އަދާލަތު ޕާޓީއަކީ ފިކުރީ ބޮޑު މުއައްސަސާއެއް ކަމަށާއި އެއީ ވަރަށް ސާބިތު އަދި ސާފު ފިކުރެއް އޮތް ޕާޓީއެއް ކަމަށް އެ ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީއަކީ ފިކުރީ ބޮޑު މުއައްސަސާއެއް ކަމަށާއި އެއީ ވަރަށް ސާބިތު އަދި ސާފު ފިކުރެއް އޮތް ޕާޓީއެއް ކަމަށް އެ ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ރާއްޖޭގައި އުފެއްދި ތިން ވަނަ ސިޔާސީ ޕާޓީގެ ޝަރަފު ލިބިފައިވާ އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ޖަލްސާގަ އެވެ.
އިމްރާން ފާހަގަކުރެއްވި ގޮތުގައި، އަދާލަތު ޕާޓީގެ ފިކުރަކީ އަދި މޮޓޯއަކީ އަދުލުވެރިކަމެވެ.
"އަދުލުވެރިކަން ގެއްލިއްޖެ މުޖުތަަމައުއެއްގައި އަމާންކަމެއް، ރައްކާތެރިކަމެއް، ހިތްހަމަޖެހުމެއް، އުފާފާގަތިކަމެއް ނޯންނާނެ،" ގަލޮޅު މަދަރުސާގައި ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވި އެވެ.
އެ މައުލޫއުގައި ވާހަކަ ދައްކަވަމުން އިސްލާމީ ތާރީހުން އޭނާ މިސާލު ދެއްކެވި އެވެ. އިމްރާން ވިދާޅުވިގޮތުގައި މިއަދު އިސްލާމީ އުއްމަތަށް ޖެހިފައިވާ ގިލަންވެރިކަަމަކީ އަދުލުވެރިކަން ގެއްލި އަނިޔާ އާއި ފަސާދަ އާންމުވެފައިވުމެވެ.
އަދާލަތު ޕާޓީގެ 20 އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ އިސް ބައެއް ބޭފުޅުބް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"އަޅުގަނޑުމެން އަދާލަތު ޕާޓީން އަދުލުވެރިކަން ނަގަހައްޓައި، އަނިޔާވެރިކަމާއި ފަސާދަ އަށް ޖާގަ ނުދޭހާ ހިނދަކު އިންޝާ ﷲ އަދާލަތު ޕާޓީ ދިވެހި އުދަރެހުގައި އަބަދުވެސް އަލިގަަދަކޮށް ފިޔަ ޖަހަޖަހައި އޮންނާނެ،" އިމްރާން ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ތާރީހަށް ބައްލަވައިލައްވަމުން އޭނާ ވިދާޅުވީ، އެ ޕާޓީގެ ކާމިޔާބީ އާއި ނާކާމިޔާބު ވެސް ރަނގަޅަށް ވަޒަން ކުރެވޭނީ ރަނގަޅަށް ތާރީހު ދިރާސާ ކޮށްގެން ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި، އަދާލަތު އުފެދުނީ ވެސް މީގެ 20 އަހަރު ކުރިން އުފެއްދި އެހެން ޕާޓީތަކަށް ކުރިމަތިވި ގޮންޖެހުންތަކާ މުޅިން ތަފާތު ގޮތަކަށެވެ.
އަދާލަތު ޕާޓީއާ ދާދި އެއް ދުވަސްވަރެއްގައި އުފެއްދި އެމްޑީޕީ އާއި ޑީއާރުޕީގެ ބާރުވެރިކަމާއި ތަޖުރިބާ އަށް ރިއާޔަތް ކުރައްވަމުން އިމްރާން ވިދާޅުވީ، ސިޔާސީ މަސައްކަތެއްގައި ދުވަހަކު ވެސް އުޅުނު އަދި ސިޔާސީ ތަޖުރިބާ ހުރި އެކަކު ވެސް އަދާލަތު ޕާޓީގައި ނެތް ކަމަށެވެ.
