އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ އަންހެން ނަރުހުގެ މަރާ އެކު މަނާ ބޭސްތަކެއް އައިޖީއެމްއެޗުން ނެރެފައިވާ މައްސަލަ ފެންމަތިވެ ހޮސްޕިޓަލުގެ އުސޫލްތައް ދޯދިޔާ ކަމުގެ ފާޑުކިއުންތައް އަމާޒުވެއްޖެ އެވެ.
06 ޖެނުއަރީ 2022
އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ އަންހެން ނަރުހުގެ މަރާ އެކު މަނާ ބޭސްތަކެއް އައިޖީއެމްއެޗުން ނެރެފައިވާ މައްސަލަ ފެންމަތިވެ ހޮސްޕިޓަލުގެ އުސޫލްތައް ދޯދިޔާ ކަމުގެ ފާޑުކިއުންތައް އަމާޒުވެއްޖެ އެވެ.
ފިލިޕީންސްގެ ނަރުސް މަރާލި ކަމުގެ ދައުވާ އުފުލީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރި އޭނާގެ ފިރިމީހާ އަށެވެ. މިކަމުގައި ބައިވެރިވުމުގެ ތުހުމަތު ފިރިމީހާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެހި އަންހެން ނަރުހަށް ވަނީ ކޮށްފަ އެވެ.
މި މައްސަލައިގައި ދެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލައި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އާއްމުކުރި މައުލޫމާތުން ހާމަވި ގޮތުގައި ހައްޔަރުކުރި އަންހެން ނަރުސް ދިރިއުޅޭ ގެއިން ވަނީ މަނާ ބޭސްތަކެއް ފެނިފަ އެވެ.
މި ބޭސްތަކާ އެ މަރާ ހުރި ގުޅުމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އެ ގެއިން ފެނުނީ، އެނގިފައިވާ ގޮތުގައި މީހަކު މަރާލަން ބޭނުންކުރެވިދާނެ ފަދަ އިންޖެކްޝަންތަކެކެވެ. އޭގެ ތެރޭގައި ޕޮޓޭސިއަމް ކްލޮރައިޑް، ޕްރޮޕޮފޯލް އަދި ސަކްސިނައިލްކޮލިން ނަމަކަށް ކިޔާ އިންޖެކްޝަނެއް ވެސް ފެނުނެވެ. މީގެ ތެރެއިން ޕޮޓޭސިމް ކްލޮރައިޑަކީ ލޭގެ ތެރޭގައި އެ ގިނަވެއްޖެ ނަމަ ހިތުގެ ހިނގުން ހަމައިން ނެއްޓި މީހާ މަރުވުމަށް މެދުވެރިކުރުވާނެ އެއްޗެކެވެ. ޕްރޮޕޮފޯލް އަކީ ބޮޑެތި ސާޖަރީތައް ކުރާއިރު ހޭނެއްތުމަށް ބޭނުންކުރާ އެއްޗެކެވެ. ހަށިގަނޑަށް މި ޖަހައިފި ނަމަ މީހާ ހޭނެތި ތަންދޮރު ވަކިނުވާ ހާލަތަށް ދާނެ އެވެ. އަދި ސަކްސިނައިލްކޮލިން އަކީ ވެސް ހޭނެއްތުމުގައި ބޭނުންކުރާ އެއްޗެކެވެ. މި އިންޖެކްޝަން ޖެހުމުން ހަށިގަނޑަށް އަންނަ ބަދަލުގެ ސަބަބުން، ވެންޓިލޭޓަރުގެ އެހީގައި ނޫނީ މީހާ އަށް ނޭވާއެއް ނުލެވޭނެ އެވެ.
އާއްމުކޮށް ބޮޑެތި ސާޖަރީތަކުގައި ބޭނުންކުރާ އިންޖެކްޝަނާއި ބޭސްތައް، އައިޖީއެމްއެޗުގެ އީއާރުގައި މަސައްކަތްކުރާ ނަރުހަކަށް އެހާ ފަސޭހައިން ނެރެވުނު ގޮތާ މެދު ދަނީ ސުވާލު އުފައްދަމުންނެވެ. މިކަން މިގޮތަށް ކުރުމުގެ ފުރުސަތު ފަހިވެފައި އޮތީ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ ޕްރޮޓޮކޯލްތައް ދޯދިޔާ ވުމުން ކަމަށް ބުނެ ދަނީ ފާޑުކިޔަމުންނެވެ.
