26 ޑިސެމްބަރ 2022
މީގެ 18 އަހަރު ކުރިން ރާއްޖެ އަށް އެރި ސުނާމީގައި މ. ކޮޅުފުއްޓަށް ލިބުނު ގެއްލުންތަކުގެ ވާހަކަތައް ދައްކަވަމުން، އެ ރަށަށް އުފަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް މިއަދު ރޮވިއްޖެ އެވެ.
މީގެ 18 އަހަރު ކުރިން ރާއްޖެ އަށް އެރި ސުނާމީގައި މ. ކޮޅުފުއްޓަށް ލިބުނު ގެއްލުންތަކުގެ ވާހަކަތައް ދައްކަވަމުން، އެ ރަށަށް އުފަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް މިއަދު ރޮވިއްޖެ އެވެ.
ކޮޅުފުށީގައި މިހާރު ކުރިއަށްދާ ރާއްޖޭގެ އެއްބައިވަންތަކަމުގެ ރަސްމީ ޖަލްސާ ތައާރަފްކޮށްދެއްވަމުން އިމްރާން ވަނީ ސުނާމީ އެރި ދުވަހުގެ ހަނދާންތައް އާ ކުރައްވައިފަ އެވެ. އޭނާ އަށް ރޮވުމާ އެކު ވާހަކަ ދެއްކެވުން ކުރިއަށް ނުގެންދެވި، 3-4 ފަހަރު މަޑުޖައްސާލަން ޖެހުނެވެ.
އޭނާ ވިދާޅުވީ ސުނާމީ އެރުމުގެ ކުރިން ކޮޅުފުއްޓަކީ ހުރިހާ ގޮތަކުން ވެސް އެއް ވަނަ ނުވަތަ ދެ ވަނައިގައި ހިމެނުނު ރަށެއް ކަމަށެވެ. އެކަމަކު، ބޮޑު ރާޅާއެކު މުޅި ރާއްޖޭގައި އެންމެ ނިކަމެތި ހާލަތަށް ކޮޅުފުށި ވެއްޓުމަކީ ދެރަ ބަހަކަށް ނުވާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފުވެރިކޮށްދެއްވާ ރަސްމިއްޔާތުގައި އިމްރާން ވިދާޅުވި އެވެ.
"ޑިސެމްބަރު 26، 2004 ވީ އާދިއްތަ ދުވަހުގެ ހެނދުނުގެ ސާއަތްތަކަށް އަޅުގަނޑުމެން ނޭވާލާންޖެހުނީ ހިތާމަޔާ، ކެކުޅުމާ، އާހުގެ އަޑުތަކުގެ ތެރެއަށް. ފުއްޓަރު ފަރާތުން ހޮޅިލާ މުގުރަމުން، ރަށު ތެރެއަށް އަރައިގެން އައި ބިޔަ ރާޅުތަކުގެ ހޮނު ގުގުރި ފަދަ ގަދަ ފަދަ އަޑުފައްޓަގަނޑާއެކު، ބިރުން ވިރި، ސިހި، ގޮތް ހުސްވެގެން ނުދާ ކުޑަކުއްޖެއް، ބޮޑު މީހެއް، ހަރުމީހެއް ނުވޭ،" އޭނާ ހަނދާންތައް އާކުރެއްވި އެވެ.
"...ދެމެމުން ދިޔަ ބާރު އޮޔާއެކު ދެތިން ސަތޭކަ މީހުން ރަށުގެ މައި ފަސްގަނޑުން ބޭރުވި. ނަމަވެސް މާތްﷲގެ ރަހުމަތާ އެކު ހުޅަނގު ފަރާތުން ހިނދި ބޮޑުވި ރާޅާއެކު އެންމެން ކަހަލަ ގޮތަކަށް އަނބުރާ ރަށު ތެރެއަށް އެރެވުނު. މަދު މިނިޓު ކޮޅެއްގެ ތެރޭގައި ހަޔާތް ބަރުބާރުވި ކަހަލަ. ހަމަނޭވާއެއް ލެވުނުއިރު މައިންބަފައިންނާއި އަނބިދަރިންގެ ތެރެއަށް ބަޔަކު ވަނީ އަބަދަށްޓަކާައި މި ދުނިޔެއާ އަލްވަދާއު ކިޔާފައި."
