Roadha Mihaaru
މޭރީގެ ހަށިގަނޑާއެކު ފިރިމީހާ ތެމިފޯވެގެން ހޮސްޕިޓަލަށް

މޭރީގެ ހަށިގަނޑާ އެކު ފިރިމީހާ ތެމިފޯވެގެން ހޮސްޕިޓަލަށް

29 އޮކްޓޯބަރ 2021

އައިޖީއެމްއެޗްގެ ޑަޔަލިސިސް ޔުނިޓްގައި މަސައްކަތްކުރި މޭރީ ގްރޭސް މިދިިޔަ އަންގާރަ ދުވަހު ޑިއުޓީގައި ހުރެފައި ގެޔަށް ދިޔައީ ލިބުނު ހުސް ވަގުތުކޮޅެއްގަ އެވެ. އެކަމަކު އެނބުރި އައީ އޭނާގެ ފުރާނަ ނެތް ހަށިގަނޑެވެ. އެ ހަށިގަނޑާ އެކު އެމްބިއުލާންސްގައި އައީ ހަމަ އެ ހޮސްޕިޓަލްގެ ނަރުހެއްގެ ގޮތުގައި އުޅޭ، މޭރީގެ ފިރިމީހާ މާވިން އެވެ. މިއީ ފިލިޕިންސްގެ މި ދެމަފިރިންގެ ދިރިއުޅުން އެ ފުށްމިފުށަށް ޖެހެމުން ގޮސް އެކަކު މަރުވެ އެ މަރުގެ ތުހުމަތަށް ފިރިމީހާ ހައްޔަރުކުރި ހާދިސާ ނިއުޅެން ފެށި ހިސާބެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އައިޖީއެމްއެޗްގެ ޑަޔަލިސިސް ޔުނިޓްގައި މަސައްކަތްކުރި މޭރީ ގްރޭސް މިދިިޔަ އަންގާރަ ދުވަހު ޑިއުޓީގައި ހުރެފައި ގެޔަށް ދިޔައީ ލިބުނު ހުސް ވަގުތުކޮޅެއްގަ އެވެ. އެކަމަކު އެނބުރި އައީ އޭނާގެ ފުރާނަ ނެތް ހަށިގަނޑެވެ. އެ ހަށިގަނޑާ އެކު އެމްބިއުލާންސްގައި އައީ ހަމަ އެ ހޮސްޕިޓަލްގެ ނަރުހެއްގެ ގޮތުގައި އުޅޭ، މޭރީގެ ފިރިމީހާ މާވިން އެވެ. މިއީ ފިލިޕިންސްގެ މި ދެމަފިރިންގެ ދިރިއުޅުން އެ ފުށްމިފުށަށް ޖެހެމުން ގޮސް އެކަކު މަރުވެ އެ މަރުގެ ތުހުމަތަށް ފިރިމީހާ ހައްޔަރުކުރި ހާދިސާ ނިއުޅެން ފެށި ހިސާބެވެ.

އަނބިމީހާގެ ހަށިގަނޑު ހިފައިގެން މާވިން ހޮސްޕިޓަލަށް ދިޔައިރު ހުރީ މުޅި މީހާ ތެމި ފޯވެފަ އެވެ؛ ކީއްވެކަމެއް ނޭނގެ އެވެ. ބުނަމުން ދިޔައީ އޭނާގެ އަންހެނުން ދަންޖެހިގެން މަރުވީ ކަމަށެވެ. އެކަމަކު އެއީ ހޮސްޕިޓަލަށް އޭނާ ދިން މައުލޫމާތެވެ. މަރުގެ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ހޮސްޕިޓަލުންނެވެ. އަދި އޭގެ ފަހުން ފުލުހުން ގޮސް ބެލި ބެލުންތަކުން އުފެދުނު ބޮޑެތި ޝައްކުތަކާ އެކު ތަހުގީގު ފުޅާވީ އެވެ.

