27 ނޮވެމްބަރ 2022
ޗައިނާއާ ގުޅިގެން އެކި ދާއިރާތަކުން މަސައްކަތްކުރުމާ ބެހޭ ގޮތުން އެކި ގައުމުތަކުން ބައިވެރިވި ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމްގައި ސަރުކާރަށް ނޭގި ރާއްޖެ ބައިވެރިވި ކަމަށް ބުނާ ވާހަކަ ދިވެހި ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.
ޗައިނާއާ ގުޅިގެން އެކި ދާއިރާތަކުން މަސައްކަތްކުރުމާ ބެހޭ ގޮތުން އެކި ގައުމުތަކުން ބައިވެރިވި ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމްގައި ސަރުކާރަށް ނޭގި ރާއްޖެ ބައިވެރިވި ކަމަށް ބުނާ ވާހަކަ ދިވެހި ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.
އެ ބައްދަލުވުމަށް ކުރީގެ ރައީސް މުހައްމަދު ވަހީދުގެ މެސެޖެއް ފޮނުއްވި ނަމަވެސް އެ މަނިކުފާނު ތަމްސީލު ކުރެއްވީ އަމިއްލަފުޅު ހައިސިއްޔަތެވެ. އާލާސްކަންފުޅުގައި އުޅުއްވާތީ ވަހީދު ފޮނުއްވީ ކުރިން ރެކޯޑް ކޮށްފައި އޮތް މެސެޖެކެވެ.
ޗައިނާއާ ގާތް ގުޅުމެއް ބާއްވަވާ ވަހީދަށް އެ ގައުމުން ދައުވަތު ފޮނުވީ ދާއިރާގެ ތަޖުރިބާކާރަކަށް ވާތީ ކަމަށް ވެ އެވެ.
ޝެއާޑް ޑިވެލޮޕްމަންޓް: ތިއަރީ އެންޑް ޕްރެކްޓިސް ފްރޮމް ދަ ޕާސްޕެކްޓިވް އޮފް ދަ ބްލޫ އިކޮނޮމީގެ ނަމުގައި ޗައިނާގެ ކުންމިންގައި މި މަހުގެ 21 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވި ކަމަށް ޗައިނާއިން ބުނެފައި ވާތީ އެކަން ދޮގުކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިއީ ރާއްޖޭން ބައިވެރިވި ބައްދަލުވުމެއް ނޫން ކަމަށެވެ.
މި ބައްދަލުވާ ބެހޭ ގޮތުން ޗައިނާ އިން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނީ، ބައްދަލުވުމުގައި 19 ގައުމަކުން ބައިވެރިވި ކަމަށެވެ. ބަޔާނުގައިވާ ގޮތުން އެއީ ރާއްޖޭގެ އިތުރުން، އިންޑޮނީޝިއާ، ޕާކިސްތާން، މިއަންމާ، ސްރީ ލަންކާ، ބަންގްލާދޭޝް، ނޭޕާލް، އަފްޣާނިސްތާން، އީރާން، އޯމާން، ސައުތު އެފްރިކާ، ކެންޔާ، މޮޒަމްބީކް، ޓެންޒޭނިއާ، ސޭޝެލްސް، މަޑަކަސްކާ، މޮރިޝަސް، ޖިބޫތީ އަދި އޮސްޓްރޭލިއާ އެވެ.
ރާއްޖެއާ ސިޔާސީ ގޮތުން މިހާރު ބޮޑު ގުޅުމެއް އޮންނަ އިންޑިއާ އިން އެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެ އެވެ.
