Roadha Mihaaru
ކޯލިޝަން ރޫޅިއްޖެނަމަ ރައްޔިތުންގެ މާފެއްނެތް: އިމްރާން

ކޯލިޝަން ރޫޅިއްޖެ ނަމަ ރައްޔިތުން މާފެއް ނުކުރާނެ: އިމްރާން

01 ނޮވެމްބަރ 2018

ގުޅިފައިވާ ޕާޓީތަކުން އުފައްދާ ކޯލިޝަން ސަރުކާރު ފަސް އަހަރަށް ނުދަމަހައްޓައިފި ނަމަ، އެ ކޯލިޝަނަށް ވޯޓު ދިން ރައްޔިތުން މާފު ނުކުރާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ގުޅިފައިވާ ޕާޓީތަކުން އުފައްދާ ކޯލިޝަން ސަރުކާރު ފަސް އަހަރަށް ނުދަމަހައްޓައިފި ނަމަ، އެ ކޯލިޝަނަށް ވޯޓު ދިން ރައްޔިތުން މާފު ނުކުރާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

މެއި 1، 2015 ގައި ބޭއްވި މޭޑޭ މުޒާހަރާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާކޮށް 12 އަަހަރަށް ޖަލަށް ލާފައި ވަނިކޮށް ސުޕްރީމް ކޯޓުން މިއަދު ވަނީ އިމްރާންގެ ހުކުމް ތަންފީޒުކުރުން ފަސްކޮށް އޭނާ މިނިވަންކުރަން ވަގުތީ އަމުރެއް ނެރެފަ އެވެ.

މިނިވަން ވުމަށް ފަހު، އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި އިމްރާން ވިދާޅުވީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިރުވެރިކަމުން އަރައިގަނެވުނަސް އެކަމުގެ ފޮނިމީރުކަން އަދި އޮތީ ކުރިއަށް ކަމަށެވެ.

"އެހެންވީމާ ކުރިއަށް އޮތް ތަނުގައި އިތުރަށް ޕާޓީތައް ގުޅުން ވަރުގަދަކޮށް އެކަންކަމައިގެން ކުރިއަށް ދިއުން އެއީ ރައްޔިތުން، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ނުވަތަ މިހާރު އަޅުގަނޑު ވަރަށް ހަމަ ހިތުގެ އަޑިން ގަބޫލުކުރާ ކަމެއް. އަޅުގަނޑުމެން މިހާރު މި ގުޅިފައިވާ ކޯލިޝަން ސަރުކާރު ބަދަހިގޮތުގައި ފަސް އަހަރަށް ނުދަމަހައްޓައިފި ނަމަ އަޅުގަނޑުމެނަށް ވޯޓުލީ ބޭފުޅުން އަޅުގަނޑުމެނަށް މާފެއް ނުކުރާނެ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން މިހެން ވިދާޅުވީ ރައީސް ޔާމީނު ވެރިކަން ކުރެއްވި ގޮތަކީ ޕާޓީތައް ގުޅުނު ސަބަބު ކަމަށް ވާއިރު އެ ސަބަބު ނެތި ދިއުމުން ކޯލިޝަން ބަދަހިކޮށް އޮންނާނެ ކަމުގެ ޔަގީންކަން އޮތީ ކިހާވަރަކަށްތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އޭނާ ވިދާޅުވީ ބިރުވެރިކަން ފިލައި ދިޔަ ކަމުގައި ވިޔަސް، ކޯލިޝަން ހެދ ސަބަބާ ދުރަށް ދާން ނުޖެހޭ ކަމަށެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ގާނޫނާ ހިލާފަށް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަންކަން ބަލަން މަސައްކަތްކުރައްވާނަންތޯ ސުވާލުކުރުމުން ވިދާޅުވީ ގާނޫނުން އެއްވެސް މީހަކު އިސްތިސްނާ ނުވާނެ ކަމަށެވެ.

އިމްރާން ވިދާލުވި ގޮތުގައި އަދާލަތު ޕާޓީގެ ކަންކަމުގައި ހަރަކާތްތެރި ވެވަޑައި ނުގެންނެވުމުގެ ސަބަބުން ޕާޓީއަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް ވަނީ އައިސްފަ އެވެ. އެހެންވެ ޕާޓީ ވަރުގަދަކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިރޭ އަދާލަތު ޕާޓީގެ އޮފީހަށް ވަޑައިގަތުމުން އޭނާއާ އެކު މީހުން ފޮޓޯ ނަގަނީ. -- ފޮޓޯ: އަދާލަތު ޕާޓީ

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިރޭ އަދާލަތު ޕާޓީގެ އޮފީހަށް ވަޑައިގަތުމުން އޭނާއާ އެކު މީހުން ފޮޓޯ ނަގަނީ. -- ފޮޓޯ: އަދާލަތު ޕާޓީ

އިމްރާން މިނިވަންކުރަން ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ އިމްރާންގެ ފަރާތުން އެ ކޯޓަށް ހުށައަޅާފައިވާ މަައްސަލަ ބަލައި، ގޮތެއް ނިމެންދެން، އޭނާގެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގާ އަމުރުކުރާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް މިހާތަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާ ކަމަށްވާ މޭ 1 ގެ އެއްވުމުގައި އިސްކޮށް އުޅުއްވުމުން، ޓެރަރިޒަމްގެ ދައުވާކޮށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2015 ގަ އެވެ. އަދި އެ ހުކުމަށް 2016 ގައި ހައި ކޯޓުން ވެސް ތާއީދުކުރި އެވެ.

އިމްރާން ސަލާމަތްކުރަން ސުޕްރީމް ކޯޓަށް އިމްރާންގެ ވަކީލުން ހުށަހެޅުމުން އެ ކޯޓުން ނޮވެމްބަރު 22، 2017 ގައި ނިންމީ މައްސަލަ ނުގަތުމަށެވެ. އަލުން އިމްރާންގެ ވަކީލުން މިދިޔަ މަހު 24 ގައި ހުށަހެޅީ، ސުޕްރީމް ކޯޓުގެ އެ ނިންމުން މުރާޖައާކޮށްދިނުމަށެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނާ ދެކޮޅަށް އުފެއްދި އިދިކޮޅު ކޯލިޝަންގެ އެއް ލީޑަރު ކަމަށްވާ އިމްރާންގެ ހުކުމް ތަންފީޒުކުރަން ފަސްކޮށްފައި މި ވަނީ އޭނާ ގޭ ބަންދުގައި ހުންނަވަނިކޮށެވެ.