Roadha Mihaaru
މަރުވާ ފަދަ އިންޖެކްޝަންތަކެއް ލަމްހާގެ ގެއިން ފެނުނު

މީހަކު މަރުވެދާނެ ފަދަ ބާރުގަދަ އިންޖެކްޝަންތަކެއް ލަމްހާގެ ގެއިން ފެނުނު

06 ޖެނުއަރީ 2022

އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާއާ އެކު ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ދިވެހި ނަރުސް ހަލީމަތު ލަމްހާގެ ގެއިން ފުލުހުންނަށް ފެނުނު ތަކެތީގެ ތެރޭގައި މީހަކު މަރާލަން ބޭނުންކުރެވިދާނެ ފަދަ ބާރުގަދަ އިންޖެކްޝަންތަކެއް ހުރިކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާއާ އެކު ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ދިވެހި ނަރުސް ހަލީމަތު ލަމްހާގެ ގެއިން ފުލުހުންނަށް ފެނުނު ތަކެތީގެ ތެރޭގައި މީހަކު މަރާލަން ބޭނުންކުރެވިދާނެ ފަދަ ބާރުގަދަ އިންޖެކްޝަންތަކެއް ހުރިކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އޮކްޓޫބަރު 19، 2021 ގައި ދަންޖެހިގެން މަރުވި ކަމަށް ބުނާ ނަރުހުގެ މަރުގައި ޝައްކުތަކެއް ހުރުމުން އެ މައްސަލައިގައި ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކުރީ އައިޖީއެމްއެޗްގައި ނަރުހަކަށް އުޅޭ މޭރީގެ ފިރިމީހާ، މާވިންނެވެ. އެ ހޮސްޕިޓަލްގެ އީއާރްގައި ނަރުހަކަށް އުޅޭ، މާވިންގެ ލޯބިވެރިޔާ ލަމްހާ ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

މީހަކު މެރުމުގެ ދައުވާ މާވިންގެ މައްޗަށް އުފުލާފައި ވާއިރު ލަމްހާގެ މައްޗަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުން އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ކޮށްފައިވެ އެވެ.

މި ދައުވާތަކުގެ ތެރެއިން، މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ ކުރަނީ އައިޖީއެމްއެޗްގެ ހުއްދައަކާ ނުލައި އެ ހޮސްޕިޓަލުން ނަގާފައިވާ ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ އަދި ހޮސްޕިޓަލްގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ލަމްހާގެ ގެއިން ފެނިފައި ވާތީ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ލަމްހާގެ އުޅޭ ތަން ކޯޓު އަމުރަކަށް ފާސްކުރި އިރު ފެނުނު އިންޖެކްޝަންތަކުގެ ތެރޭގައި ޕޮޓޭސިއަމް ކްލޮރައިޑް، ޕްރޮޕޮފޯލް އަދި ސަކްސިނައިލްކޮލިން ނަމަކަށް ކިޔާ އިންޖެކްޝަނެއް ވެސް ފެނުނެވެ.

މީގެ ތެރެއިން ޕޮޓޭސިމް ކްލޮރައިޑަކީ ލޭގެ ތެރޭގައި އެ ގިނަވެއްޖެ ނަމަ ހިތުގެ ހިނގުން ހަމައިން ނެއްޓި މީހާ މަރުވުމަށް މެދުވެރިކުރުވާނެ އެއްޗެކެވެ. ޕްރޮޕޮފޯލް އަކީ ބޮޑެތި ސާޖަރީތައް ކުރާއިރު ހޭނެއްތުމަށް ބޭނުންކުރާ އެއްޗެކެވެ. ހަށިގަނޑަށް މި ޖަހައިފި ނަމަ މީހާ ހޭނެތި ތަންދޮރު ވަކިނުވާ ހާލަތަށް ދާނެ އެވެ. އަދި ސަކްސިނައިލްކޮލިން އަކީ ވެސް ހޭނެއްތުމުގައި ބޭނުންކުރާ އެއްޗެކެވެ. މި އިންޖެކްޝަން ޖެހުމުން ހަށިގަނޑަށް އަންނަ ބަދަލުގެ ސަބަބުން، ވެންޓިލޭޓަރުގެ އެހީގައި ނޫނީ މީހާ އަށް ނޭވާއެއް ނުލެވޭނެ އެވެ.

މި އިންޖެކްޝަންތައް ލަމްހާގެ ގެއިން ފެނުނަސް މޭރީގެ މަރާ މި ތަކެއްޗާ ހުރި ގުޅުމެއް ނޭނގެ އެވެ.

ލަމްހާ އަށް ކޮށްފައިވާ ދައުވާގައި ބުނާ ގޮތުން އޭނާ ވަނީ މޭރީ މަރާލުމުގައި އެހީވެފަ އެވެ. އަދި މޭރީ މަރުވީ ދަންޖެހިގެން ކަމަށް ދައްކަން ސީންއެއް ހެދުމުގައި ވެސް މާވިންއާ އެކު ބައިވެރިވި ކަމަށް ބުނެފައިވެ އެވެ. އަދި މޭރީ މަރާލި ވަގުތު މޭރީ އާއި މާވިންގެ ދަރިފުޅު ގެންގޮސް ހުރީ ލަމްހާގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ދައުވާގައިވެ އެވެ. އެ ކުއްޖާ މާވިންގެ ގާތަށް ލަމްހާ ގެންދަނީ މޭރީ މަރާލިތާ އިރުކޮޅެއްގެ ތެރޭގަ އެވެ. އަދި ގޮސް ލަމްހާ އެ ވަގުތު އެ ގެޔަށް ވެސް ވަދެ އެވެ.

އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ކޮޓަރި ފާސްކުރިއިރު ވަނީ ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރާ ބާވަތުގެ ބޭސްތަކެއް ފެނިފައިވާތީ، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ވެސް ކޮށްފަ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އަސާސީ އަދަބަކީ ވެސް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.