Roadha Mihaaru
"ޗައިނާ ލޯނުތައް ލުއިވި ކަމުގެ މައުލޫމާތެއް ނުލިބޭ"

ޗައިނާއިން ނެގި ލޯނުތައް ދެއްކުން ފަސްކުރި ކަމުގެ މައުލޫމާތެއް ލިބިފައެއް ނެތް: އެމްއެމްއޭ

27 މާޗް 2024

ރާއްޖޭން ޗައިނާ އަށް އަނބުރާ ދައްކަންޖެހޭ ލޯނުތައް ރީސްޓްރަކްޗާ ކުރި ކަމުގެ އެއްވެސް މައުލޫމާތެއް އަދި ނުލިބޭ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އިމާދު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭން ޗައިނާ އަށް އަނބުރާ ދައްކަންޖެހޭ ލޯނުތައް ރީސްޓްރަކްޗާ ކުރި ކަމުގެ އެއްވެސް މައުލޫމާތެއް އަދި ނުލިބޭ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އިމާދު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިން ޗައިނާ އަށް ކުރިއަށް އޮތް ފަސް އަހަރު ދައްކަންޖެހޭ ލޯނުގެ އަދަދު ދެއްކުމުގައި ވީހާ ވެސް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް އެ ގައުމުގެ ރައީސް ޝީ ޖިންޕިން ނިންމަވާފައިވާ ކަން މިދިޔަ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ އެ މަނިކުފާނު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރަކު ވަނީ ޗައިނާއިން ނެގި ލޯނުތައް އަނބުރާ ދެއްކުން ލުއިކުރި ކަމަށް ރައީސް ވިދާޅުވެފައިވާތީ، އެކަމުގެ ތަފްސީލެއް ދެއްވަން އިމާދު އަރިހުން އެދިވަޑައިގެންފަ އެވެ.

"ޗައިނާ ލޯނުތައް ރީސްޓްރަކްޗާ ކުރެވުނު ކަމުގެ ރަސްމީ މައުލޫމާތެއް އަދި އަޅުގަނޑުމެންނަށް ލިބިފައެއް ނެތް،" އެ ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒު އޭރު ވިދާޅުވެފައިވަނީ، އެ ކަން ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަން ޗައިނާގެ މާލީ ދާއިރާގެ ފަންނީ ޓީމެއް ވަރަށް އަވަހަށް ފޮނުވަން ރައީސް ޝީ ނިންމެވި ކަމަށެވެ. "އޭރުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ލުއިތަކެއް ހަމަޖެހިގެން އެބަދޭ ލޯނުތައް ދެއްކުމުގައި ވެސް،" ރައީސް ވިދާޅުވެފައިވެ އެވެ.