Roadha Mihaaru
މާވިންއަށް މަރުގެ ދައުވާ، ލަމްހާ އަށް ތިން ދައުވާއެއް

މޭރީގެ ފިރިމީހާއަށް މަރުގެ ދައުވާ، ލޯބިވެރިޔާއަށް ވެސް ބޮޑު ތިން ދައުވާއެއް

04 ޖެނުއަރީ 2022

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހުގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އަށް، މީހަކު މެރުމުގެ ދައުވާ އަދި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް އެކަމުގައި ބައިވެރިވުމާއި އިތުރު ދެ ދައުވާއެއް ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހުގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އަށް، މީހަކު މެރުމުގެ ދައުވާ އަދި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް އެކަމުގައި ބައިވެރިވުމާއި އިތުރު ދެ ދައުވާއެއް ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.

އެނގިހުރެ މީހަކު މެރުމުގެ ދައުވާ މާވިންގެ މައްޗަށް ކުރަނީ އޮކްޓޫބަރު 19، 2021 ދުވަހުގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، މީނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައިވާތީ އެވެ.

މި ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ.

މާވިންގެ ލޯބިވެރިޔާ ލަމްހާ އަށް ކުރާ ދައުވާތަކަކީ؛

- އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުން

- އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުން

- ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުން

މީގެ ތެރެއިން އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ އަސާސީ އަދަބަކީ ހަ އަހަރަށް ޖަލަށް ލުމެވެ. މި ދައުވާކުރަނީ މޭރީ މަރާލުމުގައި އެހީތެރިވެދީފައިވާތީ އާއި މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައިވާތީ އެވެ.

ލަމްހާއަށް ކުރާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ.

މި ދައުވާ ކުރަނީ ލަމްހާ އުޅުނު ގެ ފާސްކުރިއިރު، އެ ގޭގައި މީނާ ދިރިއުޅޭ ކޮޓަރީ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން، އައިޖީއެމްއެޗްގެ ހުއްދައަކާ ނުލައި އެ ހޮސްޕިޓަލުން މީނާ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީ އެވެ.

މީނާ އަށް ކުރާ ތިން ވަނަ ދައުވާ ކަމަށްވާ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ އަސާސީ އަދަބަކީ ވެސް ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ.

މި ދައުވާކުރަނީ ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ލަމްހާ އުޅޭ ތަނުން ފެނިފައިވާތީ އެވެ.

އައިޖީއެމްއެޗްގެ ޑައިލިސިސް ޔުނިޓްގައި މަސައްކަތްކުރާ މޭރީ ދަންޖެހިގެން މަރުވީ ޑިއުޓީގައި ހުރެފައި ގެޔަށް ދިއުމަށް ފަހު ކަމަށް މާވިން ވަނީ ބުނެފަ އެވެ. ނަމަވެސް ދަންޖެހިގެން މަރުވެފައި އޮންނަ މީހެއްގެ ހަށިގަނޑުން ފެންނަ ފަދަ ނިޝާންތަކެއް މޭރީގެ ހަށިގަނޑުގައި ނެތުމުން ތަހުގީގު ފުޅާކޮށް ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމުން، މޭރީ މަރުވެފައި ވަނީ ބޮލަށް ދީފައިވާ ބޮޑު އަނިޔާއަކުންކަން ފަހުން އެނގުނެވެ.