"މި ބައްދަލުވުމުގައި ރާއްޖޭން ބައިވެރިއެއް ނުވަމެވެ. އަދި މި ބައްދަލުވުމުގައި ބައިވެރި ނުވާނެކަން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއަށް ވާނީ ނޮވެމްބަރު 15، 2022 ގައި އަންގައިފަ އެވެ. ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންނަކީ ދިވެހި ސަރުކާރު ތަމްސީލްކުރި ބައެއް ނޫނެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ޚާރިޖީ ސިޔާސަތު ކަނޑައަޅައި ތަންފީޒުކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރެއް ކަމަށާއި ރާއްޖޭން ބައިވެރިވާ ބައިނަލްއަގުވާމީ ބައްދަލުވުންތަކުގައި ބައިވެރިވާނެ މީހުން ކަނޑައަޅައި އެކަން ހަމަޖައްސަނީ ޑިޕްލޮމެޓިކް ޗެނަލްތަކުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޗައިނާއިން ބުނެފައިވަނީ ބައްދަލުވުމުގެ ބައިވެރިން ކަނޑުގެ ދިރުންތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދިރުންތައް އާލާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރި ކަމަށެވެ. އަދި ތަރައްގީގައި ބައިނަލްއަގުވާމީ ގޮތުން ގުޅިގެން މަސައްކަތްކުރުމުގައި މި ފަހުން ލިބިފައިވާ ކުރިއެރުންތަކާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކެވުނު ކަމަށް ބުނެފައިވެ އެވެ.
ކޮވިޑް-19 އާއި މޫސުމީ ބަދަލުތަކާ މެދު ކަންބޮޑުވުން ފާޅުކޮށް ގައުމުތަކުން ވާހަކަ ދެއްކި ކަމަށާއި މީގެ އިތުރުން ހުރިހާ ގައުމަކުން ވެސް ވަނީ ޗައިނާ-އެފްރިކާ ސެޓެލައިޓް ރިމޯޓް ސެންސިން އެޕްލިކޭޝަން ސެންޓަރުގެ މަސައްކަތާއި މީހުން ބިނާކުރުމުގައި ޗައިނާއިން ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރި ކަމަށެވެ.
ޗައިނާއިން ވަނީ ކަނޑުމަތީ ދިމާވާ ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި އެފަދަ ހާދިސާތަކުގެ ނުރައްކާ ކުޑަކުރުމާ ބެހޭ ގޮތުން ގުޅިގެން މަސައްކަތްކުރާނެ ނިޒާމެއް ގާއިމުކުރުމަށް ހުށަހަޅައިފަ އެވެ. އަދި މިކަމަށް ހުރިހާ ގައުމަކުން ވެސް ތާއީދުކުރި ކަމަށް ބަޔާނުގައިވެ އެވެ. މިކަމުގައި ބޭނުންވާ ފައިސާ އާއި ތަކެތީގެ އެހީތެރިކަން ދޭން ތައްޔާރުކަމަށް ޗައިނާ އިން ވަނީ ބުނެފަ އެވެ. އަދި "ބްލޫ އިކޮނޮމީ ތިންކް ޓޭންކް" އެއް އިންޑިއާ ކަނޑުގެ ގައުމުތަކާ އެކު އުފެއްދުމަށް ޗައިނާއިން ހުށަހަޅައި އެކަމުގައި ކުރިއަށްދާނެ ގޮތަކާ ބެހޭ ގޮތުން ވެސް ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ.
ރާއްޖޭގެ އިގުތިސޯދު ވަރުގަދަ، ދަރަނި އަދާކުރާނެ:ވަހީދު
ރާއްޖެ-ޗައިނާ އިން އެފްޓީއޭ އަށް އަމަލުކުރަން ފަށައިފި
ރާއްޖެ-ޗައިނާގެ އެފްޓީއޭއަށް ބުދަ ދުވަހު އަމަލުކުރަނީ
ޗައިނާއިން އެއް ބިލިއަން ޑޮލަރުގެ ވިޔަފާރިކުރެވޭނެ:ހީނާ
"ގައުމުތަކުން އެހީވަނީ ރިފޯމް އެޖެންޑާ ހަރުދަނާ ވީމާ"
ދަތިތަކުން އަރައިގަތުމަށް ޝީ ދެއްވީ ޔަގީންްކަން!
ޗައިނާއިން އިސްކަން ދެނީ ހިލޭ އެހީ ދިނުމަށް: ސަފީރު
ގާދޫގައި ބަންކަރިންއާ އެކު ގިނަ މަޝްރޫއުތަކެއް
އިންޑިއާ/ޗައިނާގެ މުދަލަށް ރުފިޔާ ދެއްކޭ ގޮތް ހަދަނީ
"ޗައިނާ ލޯނުތައް ލުއިވި ކަމުގެ މައުލޫމާތެއް ނުލިބޭ"