Roadha Mihaaru

އައިޖީއެމްއެޗްގެ ފިލިޕިންސްގެ ނަރުހަކު މަރާލި ކަމަށް ޝައްކުވާތީ ތަހުގީގު ފަށައިފި

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕިންސްގެ އަންހެން ނަރުހަކު މިދިޔަ ހުކުރު ދުވަހު ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލައެއްގައި ބޮޑެތި ޝައްކުތަކެއް އުފެދި އެއީ މަރާލާފައި އޮތް މީހެއް ކަމަށް ބެލެވިގެން ފުލުހުން ތަހުގީގު ފަށައިފި އެވެ.

ނަރުހަކު މަރާލި ކަމަށް ޝައްކުވެގެން ތަހުގީގު ފަށައިފި
ނިއުމަތުﷲ އިދުރީސް
ނިއުމަތުﷲ އިދުރީސް

27 އޮކްޓޯބަރ 2021

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕިންސްގެ އަންހެން ނަރުހަކު މިދިޔަ ހުކުރު ދުވަހު ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލައެއްގައި ބޮޑެތި ޝައްކުތަކެއް އުފެދި އެއީ މަރާލާފައި އޮތް މީހެއް ކަމަށް ބެލެވިގެން ފުލުހުން ތަހުގީގު ފަށައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އަންހެން ނަރުސް އުޅޭ ގޭގައި އޭނާ ދަންޖެހިފައި ހުއްޓާ ފެނިގެން ކަމަށް ބުނެ، ފުލުހުން ސީން އަށް ދިއުމުގެ ކުރިން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ކައިވެނި ކޮށްގެން ދަރިއެއް ވެސް ހުންނަ ނަރުސް މީހާ ރާއްޖޭގައި އުޅެމުން އައީ އޭނާގެ ފިރިމީހާއާ އެކީގަ އެވެ. ފިރިމީހާ އަކީ ވެސް ނަރުހެކެވެ.

އޭނާ މަރާލާފައި އޮތް ކަމަށް އެންމެ ބޮޑަށް ޝައްކުވި އެއް ސަބަބަކީ ދަންޖެހިފައި ހުރި ކަމުގެ ނިޝާނެއް ހަށިގަނޑުން ފެންނަން ނެތުން ކަމަށް ވަނީ އެނގިފަ އެވެ. އަދި އޭގެ އިތުރުން ވެސް ޝައްކުވާ ގިނަ ކަންތައްތަކެއް ހުރި ކަމަށްވެ އެވެ.

އަންހެން ނަރުސް މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހަދަން ވެސް ނިންމާފައިކަން އިތުބާރު ހުރި ގޮތަކަށް "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ.

ދަންޖެހިގެން މަރުވި ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓްކުރި މައްސަލައާ ބެހޭ ގޮތުން ފުލުހުން އަދި މިހާތަނަށް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.