Roadha Mihaaru
މުދަލުގެ އަގު ހީކުރާ ވަރަށްވުރެ ބޮޑުވެދާނެ

މުދަލުގެ އަގު ހީކުރާ ވަރަށް ވުރެ ބޮޑުވެދާނެ!

17 ނޮވެމްބަރ 2022

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުން އޭގައި އޮތް އެންމެ ބޮޑު އެއް ބިރަކީ، މުދަލުގެ އަގު ހީނުކުރާވަރަށް ބޮޑުވުމުގެ ބިރު ކަމަށް ވިޔަފާރި އާއި އިގްތިސާދީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ވިދާޅުވެއްޖެ އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުން އޭގައި އޮތް އެންމެ ބޮޑު އެއް ބިރަކީ، މުދަލުގެ އަގު ހީނުކުރާވަރަށް ބޮޑުވުމުގެ ބިރު ކަމަށް ވިޔަފާރި އާއި އިގްތިސާދީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ވިދާޅުވެއްޖެ އެވެ.

މި ހަބަރަށް ވާހަކަ ދެއްކެވި، ބައެއް ތަޖުރިބާކާރުން އެކަމާ ވަރަށް ފުޅާކޮށް ވާހަކަ ދައްކަވަމުން ވިދާޅުވި އެއް ވާހަކަ އަކީ މީގެ ކުރިން ވެސް ޖީއެސްޓީ އަށް އައި ބަދަލުތަކާ އެކު މުދަލުގެ އަގަށް "ބޭރުން" އިތުރުވި ބައެވެ.

"ވިޔަފާރިތަކުން އިތުރަށް އަގު ބޮޑުކުރާކަން ކުރީ ފަހަރުގެ ޖީއެސްޓީ ބޮޑުކުރި އިރު ވެސް ފާހަގަކުރެވުނު،" މާލީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.

ޖީއެސްޓީ އަށް ދެ ޕަސެންޓް، އަދި ޓީޖީއެސްޓީ އަށް ހަތަރު ޕަސެންޓް އިތުރުކުރަން، ޓެކްސްގެ ގާނޫނަށް ބަދަލު ގެންނަން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އެ ގާނޫނު ބަދަލުކުރީ، އަންނަ އަހަރުގެ ބަޖެޓްގައި ޓެކްސް ބޮޑުކުރާ ގޮތަށް ހިމަނާފައިވާތީ އެވެ. ސަރުކާރުން ބަލަނީ ޓެކްސް ބޮޑުކޮށްފި ނަމަ، ދައުލަތަށް ލިބޭ އާމްދަނީ އަށް ތިން ބިލިއަން ރުފިޔާ ވަރު އިތުރުވާނެ ކަމަށެވެ.

ޓެކްސް ބޮޑުކުރަން ފާސްކޮށްފައި ވަނީ، އެ ބަހުސް ބޮޑު މައްސަލަގަނޑަކަށްވެ ވަރަށް ހޫނު ޒުވާބެއް ހިނގުމަށްފަހު އެވެ. އަދި އެ މައްސަލާގައި އިދިކޮޅުގެ ބައެއް ސަޕޯޓަރުން މުޒާހަރާ ވެސް ކޮށްފައި ވަނިކޮށެވެ.

ޓެކްސް ބޮޑުކުރުމަކީ މައްސަލައެއް ނޫން ކަމަށް ތަޖުރިބާކާރުން ވިދާޅުވި އެވެ. އެކަމަކު، އެމްއެމްއޭ އިން ވެސް މަޖިލީހަށް ދިން ލަފައަކީ، މިއީ އެކަން ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމެވެ.

"އައިއެމްއެފް އިން އަންދާޒާކުރަނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ދަށްވާން ފެށުމުން ޖީއެސްