Roadha Mihaaru

އެމްއެމްއޭއަށް ނަގާ ޑޮލަރުގެ އަދަދު މަތިކުރީ ވިޔަފާރިތަކަށް ހަރުދަނާކޮށް ޑޮލަރު ލިބޭނެ ގޮތް ހަދަން: އެމްއެމްއޭ

ޓޫރިޒަމް ދާއިރާ އިން ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ ތެރެއިން ބޭންކުތަކުން އެމްއެމްއޭ އަށް ވިއްކަންޖެހޭ އަދަދު ބޮޑުކުރަން ނިންމީ ވިޔަފާރިތަކަށް "ހަރުދަނާކޮށް ޑޮލަރު ލިބޭނެ ގޮތް ހަދަން" ކަމަށް އެމްއެމްއޭއިން މިއަދު ބުނެފި އެވެ.

ޑޮލަރު ނަގާ އަދަދު މަތިކުރީ ވިޔަފާރިތަކަށް ދޫކުރަން

ޓޫރިޒަމް ދާއިރާ އިން ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ ތެރެއިން ބޭންކުތަކުން އެމްއެމްއޭ އަށް ވިއްކަންޖެހޭ އަދަދު ބޮޑުކުރަން ނިންމީ ވިޔަފާރިތަކަށް "ހަރުދަނާކޮށް ޑޮލަރު ލިބޭނެ ގޮތް ހަދަން" ކަމަށް އެމްއެމްއޭއިން މިއަދު ބުނެފި އެވެ.

ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ ވަކި އަދަދެއް ބޭންކުތަކަށް މާރުކުރަން ޖެހެ އެވެ. ބޭންކުތަކަށް ލިބޭ ބޭރު ފައިސާގެ 60 ޕަސެންޓު މަރުކަޒީ ބޭންކު އެމްއެމްއޭ އަށް ވިއްކަން ޖެހެ އެވެ.

ނަމަވެސް އަންނަ މަހުން ފެށިގެން ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާ 90 ޕަސެންޓް އެމްއެމްއޭއަށް ވިއްކަން ޖެހޭ ގޮތަށް މިހާރު ހަމަޖަައްސައިފަ އެވެ.

އެކަމާ ގުޅިގެން، އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ބަދަލު ގެނައީ ކޮންމެ ހަފުތާއަކު ބޭންކުތައް މެދުވެރިކޮށް ވިޔަފާރިތަކަށް ދޫކުރާ ބޭރު ފައިސާ ހަރުދަނާ ގޮތެއްގައި ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ ވަކި މިންވަރެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ގާނޫނެއް ވަނީ ފާސްކޮށްފަ އެވެ. އެ ގާނޫނުގެ ދަށުން، ޓޫރިޒަމްގެ ދާއިރާގެ އެކި ފަންތީގެ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރަންޖެހޭ ޑޮލަރުގެ މިންވަރު ތަފާތެވެ.

ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުމެވެ.

"ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.

އަލަށް ގެނައި ގާނޫނުގެ ދަށުން، މިދިޔަ މާޗް މަހުގެ ނިޔަލަށް ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ބޭންކުތަކަށް މާރުކުރި އަދަދު 150 މިލިއަން ޑޮލަރަށް އަރާ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.