ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް، ވެރިކަމުގެ ދައުރު ދަންމާލަން ޖެހޭ ކަމަށް މަަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެ އެވެ.
14 އޯގަސްޓް 2025
ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް، ވެރިކަމުގެ ދައުރު ދަންމާލަން ޖެހޭ ކަމަށް މަަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެ އެވެ.
ޔޫޓިއުބް ޗެނަލް، "ދެނޯ" އަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި، ޗަމްޕާ ބްރަދާސްގެ ވެރިޔާ އުއްޗު ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ކުރަން އެންމެ ރަނގަޅު ކަމަކީ ވެރިކަމުގެ މުއްދަތު ދަންމާލުން ކަމަށެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ވެރިކަން ކުރަން ކޮންމެ ވެރިއަކަށް ވެސް 10 އަހަރު ނުވަތަ 15 އަހަރުގެ މުއްދަތެއް ދޭން ޖެހެ އެވެ. ފަސް އަހަރުގެ ދައުރެއްގައި ރައްޔިތުން ބޭނުންވާ ކަންކަން "ތެޅިފޮޅިގެން ހާސްކަމެއްގައި" ވެރިންނަށް ކޮށްނުދެއްވޭނެ ކަމަށް ވިދާޅުވި އެވެ.
އުއްޗު ވިދާޅުވި ގޮތުގައި ދުނިޔޭގެ ނިސްބަތުން އެންމެ ގިނައިން ޑޮލަރު ލިބޭ އެއް ގައުމަކީ ރާއްޖެ އެވެ. މިސާލެއްގެ ގޮތުގައި އޭނާ ވިދާޅުވީ "ވާރޭވެހޭހެން" ރާއްޖެއަށް ޑޮލަރު ލިބޭ ކަމަށެވެ.
"ޑޮލަރުގެ މައްސަލަ ހައްލުކުރަން އެންމެ ބޮޑު ކަމަކަަށް، އަޅުގަނޑަށް ވިސްނެނީ ދިވެހިރާއްޖެއަކީ ޑޮލަރު ވާރޭވެހޭހެން ވެހޭ ތަނެއް ދުނިޔޭގެ ނިސްބަތުން އެކަން އެންމެން ވެސް ގަބޫލުކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.
ރާއްޖެއަކީ އާބާދީގެ ނިސްބަތުން ކުޑަ ގައުމަކަށް ވިޔަސް މިއީ ބޮޑު ގައުމެއް ކަމަށާއި ދުރު ދުރުގައި ރަށްތައް އުފެދިފައި އޮތުމާއި ގާތްގަނޑަކަށް 200 ރަށުގައި މީހުން ދިރިއުޅެމުން އަންނައިރު މިއިން ކޮންމެ ރަށަކަށް ބޭނުންވާ ކަންކަން ކުރުމަށް ބޮޑެތި ހަރަދުތަކެއް ހިނގާ ކަމަށް އޭނާ ވިދާޅުވި އެވެެ.
"[ކޮންމެ ރަށަކަށް ހުރިހާ ކަންތައްތަކެއް ކޮށްދޭންޖެހޭ] އެހެންވީމަ، ހަރަދުތައް ހިނގާނެ. އަންނަ ކޮންމެ ވެރިއެއްގެ ޖީބަކުން ނޫން ކުރަނީ. ރައްޔިތުންގެ ލާރީގައި ކުރަނީ،" އޭނާ ވިދާޅުވި އެވެ.
މަަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)، ރައީސް މުއިއްޒުއާ ސަލާމްކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް
އުއްޗު ވިދާޅުވީ ރަށްރަށަށް ބޭނުންވާ ކަންކަން ނުވުމުން އޭރެއްގައި ހުންނަ ވެރިއަކަށް އެއްޗެހި ގޮވާނެ ކަމަށާއި ދެން ޖެހެނީ ލޯނު ނަގައިގެން ވެސް ރަށްރަށުގެ މީހުންގެ ބޭނުންތައް ވެރިން ފުއްދައިދޭން ކަމަށެވެ.
