Roadha Mihaaru

ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޒަކިއްޔާގެ ދަރިފުޅު ދޫކޮށްލައިފި

ނ. ހޮޅުދޫގައި ޒަހަމްތަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ކުރި ޒުވާބެއް ހޫނުވެ، އެ ރަށުގައި ހިންގި މާރާމާރީއަކާ ގުޅިގެން ހައްޔަރުކުރި ޒަކިއްޔާގެ ދޮށީ ފިރިހެން ދަރިފުޅު ބަންދުން ދޫކޮށްލައިފި އެވެ.

ޒަކިއްޔާގެ ދަރިފުޅު ދޫކޮށްލައިފި
ނާޒިމް ހަސަން
ނާޒިމް ހަސަން

24 ޑިސެމްބަރ 2024

ނ. ހޮޅުދޫގައި ޒަހަމްތަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ކުރި ޒުވާބެއް ހޫނުވެ، އެ ރަށުގައި ހިންގި މާރާމާރީއަކާ ގުޅިގެން ހައްޔަރުކުރި ޒަކިއްޔާގެ ދޮށީ ފިރިހެން ދަރިފުޅު ބަންދުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ ޒަކިއްޔާގެ ދަރިފުޅު މޫސާ ރިމްޒީގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު ހިންގި ހަމަނުޖެހުމެއްގެ ތެރެއިން މާރާމާރީއެއް ހިންގާފައިވާތީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އޭނާ ހައްޔަރު ކުރަން ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރިމްޒީ ވަނީ އަހުމަދު ޝުޖާއު ނަމަކަށް ކިޔާ މީހެއް ގައިގައި ޖަހައި މާރާމާރި ހިންގައިފަ އެވެ. އެހެންވެ، ރިމްޒީގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށާއި އަދި އެ މައްސަލައާ ގުޅިގެން ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް އެ އަމުރުގައިވެ އެވެ.

އެ މާރާމާރީ ހިންގާފައިވަނީ ޒަކިއްޔާގެ މަރާ ގުޅޭގޮތުން ކެފޭއެއް ތެރޭ އިނދެ ޝުޖާއު ވާހަކަތަކެއް ދައްކަން ފެށުމުން އެކަމާ ރިމްޒީ ހިތްހަމަނުޖެހިގެން ކަމަށް މައުލޫމާތު ލިބެ އެވެ.

އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ބައެއް މީހުން ބުނެފައިވަނީ އޭނާގެ ކަރު އޮތީ ބުރިކޮށްލާފައި ކަމަށާއި އަދި ހަށިގަނޑާއި ކަރު ވަކިނުވެ އޮތީ ހަމަ ކިރިޔާ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. އަދި އަމިއްލައަށް ހަށިގަނޑަށް އެވަރުގެ އަނިޔާއެއް ދެވޭނެތޯ އެ މީހުން ސުވާލު އުފެއްދި އެވެ.

އެ މަރަށް އިންސާފު ނުލިބި ދިގުލައިގެންދާތީ ހޮޅުދޫގެ ރައްޔިތުން ދޭތެރެ ދޭތެރެއިން އިހުތިޖާޖަށް ނުކުމެ، އަޑު އުފުލަ އެވެ.

ފުލުހުން ބުނެފައިވަނީ އެހެން މީހަކު ޒަކިއްޔާ މަރާލާފައިވާ އެއްވެސް ނިޝާނެއް އަދި ހެއްކެއް ވެސް ތަހުގީގުގެ މިހާތަނަށް ފެނިފައިނުވާ ކަމަށެވެ.

ޒަކިއްޔާ މަރުވެފައި އޮތް ތަނުން ފެނުނު ވަޅީގައި އަދި ޒަކިއްޔާގެ ހެދުމުގައި ލޭ ނެތް ކަމަށް ރަށު ތެރޭގައި ތުހުމަތުކޮށް ވާހަކަތައް ދެއްކި ނަމަވެސް، ވަޅި އާއި ހެދުމުގައި ވެސް ގިނަ އަދަދެއްގެ ލޭ ހުރި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ވަޅީގެ ފޮރެންސިކް ތަހުލީލް އަދިވެސް ދަނީ ކުރިއަށެވެ.

ތަހުލީލުތަކުން މިހާތަނަށް އެނގޭ ގޮތުގައި އެ ވަޅީގައި ހުރީ ޒަކިއްޔާގެ ލެ އެވެ.