މި މައްސަލަައިގައި "މިހާރު"ން ސުވާލުކުރުމުން އައިޖީއެމްއެޗުން އެދިގެން ފޮނުވި ސުވާލުތަކަށް ލިއުމުން ދިން ޖަވާބުގައި ބުނީ ހޮސްޕިޓަލުން މަނާ ބޭސްތައް ނެރުނު މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށެވެ. އެކަމުގައި ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ސީދާ ކަން ހިނގި ގޮތް ސާފުކޮށް ނުދިނަސް އައިޖީއެމްއެޗުން ބުނި ގޮތުގައި މުވައްޒަފެއްގެ ފަރާތުން އެފަދަ އަމަލެއް ހިންގުމުގެ ފުރުސަތު ވީހާވެސް ކުޑަކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ހޮސްޕިޓަލުގައި އަމަލުކުރަން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްތައް ތަންފީޒުކުރުން ހަރުދަނާ ކުރުމާ އެކު އިތުރު ޕްރޮޓޮކޯލްތައް އެކަށައަޅައި ތަންފީޒުކުރާނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.
އައިޖީއެމްއެޗުން ބުނި ގޮތުގައި އެ ހާދިސާ ހިނގިއިރު ވެސް ހޮސްޕިޓަލުގައި ބޭހާއި އިންޖެކްޝަން ފަދަ ތަކެތި ގެންގުޅުމުގައި ހަރުދަނާ އުސޫލްތަކާއި ޕްރޮޓޮކޯލްތައް ކަނޑައަޅާފައިވެ އެވެ. ވަކިން ހާއްސަކޮށް ހައި އެލާޓް، ނާކޮޓިސް ބޭހާއި އިންޖެކްޝަންތަކަށް ޕްރޮޓޮކޯލްތައް ކަނޑައަޅައިފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ބަޔަކަށް ކޮންމެ ދުވަހަކު ވެސް އެތައް ހިދުމަތެއް ދޭން ޖެހޭ ތަނަކަށް ވާތީ އަސާސީ ބައެއް ހިދުމަތްތަކުގައި ކަމާބެހޭ ފަރާތްތަކުން މަޝްއޫލުވެ ގިނަ ވަގުތުތަކެއް ހޭދަކުރާއިރު އުސޫލްތަކާއި ޕްރޮޓޮކޯލްތައް އެންމެ ފުރިހަމައަށް ތަންފީޒު ނުކުރެވޭ ހާލަތެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
"ނަމަވެސް މިފަދަ ބޭހާއި އިންޖެކްޝަނަށް އެކްސެސް އޮންނަ ފަރާތްތައް [ހާއްސަކޮށް ޑޮކްޓަރުންނާއި ނަރުހުންނަކީ] ހުވައެއްކޮށްގެން ތިބޭ ގިނަ އެތިކަލް ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރަން ޖެހޭ އަދި ހޮސްޕިޓަލްތަކާއި ޖުމްލަ ގޮތެއްގައި މުޅި މުޖުތަމައުގެ ފަރާތުން ވެސް ނުހަނު ބޮޑު އިތުބާރެއް އެ ފަރާތްތަކަށްކޮށް މިފަދަ ތަކެއްޗަށް އެކްސެސް ދެވޭ ފަރާތްތަކެވެ،" އައިޖީއެމްއެޗުން ބުންޏެވެ.
"މިފަދަ ބޭހާއި އިންޖެކްޝަނަށް އެކްސެސް އޮންނަ ފަރާތްތަކުން، މިއިން އެއްޗެއް ގެއަށް ގެންދިއުމަކީ ނުވަތަ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަކީ ކަށަވަރު ކަމާ އެކު ކުރެވޭނެ ކަމެއް ނޫނެވެ."
މަނާ ބޭސްތަކަށް އެކްސެސް ދެވިފައި އޮންނަ އުސޫލު، ސަލާމަތީ ގޮތުންނާއި ރައްކާތެރި ސަބަބުތަކަކަށްޓަކައި އާއްމުކުރަން އިއުތިޒާރްކޮށް ހޮސްޕިޓަލުން ބުނީ ހަރުދަނާ އުސޫލްތަކެއް ކަނޑައަޅައި ތަންފީޒުކުރަމުން އައި ނަމަވެސް އެކަން ހުއްޓުވޭނެ ކަމަށް ނުބުނެވޭނެ ކަމަށެވެ.
ނަރުހަކު މަރާލި ކަމަށް ޝައްކުވެގެން ތަހުގީގު ފަށައިފި
ޒުވާނެއްގެ މަރުގައި ޝައްކު އުފެދޭތީ ތަހުގީގު ކުރަނީ
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
މީހެއްގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަހަމްކޮށްލައިފި
ކެފޭއެއްގެ ބަދިގޭގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި
ކެފޭއެއްގައި އިންދާ ޚަބަރު ހުސްވި މީހަކު މަރުވެއްޖެ
ޒަކިއްޔާގެ ދަރިފުޅު ދޫކޮށްލައިފި
ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފި
މާލޭގެ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ކުއްޖެއްގެ މަރުގައި ޝައްކު އުފެދޭތީ ޕޯސްޓްމޯޓަމް ހަދަނީ