އަދާލަތު ޕާޓީގެ 20 އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ އެންމެ ސީނިއާ އެއް މެމްބަރު ޑރ. އިޔާޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"އަދާލަތު ޕާޓީ އަށް ލިޔެކިޔުންތައް ތައްޔާރު ކުރާނެ ކޮމްޕިއުޓަރުގަނޑަކާއި ޕްރިންޓަރަކާއި ސީޑީ ރައިޓް ކުރާނެ ސީޑީ ރައިޓަރެއް ގެނެސް ދެއްވީ ބަނޑޮސްގައި ވަޒީފާ އަދާކުރަމުން ދިޔަ އަދާލަތުގެ އާދައިގެން އާންމު މެމްބަރެއް. މިއީ އަދާލަތުގެ ފެށުން،" އަދާލަތު ޕާޓީ އުފެއްދުމުގެ ހަނދާންތައް އާ ކުރައްވަމުން އިމްރާން ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވިގޮތުގައި، އެ ޕާޓީގައި އޭރު ވެސް ވަރަށް ވަރުގަދަ ރައުސްމާލެއް އޮތެވެ. އެއީ ވަރަށް ސާފު، ވަރުގަދަ ފިކުރަކާއި ނުގުޑާ ފަދަ އަޒުމާއި ހިތްވަރު ކަމަށް ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް އިމްރާން އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޗެއާޕާސަން ފައްޔާޒާއި އަދާލަތުގެ އެހެން ބައެއް ވެރިން.---ފޮޓޯ؛ ފަޔާޒު މޫސާ| މިހާރު
"މިއަދާ ހަމައަށް ވެސް އަދާލަތު ދަތުރު ކޮށްފައި ވަނީ އެ ރައުސްމާލުގެ މަތީގައި،" މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އަދި މިހާރު ތައިލެންޑުގައި އަމިއްލަ ވިޔަފާރި ކުރައްވާ އިމްރާން ވިދާޅުވި އެވެ.
"މިއަދު ވެސް އަޅުގަނޑުމެންގެ ތެރޭގައި މާ ބޮޑު މުއްސަނދިންނެއް ނެތް، ވިޔަފާރިވެރިންނެއް ނެތް. އެހެން ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ސާފު ފިކުރެއް އެބައޮތް. އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެން މެމްބަރުންގެ ތެރޭގައި ނުގުޑާ ފަދަ އަޒުމަކާއި ވަރުގަދަ ހިތްވަރެއް އެބައޮތް."
އިމްރާން ވިދާޅުވީ، އަދާލަތަކީ ސިޔާސީ ޕާޓީއެއް ކަމަށް ވިޔަސް އެ ޕާޓީ އުފެއްދިއިރު ލީޑަޝިޕްގައި ތިއްބެވީ މުޅިން ވެސް ދީނީ އިލްމުވެރިން ކަމަށް ސިޔާސީ މަސައްކަތްތަކުގައި ތަފާތު ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ. އެހެންވެ، އެ ކަންކަމުން އަރައިގަތުމަށް ވަރަށް ބޮޑެތި ބުރަތައް އުފުލަން ޖެހުނު ކަމަށް ވިދާޅުވި އެވެ.
އިމްރާން ފާހަގަކުރެއްވި ގޮތުގައި އެ ގޮންޖެހުންތަކާ އެކު ވެސް އަދާލަތު ޕާޓީ ވަނީ އެހެން ސިޔާސީ ޕާޓީތަކާ އެއްވަރަކަށް ފައި ހަމަކޮށްފަ އެވެ.
"ވަކިން ހާއްސަކޮށް އޭރު ވެސް އަދާލަތު ޕާޓީގެ ޖަލްސާތަކަށް އެމްޑީޕީގެ ގިނަ މެމްބަރުން ވަޑައިގަންނަވާ. އަދި ބައެއް ފަހަރު އެމްޑީޕީގެ ޖަލްސާތަކަށް އަދާލަތުގެ މެމްބަރުން ވަޑައިގަންނަވާ. [އެއީ] ހިއްސާ ކުރަމުން ދިޔަ އެއް ހަމަތަކަކާއި އުސޫލުތަކެއްގެ ސަބަބުން،" އޭނާ ވިދާޅުވި އެވެ.
އަދާލަތު ޕާޓީ އުފެއްދީ އޮގަސްޓް 18، 2005 ގަ އެވެ. އަދި އަދާލަތު ޕާޓީ މިހާރު ވެފައި ވަނީ މެދުނުކެނޑި ރާއްޖޭގައި 20 އަހަރު ވަންދެން ހިންގި ދެ ވަނަ ޕާޓީއަށެވެ. ފުރަތަމަ ޕާޓީއަކީ އެމްޑީޕީ އެވެ.
"އަދާލަތު ޕާޓީ އޮންނާނީ ފަސްނުޖެހި ރައްޔިތުންނާ އެކު"
ޝަހީމްގެ ރައްދު އިމްރާނަށް: ކެބިނެޓު ދޫކުރާކަށް ނުޖެހޭ
ކޯލިޝަން ރޫޅާލަން ފަހެއް ނުޖެހޭނަން: އިމްރާން
އަދާލަތުގެ ރައީސަކަށް އަނެއްކާ ވެސް އިމްރާން
އަދާލަތު ޕާޓީ ފޮހެލަން ބަޔަކު މަސައްކަތްކުރޭ: އިމްރާން
އަދާލަތުގެ ރައީސްކަމަށް އިމްރާނާއި ޒާހިރު
ލީޑަރުންގެ އެއްބަސްވުން "ސިއްރު"؟!
އިބޫ، އިމްރާންއާ ބައްދަލު ކުރައްވައިފި
އިދިކޮޅު ކެންޑިޑޭޓެއް ދައްކާނީ ކޮން އިރަކުން؟
"ވެރިކަން ދަމަހައްޓަނީ ލީޑަރުން ގޮޅިއަށް ލައިގެން"