Roadha Mihaaru
ނަރުހުގެ މަރު: މާވިން އާއި ލަމްހާގެ މައްސަލަ ޕީޖީއަށް

ފިލިޕީންސް ނަރުހުގެ މަރު: ފިރިމީހާ އާއި ލޯބިވެރިޔާގެ މައްސަލަ ޕީޖީއަށް

29 ޑިސެމްބަރ 2021

އައިޖީއެމްއެޗްގައި މަސައްކަތްކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހުގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައިޖީއެމްއެޗްގައި މަސައްކަތްކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހުގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

އެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ މޭރީގެ މަރުގެ މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ އާދިއްތަ ދުވަހު ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ. އެއީ، ޑައިލިސިސް ޔުނިޓުގައި އުޅުނު ނަރުހުގެ މަރުގެ މައްސަލައިގައި މިހާރު ހައްޔަރުކޮށްފައި ތިބި ދެ މީހުންގެ މައްސަލަ އެވެ.

އެ މައްސަލައާ މެދު އަންނަ އަންގާރަ ދުވަހުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.

ދަންޖެހިގެން މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު މަރުވި ކަމަށް ބުނި މޭރީގެ މަރުގައި ޝައްކުތަކެއް އުފެދެމުން މާވިން ހައްޔަރުކުރީ އެ މަހުގެ 27 ވަނަ ދުވަހެވެ. އެ މައްސަލައިގައި، އައިޖީއެމްއެޗްގައި ނަރުހަކަށް އުޅޭ ލަމްހާ، 24، ހައްޔަރުކުރީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

ލަމްހާއަށް ފުލުހުން ވަނީ މޭރީ މަރަން ރޭވުމާއި މަރު ފޮރުވުމާއި ކުށެއް ކުރުމަށް އެދުން، ކުށް ކުރުމަށް ރޭވުން، ކުށްކުރުމުގެ އާލާތް އަތުގައި ހުރުން އަދި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުން ފަދަ ބޮޑެތި ތުހުމަތުތައް ކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ލަމްހާއާ ގުޅުންހުރި ތަނަކުން ފުލުހުން ވަނީ، އާންމުކޮށް ހޮސްޕިޓަލްތަކުގައި ނޫނީ ނުގެންގުޅޭ، ބާރުގަދަ އިންޖެކްޝަންތަކެެއް ވެސް ހޯދައިފަ އެވެ.

އައިޖީއެމްއެޗްގެ ޑައިލިސިސް ޔުނިޓްގައި މަސައްކަތްކުރާ މޭރީ ދަންޖެހިގެން މަރުވީ ޑިއުޓީގައި ހުރެފައި ގެޔަށް ދިއުމަށް ފަހު ކަމަށް މާވިން ވަނީ ބުނެފަ އެވެ. ނަމަވެސް ދަންޖެހިގެން މަރުވެފައި އޮންނަ މީހެއްގެ ހަށިގަނޑުން ފެންނަ ފަދަ ނިޝާންތަކެއް މޭރީގެ ހަށިގަނޑުގައި ނެތުމުން ތަހުގީގު ފުޅާކޮށް ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމުން، މޭރީ މަރުވެފައި ވަނީ ބޮލަށް ދީފައިވާ ބޮޑު އަނިޔާއަކުން ކަމަށް ވަނީ އެނގިފަ އެވެ. ދަންޖެހުނު ކަމަށް ބުނާ ތަނަށް ފުލުހުން ދިޔައިރު އެތަން ވެސް ސާފުކޮށްފައި އޮތުމުން ވަނީ އިތުރަށް ޝައްކު އުފެދިފަ އެވެ.