Roadha Mihaaru
"އިސްލާމިކް ފައިނޭންސްގެ މަރުކަޒަކަށް ރާއްޖެ ހެދޭނެ"

އިސްލާމިކް ފައިނޭންސްގެ ބައިނަލްއަގުވާމީ މަރުކަޒަކަށް ރާއްޖެ ހެދޭނެ: ތަޖުރިބާކާރުން

16 ޖެނުއަރީ 2017

އިސްލާމިކް ފައިނޭންސްގެ ދާއިރާ އިން މި ސަރަހައްދުގެ މައި މަރުކަޒަކަށް އަދި ބައިނަލްއަގުވާމީ ގޮތުން ވެސް ފާހަގަކޮށްލެވޭ ތަނަކަށް ރާއްޖެ ހެދޭނެ ކަމަށް ކަމާ ބެހޭ ބޭރުގެ ތަޖުރިބާކާރުން މިއަދު ވިދާޅުވެއްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އިސްލާމިކް ފައިނޭންސްގެ ދާއިރާ އިން މި ސަރަހައްދުގެ މައި މަރުކަޒަކަށް އަދި ބައިނަލްއަގުވާމީ ގޮތުން ވެސް ފާހަގަކޮށްލެވޭ ތަނަކަށް ރާއްޖެ ހެދޭނެ ކަމަށް ކަމާ ބެހޭ ބޭރުގެ ތަޖުރިބާކާރުން މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) އިން އިންތިޒާމްކުރާ ލެކްޗަ ސިލްސިލާ، "ފިންޓޯކް" ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން، އެ ސެންޓަރުގެ ޗެއާޕާސަން އައިޝަތު މުނީޒާ ވިދާޅުވިގޮތުގައި، ސިނާއަތެއްގެ ގޮތުގައި އިސްލާމިކް ފައިނޭންސް ރާއްޖޭގައި ތަރައްގީ ކުރަން ގިނަ މަސައްކަތްތަކެއް މިދިޔަ ފަސް އަހަރުގެ ތެރޭގައި ވަނީ ކޮށްފަ އެވެ. މި މަސައްކަތުގެ ނަތީޖާ ރަނގަޅު ކަމަށާއި އެ ގޮތުން ގިނަ ކާމިޔާބީތަކެއް ހޯދިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މުނީޒާ ފާހަގަކުރެއްވި އެންމެ މުހިއްމު ކާމިޔާބީ އަކީ އިސްލާމިކް ފައިނޭންސްގެ ދާއިރާ ތަރައްގީވެފައިވާ މިންވަރު ވަޒަން ކުރުމަށް ފަހު، އަހަރަކު އެއްފަހަރު ނެރޭ ބައިނަލްއަގުވާމީ މިންގަނޑެއް ކަމަށްވާ އައިސީޑީ ތޮމްސަން ރޮއިޓާސް އިސްލާމިކް ފައިނޭންސް ޑިވެލޮޕްމަންޓް ރިޕޯޓުގެ މިދިޔަ އަހަރުގެ އަދަދުގައި، އެ ދާއިރާ އިން އެންމެ ކުރިއަރަމުން އަންނަ 15 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުމެވެ.

"އިސްލާމިކް ފައިނޭންސް މެދުވެރިކޮށް، ރާއްޖޭގެ ނާޒުކު އިގްތިސާދު ފުޅާކޮށް، ތަރައްގީ ކުރެވޭނެ،" ހޮޓެލް ޖެންގައި ބޭއްވި ފިންޓޯކުގެ ފުރަތަމަ ސެޝަންގައި މުނީޒާ ވިދާޅުވި އެވެ.

