Roadha Mihaaru
މާލިއްޔަތު ރަނގަޅަސް ގޮންޖެހުން ބޮޑު!

އެމްއެމްއޭއިން ބުނީ މާލިއްޔަތު އަދި ރަނގަޅު ކަމަށް، އެކަމަކު ބަޖެޓު ދެކޮޅު ޖައްސަން ގޮންޖެހުން ބޮޑު!

27 މާޗް 2024

މި ސަރުކާރުން ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރުމުގެ ސަބަބުން އަހަރުގެ ފުރަތަމަ ތިން މަހު ދައުލަތުގެ މާލިއްޔަތު ވަރަށް ރަނގަޅު ކަމަށާއި ނަމަވެސް ދައުލަތުގެ މި އަހަރުގެ ބަޖެޓު ދެކޮޅު ޖެއްސުމަށް ގޮންޖެހުން ބޮޑުކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން މިއަދު ބުނެފި އެވެ.

މި ސަރުކާރުން ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރުމުގެ ސަބަބުން އަހަރުގެ ފުރަތަމަ ތިން މަހު ދައުލަތުގެ މާލިއްޔަތު ވަރަށް ރަނގަޅު ކަމަށާއި ނަމަވެސް ދައުލަތުގެ މި އަހަރުގެ ބަޖެޓު ދެކޮޅު ޖެއްސުމަށް ގޮންޖެހުން ބޮޑުކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން މިއަދު ބުނެފި އެވެ.

ދައުލަތުގެ ކޭޝްފްލޯއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ ދައުލަތުގެ އާމްދަނީ ލަފާކުރި ވަރަށް ވުރެ އިތުރުވެފައިވާ އިރު، ދައުލަތުގެ ހަރަދުން ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި، ދައުލަތް އަދިވެސް ހިނގަމުންދަނީ ލިބޭ އާމްދަނީއަށް ވުރެ ހަރަދު ބޮޑުކޮށެވެ.

މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، މިއީ 16.3 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

"ކޮންމެ އަހަރަކު އާމްދަނީ އާއި ހާއްސަކޮށް ހިލޭ އެހީ ލަފާކުރާ މިންވަރަށް ނުލިބޭ ކަމުގެ ކަންބޮޑުވުން އަޅުގަނޑުމެން އަބަދުވެސް ފާޅުކުރަން. މި އަހަރު ވެސް ބަޖެޓު ފޫބެއްދުމުގައި ވަރަށް ބޮޑެތި ޗެލެންޖަސް އެބަހުރި،" އިމާދު ވިދާޅުވި އެވެ.

ޑޮލަރު ލިކުއިޑިޓީގެ ގޮންޖެހުން ބޮޑު

މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިމާދު ވިދާޅުވި ގޮތުގައި ފާއިތުވި ތިން މަހު ގްރޮސް ރިޒާވްގައި އެމްއެމްއޭގެ މިންގަނޑާ އެއްގޮތަށް ގާތްގަނޑަކަށް 580 މިލިއަން ޑޮލަރު އެބަހުއްޓެވެ.

އަހަރު ނިމޭ އިރު، ގާތްގަނޑަކަށް 600 މިލިއަން ޑޮލަރުގައި އެ އަދަދު ހިފެހެއްޓޭނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އިމާދު ވިދާޅުވީ ޑޮލަރުގެ ލިކުއިޑީޓީ ހިފެހެއްޓުމުގައި ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. ބޭރު ފައިސާއިން ލިބޭ އާމްދަނީއަށް ވުރެ އިތުރަށް މަހަކު 50 މިލިއަނެއްހާ ޑޮލަރު ހޯދަންޖެހޭ ކަމަށް އޭނާ ލަފާކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ހަރަދުތައް، ބޭރު ފައިސާއިން ކުރަން ޖެހޭ ހަރަދުތައް ކުރިއަށް ގެންދަން ބޮޑެތި ގޮންޖެހުންތައް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

އައިއެމްއެފްގެ ޕެކޭޖަކަށް ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅުވައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމާދު ވިދާޅުވީ އެފަދަ ކަމެއްގެ މައުލޫމާތެއް ރަސްމީ ސިފައެއްގައި އަދި ލިބިފައި ނެތް ކަމަށެވެ.