"އެކި ކަންކަން ކޮށްދޭން ޖެހޭ. ދެން މި ހުރިހާ ކަމެއް ކުރަން ވެސް ޑޮލަރުން ލޯނު ނަގަނީ. މީގެ އެންމެ ބޮޑު ސަބަބަކީ މިފަދަ ބޮޑު ރާއްޖެއަކަށް ކުޑަ ތަނެއް ނޫން މިއީ. ރަށްތައް އުފެދިފައިވާ ގޮތުން ދުރުވެފައި މި އޮންނަނީ. މިފަދަ ބޮޑު ކަންތައްތަކެއް ކުރަން ހުރި ރާއްޖެއަކަށް ފަސް އަހަރު މާކުޑައީ ވެރިކަންކުރަން އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް ވެރިކަން ކުރަން ފަސް އަހަރުގެ މުއްދަތެއް ކުޑަވާ ސަބަބަކީ އެހެން ގައުމުތަކަކީ އެއްގަމުން ދަތުރުކޮށް، ލަކުޑި އާއި ހިލަ އާއި ހިލަވެއްޔާއި ދަގަނޑު ފަދަ ތަކެތި ލިބޭ ގައުމުތައް ނަމަވެސް ރާއްޖެއަށް އެ ގޮތް ނެތުމުން ކަމަށް އުއްޗު ވިދާޅުވި އެވެ.
ރާއްޖެއަށް ތަކެތި އެތެރެކޮށް އަދި ރަށްރަށަށް އުފުލުމަކީ އުނދަގޫކަމަށްވާއިރު ވެރިން އެކަންކަން ކޮށްދެނީ ވަރަށް މަސައްކަތުން ކަމަށާއި އެކަމަށް ސެލިއުޓްކުރާ ކަމަށް އުއްޗު ވިދާޅުވި އެވެ. އެކަމަކު އެކަންކަން ކުރުމަށް ވެރިންނަށް ލިބޭ މުއްދަތު މާ ކުޑަވުމުގެ ސަބަބުން ހަމަޖެހިލައިގެން މަސައްކަތްކުރަން ފުރުސަތު ނުލިބޭ ކަމަށާއި ހުރިހާ މަސައްކަތެއް ވެސް ކުރަންޖެހެނީ ހާސްކަމުގައި ތެޅިފޮޅިގެން ކަމަށް ވިދާޅުވި އެވެ.
ވޭތުވެދިޔަ 40 އަހަރު ޓޫރިޒަމް ވިޔަފާރީގައި އުޅުއްވި އުއްޗު ވިދާޅުވި ގޮތުގައި ފަސް އަހަރުގެ މުއްދަތުގައި ޑޮލަރަށް ރައްޔިތުންގެ ޑިމާންޑު އޮންނަވަރާ އަޅާބަލާއިރު އަގު ދަށް ނުކުރެވޭނެ އެވެ. ރަށްރަށުގައި އެއާޕޯޓު އެޅުމާއި އެހެން ކަންކަމަށް ޑޮލަރު ހޭދަކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
އުއްޗު ވިދާޅުވީ ރާއްޖެއިން ބޭރުން ލޯނު ނެގިޔަސް އެއީ ސީދާ ނަގުދު ޑޮލަރުން ރާއްޖެއަށް ލިބޭ ފައިސާ ނޫން ކަމަށެވެ. އަވައްޓެރި ގައުމުތަކުންދޭ ލޯނުގައި ހިންގާ މަޝްރޫއުއަކަށް އެ ގައުމެއްގެ މަސައްކަތްތެރިން ރާއްޖެއަށް މަޝްރޫއު ހިންގަން ފޮނުވާ ކަމަށާއި އެ މަސައްކަތަށް ފައިސާ ދައްކަން ޖެހެނީ ޑޮލަރުން ކަމަށް ވިދާޅުވި އެވެ. އެއީ ވެސް ރާއްޖެއަށް ލިބޭ ޑޮލަރު ދާ ގޮތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޑޮލަރު ނަގާ އަދަދު މަތިކުރީ ވިޔަފާރިތަކަށް ދޫކުރަން
ޑޮލަރުގެ މައްސަލަ ހައްލުވާން ފަށައިފި، ބަދަލު ފެންނާނެ
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
ރިސޯޓުތަކުން 40 މިލިއަން ޑޮލަރު މާރުކުރާނެ
ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރުން ލާޒިމްވެއްޖެ
ޑޮލަރު މާރުކުރާ ގަވައިދު ބަދަލެއް ނުކުރާނަން: ރައީސް
މުހިއްމު ގަވާއިދެއް، ގެސްޓް ހައުސްތަކަށް ގެއްލުންވެދާނެ
"ޓޫރިޒަމް ދާއިރާގައި ރުފިޔާގެ ޑިމާންޑެއް އުފެއްދޭނެ"
ފައިސާ މާރުކުރާ ތަންތަނުގައި ބިދޭސީންނަށް ނުތިބެވޭނެ
ޓޫރިޒަމުން ވަންނަ ޑޮލަރު ބޭންކަށް ޖަމާކުރަންލާޒިމްކޮށްފި