މައުލޫމާތު އެނގޭ އެކި މީހުންގެ ފަރާތުން ޔަގީންކުރެވުނު ގޮތުގައި މޭރީ ދަންޖެހިގެން މަރުވީ ކަމަށް ބުންޏަސް އެފަދަ ނިޝާނެއް ހަށިގަނޑަކު ނެތެވެ. އެކަމަކު އެހެން ގޮތްގޮތަށް ޝައްކު ކުރެވޭ ކަންކަމުގެ ނިޝާންތައް ހަށިގަނޑުން ފެންނަން ހުރިކަން، އެ ތަފްސީލް ހާމަ ނުކުރަން އެދި ކިޔައިދިން މީހަކު ބުންޏެވެ. މި ޝައްކު އިތުރަށް ވަރުގަދަވި އަނެއް ސަބަބަކީ ދަންޖެހުނު ކަމަށް ބުނާ ތަނަށް ފުލުހުން ދިޔައިރު "ސާފުކޮށްފައި" އޮތުމެވެ. ދަންޖެހުނު ކަމަށް ބުނާ ތަނުގައި ދަންޖެހިގެން މަރުވެވިދާނެތޯ ވެސް އޮތީ ސުވާލު އުފެދިފަ އެވެ.

މޭރީ އާއި މާވިން. -- ފޮޓޯ: މޭރީ/ފޭސްބުކް

މޭރީ އާއި މާވިން. -- ފޮޓޯ: މޭރީ/ފޭސްބުކް

މާވިން އާއި މޭރީ ދަންނަ ބައެއް މީހުން އެހެން ސުވާލެއް ވެސް އުފެއްދި އެވެ. މޭރީގެ މަރާ އެކު މާވިންގެ ފޭސްބުކް އެކައުންޓް ވަނީ ޑިއެކްޓިވޭޓް ކޮށްލައިފަ އެވެ. އުފެދިފައި ހުރި ޝައްކުތަކާ އެކު މިއީ ވެސް ބައެއް މީހުން އިތުރަށް ޝައްކުކުރާ ސަބަބެވެ.

ލޯބީގެ ކުޅިގަނޑަކާއި ނުތަނަވަސްކަން!

މޭރީގެ ނިމި ދިއުން އައީ އޭނާގެ ފިރިމީހާ މާވިން 29، އޭނާއާ އެކު މަސައްކަތްކުރާ ދިވެހި އަންހެން ނަރުހަކާ އުފެދުނު ލޯބީގެ ގުޅުމެއް ވަރުގަދަވެ މޭރީގެ ހިތް ހަލާކުވުމަށް ފަހުގަ އެވެ. ދެމަފިރިންގެ މެދުގައި ޖެހުނު މައްސަލަތައް އެނގޭ ބައެއް މީހުން ކިޔައިދިން ގޮތުގައި މޭރީގެ ކުރިމަތީގައި އެ ދެ މީހުން އުޅެނީ ބޭނުން ގޮތަކަށެވެ. އެ ދެ މީހުންގެ ފަރާތުން ވެސް މޭރީ އަށް ބަހުގެ ހަމަލާތައް ވެސް އަންނަ ކަމަށް އޭނާ ބައެއް މީހުން ގާތު ބުނެފައި އެބަހުއްޓެވެ.

ޕަބްލިކްކޮށް އޮތް، މޭރީގެ ފޭސްބުކް ޕޭޖުން އެނގޭ ގޮތުގައި އޭނާ މާވިންއާ ކައިވެނިކުރީ މެއި 3، 2016 ގަ އެވެ. އަދި ޖެހިގެން އައި އަހަރު ލިބުނު އަންހެން ދަރިއަކު އެބަހުއްޓެވެ.

