިޔާ ބުންޏެވެ.
ދައުވާއަށް އިންކާރު ނުކުރާ ކަމަށް ބުންޏަސް، ދައުވާގައި ހިމެނޭ ކަންކަން ނުކުރާ ކަމަށް އާފިޔާ ބުނާތީ ގާޒީ ނިންމެވީ އޭނާ ދައުވާއަށް އިންކާރުކުރީ ކަމަށެވެ.
ދައުލަތަށް ހެކި ހުށަހަޅަން ފުރުސަތު ދިނުމަށް ފަހު، ދިފާއުގައި އާފިޔާ ހުށަހަޅާނެ ހެއްކެއް އެބައޮތްތޯ ގާޒީ ސުވާލު ކުރެއްވުމުން އާފިޔާ ހުށަހެޅީ އޭނާގެ ފިރިމީހާ އިބްރާހިމް ޝަފީގްގެ ނަމެވެ.
ފިރިމީހާގެ ނަން ހުށަހަޅަނީ އާފިޔާ ކޮން ކަމެއް ސާބިތުކުރަންތޯ ދައުލަތުން ސުވާލު ކުރުމުން އާފިޔާ ހަމައެކަނި ބުނީ "އިބްތިހާލްގެ ވާހަކަ" ދައްކަން ކަމަށެވެ. ސާބިތު ކޮށްދޭން ބޭނުންވަނީ އިބްތިހާލްގެ ކޮން ކަމެއްތޯ ދައުލަތުން އަނެއްކާވެސް ސުވާލު ކުރި އެވެ. އެކަމަކު އާފިޔާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ.
ގަސްދުގައި ކުއްޖަކު މެރިކަމުގެ ދައުވާގެ އިބްތިދާއީ މަރުހަލާ ނިންމައި، ޝަރީއަތުގެ މަރުހަލާ ކުރިން އޮތީ ފަށައިފަ އެވެ. އެ މައްސަލާގައި ހަތަރު ހެކިވެރިއެއްގެ ހެކިބަސް ވެސް ކުރިން އޮތީ ނަގައިފަ އެވެ.
ދެ ދައުވާގައި ވެސް ހިމެނެނީ އެއް ހެކިތަކެއް ކަމަށްވާތީ އެ ދެ މައްސަލަ ވެސް ދެން ކުރިއަށް ގެންދާނީ އެއްކޮށެވެ. ދެން އޮންނާނީ ހެކިބަސް ނެގުމުގެ މަރުހަލާ ކަމަށްވާތީ، ދައުލަތުން ހުށަހެޅި ހެކިން މިހާރު ތިބި ތަނެއް ބެލުމަށް ފަހު އެކަން ކޯޓާ ހިއްސާކުރަން ގާޒީ ދައުލަތަށް އެންގެވި އެވެ.
އެ ދެ މައްސަލާގައި ހެކިބަސް ނެގުމަށްޓަކައި މިމަހުގެ 30 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެ ކަން މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ އިއުލާން ކުރެއްވި އެވެ.
އިބްތިހާލް މެރިކަމުގެ ދައުވާ އާއި އަނިޔާކުރި ކަމަށް ބުނެ ކުރާ ދައުވާގައި ވެސް އާފިޔާގެ ވާހަކަ އެކިފަހަރު މަތިން ކޯޓުގައި ބަދަލުކުރި އެވެ. އިބްތިހާލް މަރާލި ކަމަށް އެއްބަސްވެ، އެކަން ކުރި ގޮތް ކޯޓުގައި ކުރިން އާފިޔާ ކިޔައި ދިނަސް، އެކަމަށް ފަހު އޭނާ އިންކާރުކުރި އެވެ. އަދި އިބްތިހާލަށް އެކިފަހަރު މަތިން އަނިޔާކުރި ކަމަށް އެއްބަސްވުމަށް ފަހު ވެސް އެކަމަށް ފަހުން އިންކާރު ކުރި އެވެ.
އިބްތިހާލްގެ ބަނޑަށް ލޭ އެޅިފައި ހުރި: ޑޮކްޓަރު
އާފިޔާ އަދިވެސް ބުނަނީ އިބްތިހާލަށް އަނިޔާކުރި ކަމަށް
އާފިޔާގެ ހަޔާތުން ފެންނަ އަނިޔާގެ އެހެން ސަފުހާއެއް
"އާފިޔާއަށް ލިބުނު އަނިޔާތަކަށް އިންސާފެއް ނުލިބޭ"
އާފިޔާއަށް އިތުރު އެއް މަހާއި ހަ ދުވަހުގެ ހުކުމެއް
އިބްތިހާލް މަރު: މަންމައަށް 20 އަހަރުގެ ޖަލުހުކުުމެއް
އިބްތިހާލް މަރާލި މައްސަލައިގެ ހުކުމް ހޯމަ ދުވަހު
އާފިޔާއަށް އިތުރު ފުރުސަތެއް، މިމަހު ހުކުމް އިއްވަނީ
އާފިޔާ ވަކީލަކު ބޭނުންވުމުން ހުކުމް އިއްވުން ފަސްކޮށްފި
އިބްތިހާލް މަރާލި މައްސަލާގެ ހުކުމް މާދަމާ އިއްވަނީ