ފިންޓޯކުގައި މުނީޒާ މިއަދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފިންޓޯކުގައި މުނީޒާ މިއަދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ސެޝަންގައި، މެލޭޝިއާގެ އިސްލާމިކް ފައިނޭންޝަލް ސާވިސަސް ބޯޑް (އައިއެފްސީބީ)ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ދަތުކް ރިފާތު އަހުމަދު އަބްދުލް ކަރީމް ވިދާޅުވި ގޮތުގައި، ދުނިޔޭގެ އިގްތިސާދުގައި އިސްލާމިކް ފަައިނޭންސްގެ ދާއިރާ އިން މިހާރު ހިއްސާކުރަނީ އެންމެ ޕަސެންޓެކެވެ. އެކަމަކު، އެ ދާއިރާ ވަރަށް ބާރު މިނުގައި ކުރިއަރަމުން އަންނަ ކަމަށާއި އާއްމު ބޭންކުތަކުން ވެސް އިސްލާމިކް ފައިނޭންސްގެ ތެރެ އަށް ވަންނަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ވަރަށް ފުރުސަތު ބޮޑު ދާއިރާއެއް،" އިސްލާމިކް ފައިނޭންސްގެ ދާއިރާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރައްވައި، އެކި ޝަރަފުތައް ވެސް ހޯއްދަވާފައިވާ ރިފާތު ވިދާޅުވި އެވެ.

އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއަރުވަން ރާއްޖެ އަށް ވަނީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، ހާއްސަ ސިފަތަކެއް ލިބިފަ އެވެ. އޭގެ ތެރޭގައި، ޑޮލަރުގެ ރަސްމީ އަގު އެއްވަރެއްގައި ހިފަހައްޓާފައި ވުމާއި އޮން އެރައިވަލް ވިސާ ލިބުން އަދި އެސްއީޒެޑްގެ ގާނޫނެއް އެކުލަވާލާފައިވުން ފަދަ ފަސޭހަތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިންޓޯކުގައި އިސްލާމިކް ފައިނޭންސްް ދާއިރާގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފިންޓޯކުގައި އިސްލާމިކް ފައިނޭންސްް ދާއިރާގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރިފާތުގެ ވާހަކަ އަށް، މެލޭޝިއާގެ ސްޓޭންޑާޑް ޗާޓާޑް ބޭންކުގެ ކުރީގެ ސީއީއޯ އަފާގު ހާން ވެސް އެއްބަސްވެވަަޑައިގެންނެވި އެވެ. ރާއްޖެ އަށް ލިބިފައިވާ ހާއްސަ ސިފަތައް ތަފްސީލުކޮށް ދެއްވަމުން، އޭނާ ދެއްވި ޕްރެޒެންޓޭޝަންގައި ވިދާޅުވި ގޮތުގައި ރާއްޖޭގެ ނަމަށް އެކަނި ބެލިޔަސް އެހެން އެއްވެސް ގައުމަކަށް ނުލިބޭ ވަރުގެ ބޮޑު ފުރުސަތެއް ރާއްޖެ އަށް ވަނީ ފަހިވެފަ އެވެ.

"ރާއްޖެއޭ ބުނީމަ ނޭނގޭ މީހަކު ނުހުންނާނެ. ރާއްޖެ އަށް އަންނަން ބޭނުން ނުވާ މީހަކު ނުހުންނާނެ. ރާއްޖޭގައި ދިރިއުޅެން ބޭނުން ނޫން މީހަކު ނުހުންނާނެ. ރާއްޖޭގައި ވަޒީފާ އަދާކުރަން ބޭނުން ނޫން މީހަކު ނުހުންނާނެ،" އަފާގު ވިދާޅުވި އެވެ.

އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއަރުވަން އޮފްޝޯ ފައިނޭންޝަލް ސެންޓަރެއް ގާއިމްކުރުމުގެ މައްޗަށް ބިނާކުރައްވާފައިވާ އެ ޕްރެޒެންޓޭޝަންގައި އޭނާ ވިދާޅުވީ އެ ފަދަ އިންވެސްޓްމަންޓް ރާއްޖެ އަށް ގެނައުމަކީ އުނދަގޫ ކަމެއް ނޫން ކަމަށެވެ. އެ ގޮތުން، ދުނިޔޭގެ މައި ހުރިހާ އެއާލައިނަކުންހެން ރާއްޖެ އަށް ފްލައިޓް އޮޕަރޭޓް ކުރަމުން އަންނަ ކަމަށާއި އޮން އެރައިވަލް ވިސާ ވެސް ރާއްޖެ އަންނަ ބޭރުގެ މީހުންނަށް ލިބޭކަން އަފާގު ފާހަގަކުރެއްވި އެވެ.

