Roadha Mihaaru

އޮތީ ކަރު ކަނޑާލާފައި، އެކަނި އެ ވަރެއް ނުވާނެ: ހޮޅުދޫ ރައްޔިތުން

ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ޒަކިއްޔާ މޫސާ ފެނުނުއިރު އޭނާގެ ކަރު އޮތީ "ކަނޑާލަފައި" ކަމަށް ބުނެ އެ މައްސަލައިގެ އިންސާފު ނުލިބި އަދި ތަހުގީގުގެ އެއްވެސް މައުލޫމާތެއް ނުލިބޭތީ އެ ރަށުގައި މިއަދު ބޮޑު މުޒާހަރާއެއް ކޮށްފި އެވެ.

"އޮތީ ކަރު ކަނޑާލާފައި، އެކަނި އެވަރެއް ނުވާނެ"
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

25 ނޮވެމްބަރ 2024

ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ޒަކިއްޔާ މޫސާ ފެނުނުއިރު އޭނާގެ ކަރު އޮތީ "ކަނޑާލަފައި" ކަމަށް ބުނެ އެ މައްސަލައިގެ އިންސާފު ނުލިބި އަދި ތަހުގީގުގެ އެއްވެސް މައުލޫމާތެއް ނުލިބޭތީ އެ ރަށުގައި މިއަދު ބޮޑު މުޒާހަރާއެއް ކޮށްފި އެވެ.

ދިރިއުޅޭ ގޭގެ ތެރޭގައި ބޮޑެތި ޒަހަމްތަކަކާ އެކު އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ހެނދުނު އެވެ. އެކަމަކު އެމަރާ ގުޅިގެން މިހާތަނަށް ވަކި އެއްޗެއް ފުލުހުން ހާމަނުކުރާއިރު އެ މައްސަލާގައި މިހާތަނަށް މީހަކު ވެސް ހައްޔަރެއް ނުކުރެ އެވެ.

އެހެންވެ، ޒަކިއްޔާގެ މަރަށް އިންސާފު ނުލިބި ދިގުލައިގެންދާތީ ހޮޅުދޫގެ ރައްޔިތުން މިއަދު ހަވީރު ވަނީ އިހުތިޖާޖަށް ނުކުމެ، އަޑު އުފުލައިފަ އެވެ.

ޒަކިއްޔާ މަރުވެފައި އޮތް މަންޒަރު ފެނުނު ބައެއް މީހުން އިހުތިޖާޖުގައި ވާހަކަ ދައްކަމުން ބުނީ، ޒަކިއްޔާގެ ކަރު އޮތީ ކަނޑާލާފައި ކަމަށާއި އޭނާގެ ކަރު ވަކި ނުވެ އޮތީ ހަމަ ކިރިޔާ ކަމަށެވެ. އެހެންވެ، މީހަކު އަމިއްލަ އަށް އޭނާގެ ހަށިގަނޑަށް އެ ވަރުގެ އަނިޔާއެއް ދެވޭނެތޯ އެ މީހުން ސުވާލު އުފެއްދި އެވެ.

"އިންސާނިއްޔަތު ކަމެއް ނެތް މަރެއްގެ ވާހަކަ މި ދައްކަނީ. ހަމަ ލޮލަށް ފެނުނު މީހެއްގެ ހައިސިއްޔަތުން މި ބުނަނީ ކަރު ކަނޑާލާފައި އޮތީ. ހަމަ ބުރި ނުވާކަން އެކަނި. ހަމަ ކަރު ކަނޑާލާފައި އޮތީ،" ޒަކިއްޔާގެ ނަފްސާނީ މައްސަލައެއް ހުންނަ ކަމަށް ބުނެ އޭނާ މަރުވީ އަމިއްލަ އަށް ކަމަށް ދެއްކެވޭ ވާހަކަތަކަށް ރައްދު ދެމުން އިހުތިޖާޖުގެ ބައިވެރިއަކު ބުންޏެވެ.