އިމްރާންގެ ބައްޕަ މިއަދުގެ ޖަލްސާގައި
މިނިސްޓަރު ވިދާޅުވީ ސުނާމީ އަށް ފަހު ރައްޔިތުންގެ ބޯހިޔާވަހިކަން ގެއްލި، އާމްދަނީ ލިބޭނެ ގޮތްތައް ބަންދުވެ، އިޖުތިމާއީ ފޭރާން ވީދި، ރައްޔިތުން ނިކަމެތިވެގެން ދިޔަ ކަމަށެވެ. ކައްކައި ކާނެ ގޮތެއް ނެތި، ވަންނާނެ ގެގޮރެއް އަދި ފައި ޖައްސާނެ ހަރު ފަސްކޮޅެއް ނެތް ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުން ނިކުންނަން ޖެހުނީ ބަނދަރުމަތީ އޮތް ހިކިފަސްކޮޅަށް. ތުއްތު ދަރިފުޅު ނިންދަވަން ޖެހުނީ ފަޅު ދޯނީގައި. ދުވަހުގެ އިރުއޮއްސި ރޭކުރަން ޖެހުނީ ކަނު އަނދިރިޔާ ބިރުވެރިކަމާއި ނާމާންކަމުގެ ޖަންގެއްޔެއްގައި." މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް އެ ދެރަ، ނިކަމެތި ހާލުން އަރައިގަތުމަށް ބުރަ އަދި ގޮންޖެހުން ބޮޑު މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށް ވިދާޅުވި އެވެ.
އެ ގެއްލުންތަކުން އަރައިގަތުމަށް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން ވަރަށް މަސައްކަތްކޮށްފި ކަމަށާއި އެކަމަކު، މި ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ކޮށްދިން މަސައްކަތުގެ އަގުބޮޑުވެ، ރައްޔިތުންނަށް ލިބުނު ހިތްހަމަޖެހުން ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އަމިއްލަ ރަށުގެ ހާލަތު މިހާރަށް ވުރެ ބަދަލުކޮށްދިނުމަށް އިމްރާން ވަނީ ރައީސަށް އިލްތިމާސްކޮށްދެއްވައިފަ އެވެ.
"މި ރަށް ކުރިން އޮތް ހާލަތަށް އަނބުރާ ގެނެސްދިނުމަކީ މި ރަށުގެ ދަރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު ރައީސަށް ކުރާ އިލްތިމާސެއް. ވޭތެވެދިޔަ ހައެއްކަ އަށެއްކަ އަހަރު މަސައްކަތްކުރެވިފައި ހުރީ،" އިމްރާން ވިދާޅުވި އެވެ.
ކޮޅުފުއްޓަކީ ސުނާމީގައި އެންމެ ގެއްލުން ލިބުނު އެއް ރަށެވެެ. އެ ކާރިސާގައި އެ ރަށުން 14 މީހުން މަރުވި އެވެ.
އެއްބައިވަންތަކަމުގެ ދުވަހަށް ރައީސް ކޮޅުފުއްޓަށް
މިއީ ގައުމު އިސްކުރަންވީ ވަގުތު: ޝައިޚް އިމްރާން
އޮޔާދިޔަ އެޑްރެހާ އެކު ހައްގުތަކެއް ގެއްލި 20 އަހަރު
މި އާއިލާގެ ހިތް ދޫވީ ރާއްޖޭގެ ހިމޭން ދިރިއުޅުމަށް
މީހަކު ކުރާ ކުށެއްގެ ނާޖައިޒު ފައިދާ ނަގައިގެން ނުވާނެ
އިމްރާން: މަކުނުދޫ ދާއިރާއާ އޮތީ ހާއްސަ ގުޅުމެއް!
ކުރީގެ މިނިސްޓަރު އިމްރާން މަޖިލީހަށް ވާދަކުރައްވަނީ
ވަރުގަދަ ބިންހެލުމަކަށް ފަހު ޖަޕާނަށް ސުނާމީއެއް
ސުމަޓްރާގެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ:މެޓް
"ހަނދާންކުރަން ބޭނުންވަނީ އެހީ އާއި ހިތްހެޔޮކަން"