Roadha Mihaaru

އަދާލަތުގެ އިންތިޚާބު: އިމްރާނާ ވާދަކުރައްވަނީ އިސްލާމިކް މިނިސްޓަރު ޒާހިރު

ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރިއާސީ އިންތިޚާބަށް ކުރިމަތިލެއްވީ ޕާޓީގެ ރައީސްކަމުގައި މިހާރު ވެސް ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އަދާލަތުގެ ރައީސްކަމަށް އިމްރާނާއި ޒާހިރު
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

22 ޖެނުއަރީ 2021

ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރިއާސީ އިންތިޚާބަށް ކުރިމަތިލެއްވީ ޕާޓީގެ ރައީސްކަމުގައި މިހާރު ވެސް ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީން މިރޭ ބުނި ގޮތުގަައި އިމްރާންގެ ރަނިންމޭޓެއްގެ ގޮތުގައި ނައިބު ރައީސް ކަމަށް ކުރިމަތިލެއްވީ އަހްމަދު ޝަރީފެވެ. އަދި ޒާހިރުގެ ރަނިންމޭޓަކީ އަހްމަދު ނަޝީދެވެ.

އިންތިހާބަށް އިއުލާނުކުރި އިރު ޕާޓީގެ އަސާސީ ގަވައިދު އޮތް ގޮތުން ރައީސް ކަމުގެ މަގާމަށް އަންހެނުންނަށް ވާދަކުރެވެން ނެތުމުން އެކަމަށް ފާޑުކިޔުން އަމާޒުވި އެވެ. އެހެންވެ ފަހުން ވަނީ އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް ގަވައިދު ބަދަލުކޮށްފަ އެވެ. ނަމަވެސް އިއްޔެ ހަވީރު 4:00 އާ ހަމަ އަށް ވަގުތު ހަމަވިއިރު އެއްވެސް އަންހެނަކު ރައީސް ކަމަށް ކުރިމައްޗެއް ނުލަ އެވެ.

އަދާލަތު ޕާޓީގެ މި އިންތިހާބު ބާއްވާނީ އެ ޕާޓީން ބުނެފައިވާ ގޮތުގައި އޮންލައިންކޮށެވެ.

އެ ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވާ އިންތިހާބު މި މަހުގެ 31 ވަނަ ދުވަހު ބާއްވާނެ އެވެ. އަދާލަތު ޕާޓީގެ މެމްބަރެއްގެ ގޮތުގައި މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ރަހިސްޓްރީވެފައިވާ އެންމެންނަށް މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ އިރު، މިހާތަނަށް 7،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް އެ ޕާޓީގެ މީޑިއާ ކޮމިޓީ މެމްބަރަކު ކުރިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮންލައިންކޮށް އިންތިހާބު ބާއްވަން ނިންމީ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ. އަދި މިދިޔަ މަހު ވެސް އެ ޕާޓީގެ ދާއިރާ މެމްބަރުން ކަނޑައަޅަން ބޭއްވި އިންތިހާބެއްގައި އޮންލައިންކޮށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ވޯޓުގެ ކަންތައް ހަމަޖައްސަނީ އެމެރިކާގެ ކުންފުންޏަކާ ގުޅިގެން،" އޭނާ އޭރު ވިދާޅުވި އެވެ.

މި އިންތިހާބުގައި ވޯޓުލާ އަދާލަތު ޕާޓީގެ މެމްބަރުންނަށް، ވޯޓު ލާން ހާއްސަ ލިންކެއް ފޮނުވާނެ އެވެ. ވޯޓު ލެވޭނީ އެ މީހާގެ އައިޑީ ކާޑު ނަންބަރާއި އަދާލަތު ޕާޓީން ދީފައިވާ ނަންބަރެއް އެއްގޮތްވެ، އެ މީހެއްގެ ވަނަވަރު ކަށަވަރުވުމުންނެވެ.