"[މެލޭޝިއާ އިން] މޮރިޝަސް އަށް ދާން އެބަ ނަގާ އަށް ގަޑިއިރު. އެކަމަކު، ރާއްޖެ އަށް އެބަ އާދެވޭ ތިން ގަޑިއިރާއި ބައިން. އެހެންވީމަ، އަޅުގަނޑު އަންނާނީ ރާއްޖެ އަށް،" އޭނާ ވިދާޅުވި އެވެ.

އިސްލާމިކް ފައިނޭންސްގެ ދާއިރާ އަށް ބޭނުންވާ ފައިސާ ހޯދާނެ ގިނަ ފުރުސަތުތަކެއް މިހާރު ވެސް ރާއްޖެ އަށް ފަހިވެފައިވާ ކަމަށް އަފާގު ވިދާޅުވި އެވެ. އެ ގޮތުން، ޓޫރިޒަމާއި މަސްވެރިކަމުގެ ދާއިރާ މެދުވެރިކޮށް ބޭރު ފައިސާ ހޯދުމުގެ ފުރުސަތު އޮތްއިރު، ޑޮލަރުގެ ރަސްމީ އަގު އެއްވަރެއްގައި ހިފަހައްޓާފައި ވުމާއި އިގްތިސާދީ ގޮތުން ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅުން ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ.

ފިންޓޯކުގައި މެލޭޝިއާގެ ސްޓޭންޑާޑް ޗާޓާޑް ބޭންކުގެ ކުރީގެ ސީއީއޯ އަފާގު މިއަދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފިންޓޯކުގައި މެލޭޝިއާގެ ސްޓޭންޑާޑް ޗާޓާޑް ބޭންކުގެ ކުރީގެ ސީއީއޯ އަފާގު މިއަދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު، އިސްލާމިކް ފައިނޭންސްގެ ދާއިރާ އަށް ބޭނުންވާ ބޭރުގެ ތަޖުރިބާކާރުން ރާއްޖެ އައިސް މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އުފެދޭނެ ފަދަ ގޮތަކަށް ކަންކަން ބައްޓަން ކުރަންޖެހޭ ކަމަށް އަފާގު ވިދާޅުވި އެެވެ. އޭގެ ތެރޭގައި އޭނާ ފާހަގަކުރެއްވި ބައެއް ކަންކަމަކީ އެކަށީގެންވާ ފެންވަރުގެ ސްކޫލުތަކާއި ހޮސްޕިޓަލުތަކާއި އެ ފަދަ އަސާސީ ވަސީލަތްތައް ތަރައްގީ ކުރުމެވެ.

"ބޭރުގެ ތަޖުރިބާކާރުންގެ ކިބައިން ދިވެހިންނަށް ތައުލީމާއި ތަޖުރިބާ ހޯދޭނެ. އަދި ދިވެހިންނަށް ވެސް ބޭރުގެ ގައުމުތަކަށް ގޮސް، އިސްލާމިކް ފައިނޭންސްގެ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ދާނެ،" އަފާގު ވިދާޅުވި އެވެ.

އިސްލާމިކް ފައިނޭންސް ސެންޓަރުން މިއަދު ފެށި "ފިންޓޯކް"ގެ ދަށުން އެކި ދުވަސްވަރު ލެކްޗަތައް ބާއްވަން ވަނީ ނިންމައިފަ އެވެ. މި ސިލްސިލާގައި، ރާއްޖެ އާއި ބޭރުގެ ތަޖުރިބާކާރުންގެ ބައިވެރިވުމާ އެކު، ރާއްޖޭގެ އިސްލާމިކް ފައިނޭންސްގެ ދާއިރާ ތަރައްގީކޮށް، ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ވަރުގެ ސިނާއަތަކަށް ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.