މީގެ 34 އަހަރު ކުރިން، މާލޭ ސެންޓްރަލް ހޮސްޕިޓަލްގައި ނަރުހެއްގެ ވަޒީފާއިން މި ދާއިރާއަށް ނުކުތް ރައުފިއްޔާ ވަލީދަށް ފެނުނު އެތައް މަންޒަރަކުން ވެސް އަދިވެސް އެންމެ ހަނދާނުގައި ހުންނަ އެއް ކަމަކީ ކުރިމަތީގައި ފަސް މީހުން މަރުވި ރެޔެކެވެ.
12 މެއި 2025
މީގެ 34 އަހަރު ކުރިން، މާލޭ ސެންޓްރަލް ހޮސްޕިޓަލްގައި ނަރުހެއްގެ ވަޒީފާއިން މި ދާއިރާއަށް ނުކުތް ރައުފިއްޔާ ވަލީދަށް ފެނުނު އެތައް މަންޒަރަކުން ވެސް އަދިވެސް އެންމެ ހަނދާނުގައި ހުންނަ އެއް ކަމަކީ ކުރިމަތީގައި ފަސް މީހުން މަރުވި ރެޔެކެވެ.
މާލެއިން އޯ ލެވެލް ނިންމާލުމަށް ފަހު އުފަން ރަށް، މ. ކޮޅުފުށީގައި ހުއްޓާ ނަރުސްކަން ކިޔަވާނެ ކުދިން ހޯދަން ކުރި އިއުލާނެއް ފެނި ހޯދި ފުރުސަތުގައި ނަރުހަކަށްވެ ސެންޓްރަލް ހޮސްޕިޓަލްގައި ވަޒީފާ އަދާކުރަން ފެށިތާ އޭރު އަދި މާ ގިނަ ދުވަހެއް ވެސް ނުވެ އެވެ.
ރައުފިއްޔާ ބުނީ ފަސް މީހުން މަރުވި ރެޔަކީ އޭނާ އެކަނި ޑިއުޓީގައި އުޅެން ޖެހުނު ރެއެއް ކަމަށެވެ. ރައުފިއްޔާ ބުނި ގޮތުގައި އެއީ އޭނާއަށް ހެދުނު ގޯހެއްގެ ސަބަބުން ދިމާވި ކަމެކޭ ހިތަށް އަރައި ވަރަށް ބޮޑަށް އުނދަގޫވި އެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ.
ރައުފިއްޔާ، މީހަކަށް ހިދުމަތް ދެނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"އެރޭ ވަރަށް ގިނައިން ރޮވުނު. ގެއަށް ގޮސްފައި ވެސް ނުނިދުނު. ފަހުން ސްޓާފް ނަރުހަކަށް އުޅުނު ކުއްޖެއް މި ބުނަނީ ކިތައްމެ ރަނގަޅަށް ކަންތައް ކޮށްދިނަސް ވަގުތު އައިސް ޖެހުނީމަ ދާނެއޭ. އެ ހިސާބުން މީހާ ހަމައަކަށް އެޅުނީ." ރައުފިއްޔާ ބުންޏެވެ.
ރައުފިއްޔާ ބުނީ އޭނާ ނަރުސްކަމާ ގުޅެން ނިންމި އިރު އެ ދުވަސްވަރަކީ އެކަމަށް މީހުންގެ ޝައުގުވެރިކަމެއް ވެސް މާބޮޑަށް ހުރި ދުވަސްވަރެއް ނޫން ކަމަށެވެ. އޭރު އޭނާއަށް އެ ލިބުނު ނާސިންގެ އެޑްވާންސް ކޯހަކީ ވެސް މުލީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލްގެ އިމާރާތް ނިމުމުން އެ ތަނަށް ބަދަލުވާން ޝަރުތުކޮށް ދިން ކޯހެކެވެ.
އެކަމަކު، ރައުފިއްޔާ، 55، ބުނި ގޮތުގައި ދެ އަހަރާއި ހަ މަސް ދުވަހުގެ ކޯސް ނިމުނުއިރު ވެސް އެ އިމާރާތެއް ނުނިމެ އެވެ. އެހެންވެ، ސެންޓްރަލް ހޮސްޕިޓަލުގެ މަސައްކަތާ ގުޅުނެވެ. އޭގެ އަހަރެއް ފަހުން މުލީ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށް، އެކަމަކު 15 ދުވަސް ފަހުން އަނބުރާ މާލެ ގެނައީ އެވެ. އޭގެ ފަހުން، އައިޖީއެމްއެޗް ހަދައި އެ ތަނަށް ބަދަލުކުރި ފުރަތަމަ ހަ ނަރުހުންގެ ތެރެއިން އެކަކަކީ ރައުފިއްޔާ އެވެ.
އައިޖީއެމްއެޗަށް އެންމެ ފުރަތަމަ ގުޅުނު ނަރުހުންގެ ތެރޭގައި ހިމެނޭ ރައުފިއްޔާ "މިހާރު"އަށް އިއްޔެ އިންޓަވިއު ދެނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އޭނާ ބުނީ މި ހޭދަވި ދިގު މުއްދަތުގައި އެތައް ކަމެއް ތަޖުރިބާކުރެވިފައި ވާއިރު ދޯންޏެއް ބަންޑުން ޖަހާލައިގެން އެއްފަހަރާ ހަތް މީހުން މަރުވެގެން ގެނައި ދުވަހަކީ ވެސް ހަނދާނުން ނުފިލާނެ ދުވަހެއް ކަމަށެވެ. އެއީ ޕެންޒީމާގޭ އާއިލާގެ ބަޔަކު ނިޔާވި، މުޅި ރާއްޖެއަށް ސިހުން ގެނުވި ހިތާމަވެރި ހާދިސާ އެވެ.