ޒަކިއްޔާއަށް އިންސާފު ހޯދަން ގޮވާލައި ހޮޅުދޫގައި ބޭއްވި އިހުތިޖާޖުގައި ބަޔަކު ބައިވެރިވަނީ.-- ފޮޓޯ: އަރީޝާ/ ފޭސްބުކް

ޒަކިއްޔާއަށް އިންސާފު ހޯދަން ގޮވާލައި ހޮޅުދޫގައި ބޭއްވި އިހުތިޖާޖުގައި ބަޔަކު ބައިވެރިވަނީ.-- ފޮޓޯ: އަރީޝާ/ ފޭސްބުކް

"އަމިއްލައަކަށް ނޫން" ނަމުގައި އެ އިހުތިޖާޖު ބޭއްވީ ވެސް ޒަކިއްޔާ މަރުވީ އަމިއްލަ އަށް ކަމަށް އެ މީހުންނަށް ގަބޫލު ނުކުރެވޭތީ އެވެ. އެ އިހުތިޖާޖުގައި ހޮޅުދޫގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.

ޒަކިއްޔާގެ މަރާ ގުޅިގެން އެ އިހުތިޖާޖުގައި އޭނާގެ ފިރިމީހާ އަށް ތުހުމަތުތަކެއް ކުރިޔަސް އެ މަރުގެ މައްސަލާގައި މީހަކު ހިމެނޭ ކަމަށް މިހާތަނަށް ފުލުހުން ހާމައެއް ނުކުރެ އެވެ. ޒަކިއްޔާގެ ފިރިމީހާ ގޭގެ ކައިރި އަށް ވެސް އެ ގޮތަށް ތުހުމަތުކޮށް ބައެއް މީހުން ލިޔުންތަކެއް އެޅި އެވެ.

ޒަކިއްޔާއަށް އިންސާފު ހޯދަން ގޮވާލައި ހޮޅުދޫގައި ބޭއްވި އިހުތިޖާޖުގައި ބަޔަކު ޕޯސްޓަރުތަކާއި ބެނާތައް ހިފައިގެން ޝުއޫރު ފާޅުކުރަނީ-- ފޮޓޯ: އަރީޝާ/ ފޭސްބުކް

ޒަކިއްޔާއަށް އިންސާފު ހޯދަން ގޮވާލައި ހޮޅުދޫގައި ބޭއްވި އިހުތިޖާޖުގައި ބަޔަކު ޕޯސްޓަރުތަކާއި ބެނާތައް ހިފައިގެން ޝުއޫރު ފާޅުކުރަނީ-- ފޮޓޯ: އަރީޝާ/ ފޭސްބުކް

ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ ގޭގެ ކުނި ނަގަން ވަން ބިދޭސީންތަކަކަށެެވެ. އެ ތަނުގައި ގިނަ އަދަދަކަށް ލޭ ހުރިއިރު ކައިރީގައި ވަޅިއެއް ވެސް އޮތެވެ. އެ ހާދިސާ ހިނގިއިރު އެ ގޭގައި އުޅެނީ ފިރިމީހާ އާއި ފިރިހެން ދަރިފުޅާއި އޭނާގެ އަނބިމީހާ އަދި މާމަ ދަރިފުޅެވެ. ޒަކިއްޔާގެ އަނެއް ދަރިފުޅު ދިރިއުޅެނީ މާލޭގަ އެވެ.

ޒަކިއްޔާ: އޭނާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު.

ޒަކިއްޔާ: އޭނާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު.

ހޮޅުދޫގެ މީހުންގެ ކަންބޮޑުވުން އިތުރުވެފައި ވަނީ ޒަކިއްޔާ މަރާލީ ބަޔަކު ނަމަ އެ ބަޔަކު ހައްޔަރު ނުކުރެވި ރަށު ތެރެއަށް ދޫކޮށްލާފައި ތިބުމުންނެވެ.

އެ މައްސަލަ ބެލުމަށް ފުލުހުންގެ ހާއްސަ ޓީމެއް ވެސް މާލެ އިން ހޮޅުދު އަށް ދިޔަ އެވެ. އިތުރު ތަހުލީލުތަކަށް މާލެ އަށް ވެސް އޭނާގެ ހަށިގަނޑު ފުލުހުން ގެނައި ނަމަވެސް ޕޯސްޓްމޯޓަމް ނަހަދައި ހަށިގަނޑު ރަށަށް ފޮނުވާލައި ވަޅުލީ އެވެ.

މި މައްސަލާގައި ފުލުހުން ފަހުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެ މަރަށް ދެ މަސްވިއިރު އަދިވެސް ތަހުގީގެއް ނުނިންމަ އެވެ.