Roadha Mihaaru
މިއީ ގައުމު އިސްކުރަންވީ ވަގުތު: ޝައިޚް އިމްރާން

މިއީ އަމިއްލަ ވިސްނުމަށްވުރެ ގައުމު އިސްކުރަންވީ ވަގުތު: އިމްރާން

26 ޑިސެމްބަރ 2017

މިއީ ސިޔާސީ ލީޑަރުންގެ އަމިއްލަ ވިސްނުންތަކަށް ވުރެ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސް ކުރަންވީ ވަގުތު ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މިއީ ސިޔާސީ ލީޑަރުންގެ އަމިއްލަ ވިސްނުންތަކަށް ވުރެ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސް ކުރަންވީ ވަގުތު ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ގުޅިފައިވާ ޕާޓީތަކުގެ ހަތަރު ލީޑަރުން ޓީވީ މެދުވެރިކުރައްވައި ވަކިވަކިން ފޮނުއްވި ހިތާބުގައި އިމްރާން ވިދާޅުވީ ގައުމަށް ދިމާވެފައިވާ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ރައްޔިތުންގެ މަސްހަލަތު އިސްކުރަނީ ކޮން ބައެއްކަން ރައްޔިތުން އަބަދުވެސް ފާހަގަކުރާނެކަން ކަށަވަރު ކަމަށެވެ.

އަންނަ ރިޔާސީ އިންތިހާބަށް އިޝާރާތް ކުރައްވައި އިމްރާން ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކަކީ އަނެއްކާ ވެސް ދިވެހިންގެ ގައުމީ އެއްބައިވަންތަކަން ހާމަކޮށް ދެއްކުން މުހިންމު ދުވަސްތަކެއް ކަމަށެވެ. އަދި އެ އިންތިހާބު ކާމިޔާބުކުރަން ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހިން ވަރަށް ފޮނި އުއްމީދާއެކު 2013 ވަނަ އަހަރު ގާއިމުކުރި ވެރިކަން ފަސާދަވެ، ހަމަ އިން ނެއްޓި އަނިޔާވެރިކަމުގައި ހައްދުން ނެއްޓިފައިވާ މިންވަރުން ކަށަވަރުވާ އެއް ހަގީގަތަކީ ސަރުކާރު ހިންގަން ތިބި ފަރާތްތަކުގެ އަނިޔާވެރިކަމާއި ވައްކަން ހުއްޓުވަން އޮތް ހަމައެކަނި މަގަކީ ރައްޔިތުން ދެކެ ލޯބިވާ ދިވެހި ގައުމާއި މާތްވެގެންވާ އިސްލާމް ދީނަށް ވަފާތެރި އެންމެހާ ފަރާތްތައް ގުޅިގެން ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކަށަވަރުކޮށް، އަދި އެ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި މަސައްކަތްކުރަން ޖެހޭކަން،" ބާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވާ އިމްރާންގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު އިއްވެވި މެސެޖްގައި ވިދާޅުވެފައިވެ އެވެ.

"ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ކަށަވަރު ކޮށްދޭން ބޭނުންވަނީ ސަރުކާރުގެ އަނިޔާވެރިކަމާއި ވައްކަމާ ދެކޮޅަށް މަސައްކަތްކުރައްވާ އެންމެހާ ފަރާތްތައް ގުޅިގެން ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ރައްޔިތުން އެދޭފަދަ އަމާން އައްސޭރިއަކަށް ގައުމު ގެންދިއުމަށްޓަކައި ހިނގަންޖެހުނު ކޮންމެ މަގަކުން ހިނގަން އަޅުގަނޑާއި އަދާލަތު ޕާޓީ ތައްޔާރަށް އޮތްކަން. މިދެންނެވި މަންޒިލަށް ދިވެހިރާއްޖެ ގެންދިއުމަށްޓަކައި އުފުލަން ޖެހޭ ތަކުލީފާއި ދޫކުރަން ޖެހޭ މިންވަރު ކިތަންމެ ބޮޑުވިޔަސް އަޅުގަނޑުމެން މާތްﷲގެ ވާގިފުޅާއެކު ފަހަތަށް ނުޖެހި އެކަން ކުރާނަން،" އިމްރާން ވިދާޅުވި އެވެ.