މިފަދަ އެތައް ތަޖުރިބާއަކާ އެކު އައިޖީއެމްއެޗްގެ އެކި ތަންތަނުގައި މަސައްކަތްކޮށް މިހާރު ހުރީ ފުއްޕާމޭގެ ބަލިތަކުގެ ޑިޕާޓްމަންޓުގަ އެވެ.
އޭނާގެ ހިދުމަތަށް 34 އަހަރުވީ އެވެ. ބަލި އެނދުގައި ތިބޭ މީހުންނަށް އެންމެ ކައިރިން އެހީތެރިކަމުގެ އަތް ދިއްކޮށްލާ އެކަކަކީ އޭނާ އެވެ. އެތައް ބަޔަކަށް ލުއިތަކެއް ގެނެސްދީފި އެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް އޭނާގެ މަސައްކަތް އާއްމުން ބަލައިގަތުމަކީ ލިބޭ އެންމެ ބޮޑު އުފަލެވެ.
ރައުފިއްޔާ ބުނީ ހިދުމަތް ހޯދަން ހޮސްޕިޓަލަށް ގޮސް ރައުފިއްޔާ ފެންނަން ނެތުމުން އޭނާ ހޯދާ މީހުން ވެސް ގިނަ ކަމަށެވެ.
"ބަލި މީހުން ބުނާނެ ވަރަށް ގިނައިން ހާދަ ރަނގަޅު ކުއްޖެކޭ، އެހެން ބުނެލާ ފަހަރު ވަރަށް އުފާވޭ." އެއްބަނޑުއެއްބަފާ 11 ކުދިންގެ ތެރެއިން ދެ ވަނައަށް އެންމެ ދޮއްޓަށް ހުރި ރައުފިއްޔާ ބުންޏެވެ.
ރައުފިއްޔާ.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"ހަމައެކަނި ރުފިޔާ ހޯދާކަށް މި މަަސައްކަތެއް ނުކުރެވޭނެ. މިއީ، ވަރަށް ބޮޑު މަސައްކަތެއް. އަންނާނެ އެކި ވައްތަރުގެ، އެކި މިޒާޖުގެ މީހުން ...،"
"ބަލި މީހުން މި ތަނަށް ވަދެގެން އަންނައިރު ފެންނާނީ އެ މީހުން އެއްބަނޑުއެއްބަފާ މީހުންނަށް ވެސް އަޅުގަނޑުމެން، މައިންބަފައިން ގޮތަށް ވެސް އަޅުގަނޑުމެން ފެންނާނީ. އެހެންވިއްޔާ އަޅުގަނޑުމެން ޖެހޭނެތާ ގަބޫލުކޮށްގެން އެ މީހުންނަށް ވީ އެންމެ ރަނގަޅަށް ކަންތައް ކޮށްދެވޭތޯ ބަލަން. އިންސާނިއްޔަތުކަން ހުންނަން ޖެހޭނެ."
ކިތަންމެ ބުރަކޮށް އުޅުނަސް ރަނގަޅު ސިއްހަތެއްގައި ހުރުމަކީ ރައުފިއްޔާ އެންމެ ސަމާލުކަން ދޭ އެއް ކަމެވެ. އޭގެ ތެރެއިން، ރަސްމީ ވަގުތު ނިންމުމަށްފަހު ކޮންމެ ދުވަހަކު ވެސް އެއް ގަޑިއިރު ހާއްސަކޮށްފައިވަނީ ޖިމަށެވެ. އޭގެ ފަހުން، އަމިއްލަ ކްލިނިކުގައި މަސައްކަތްކުރުމަށް ފަހު ގެއަށް ދެވެނީ ރޭގަނޑު 11 ޖަހާ އިރު އެވެ.
ޖެހިގެން އަންނަ ދުވަހު ވެސް ފަތިހު ތެދުވެ، ހޮސްޕިޓަލަށް ދަނީ، އޭނާއާ އެކު ދިރިއުޅެމުން އަންނަ މަންމަ އާއި ބައްޕައަށް ކާން ތައްޔާރުކޮށް އަނެއްކާވެސް އެތައް ބަޔަކަށް ދެމުން އަންނަ ހުއްޓުމެއް ނެތް ހިދުމަތަށެވެ.
ނަރުހުންގެ އާ ޔުނީފޯމަށް ފާޑުކިއުން!
އައިޖީއެމްއެޗް ނަރުހުންގެ ޔުނީފޯމް ބަދަލުކޮށްފި
ފިރިހެން ނަރުހަކަށް ބުލީކުރުން ކުށްވެރިކޮށްފި
ނަރުސްކަމަށް ވަންނަ ދިވެހިންގެ އަދަދު މައްޗަށް
ނަރުހުންގެ އަޑުއަހައި އިޖާބަދޭނަން: ރައީސް
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި
ސަނިއްޔާ: ރާއްޖޭގެ ފުރަތަމަ ސްޕެޝަލިސްޓް ނަރުސް
ނަރުހުންނާ ގުޅުވައިގެން ދައްކާ ވާހަކަ ދޮގުކޮށްފި
މާވިން އާއި ލަމްހާގެ ނާސިން ލައިސަންސް ބާތިލްކޮށްފި
މަރުވާ ފަދަ އިންޖެކްޝަންތަކެއް ލަމްހާގެ ގެއިން ފެނުނު