ދެމަފިރިން މި ދަރިފުޅާ އެކު ރާއްޖޭގެ ރިސޯޓްތަކާއި ރާއްޖޭން ބޭރުގައި އުފާވެރި ވަގުތުތަކެއް ހޭދަކޮށްފައި ހުރި ކަމަށް ވެސް ފޭސްބުކްގެ އެކްޓިވިޓީތަކުން އެނގެ އެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަވަނީ މީގެ ދެ އަހަރު ކުރިން މޭރީ ޕޯސްޓް ކޮށްފައި އޮތް، އޭނާ އާއި ފިރިމީހާ އަދި ދަރިފުޅުގެ ފޮޓޯއެއް މި މަހުގެ 14 ވަނަ ދުވަހު ފޭސްބުކްގެ ކަވަ ފޮޓޯއަކަށް ބަދަލުކޮށްފައި އޮތުމެވެ. އެއީ މޭރީ މަރުވުމުގެ ފަސް ދުވަސް ކުރިންނެވެ. އެ ފޮޓޯގައި ދެމަފިރިން ޕޫލެއްގެ ތެރޭ ދަރިފުޅާ އެކު ވަރަށް އުފަލުން ތިއްބާ ފެނެ އެވެ. އެކަމަކު އެ ފޮޓޯ އަލުން ޕޯސްޓްކުރި އިރު ދެމަފިރިންގެ ގުޅުން ވަރަށް ގޯސްކަން އެނގޭނެ ކަންކަން ފެނިފައި އެބަހުއްޓެވެ.

މޭރީ މަރުވުމުގެ ފަސް ދުވަސް ކުރިން ފޭސްބުކްގެ ކަވަ އަށް ލާފައިވާ ފޮޓޯ.

މޭރީ މަރުވުމުގެ ފަސް ދުވަސް ކުރިން ފޭސްބުކްގެ ކަވަ އަށް ލާފައިވާ ފޮޓޯ.

"މާވިން މިހާރު އުޅެނީ ހަމަ އައިޖީއެމްއެޗްގައި އުޅޭ ދިވެހި ނަރުހަކާ އެކު. އެ މީހުން އުޅުނީ ސިއްރަކުން ނޫން. ހޮސްޕިޓަލް ތެރޭގައި ވެސް އަދި މަގުމަތީ އުޅޭ އިރު ވެސް ވަރަށް ގައިގޯޅިކޮށް ހަމަ އެންމެންނަށް ފެންނަހެން އުޅޭ. މި ކަންކަމާ ހެދި މޭރީ ހުންނަނީ ވަރަށް ދެރަވެފައި. އަރައިރުން ވެސް ހިނގާފައި އެބަހުރި،" މަންޒަރު ގާތުން ފެނުނު މީހަކު ކިޔައިދިނެވެ.

އޭނާ ބުނީ މޭރީ މަރުވި ފަހުން ވެސް މާވިން އޭނާގެ މިހާރުގެ ލޯބިވެރިޔާއާ އެކު ވަރަށް ފާޅުގައި އުޅުނު ކަމަށެވެ.

"މީގެ ކުރިން ވެސް މާވިން ހަމަ އެހެން ނަރުހަކާ މި ކަހަލަ ގުޅުމެއް ބޭއްވި ކަމަށް ވެސް ކިޔާ. އެކަމަކު މި ފަހަރު އޭނާ އެކަން ކުރަމުން ދިޔައީ ހަމަ އެންމެންނަށް އެނގޭހެން ފާޅުގައި."

މަރުގެ މައްސަލާގައި ހައްޔަރުކޮށް އިއްޔެ 15 ދުވަހަށް ބަންދު އިތުރުކޮށްފައިވާ މާވިންއާ އެކު މަސައްކަތްކުރި ބައެއް މީހުން ކިޔައިދޭ ގޮތުގައި އޭނާ އަކީ މަސައްކަތުގެ މާހައުލުގައި ވަރަށް ރަނގަޅު މީހެކެވެ. އެކަމަކު ފަހަކަށް އައިސް އޭނާގެ އުޅުން ވަރަށް ބޮޑަށް ބަދަލުވިކަން އެ މީހުން ފާހަގަކުރެ އެވެ.

މަންމަގެ ވަކިވެދިއުމުން ދަރިފުޅު އެކަނިވެރިވީ ވަގުތު ބައްޕަ ވެސް ހައްޔަރުކުރުމުން ކުއްޖާ މިހާރު ހުރީ މަންމަ ފަރާތު މާމަ ކައިރީގައި ކަމަށް އެނގިފައިވެ އެވެ. ކުއްޖާގެ މާމަގެ އާއިލާ ރާއްޖޭގައި އުޅޭތާ ފަންސަވީހަކަށް އަހަރު ވެދާނެ ކަމަށްވެ އެވެ.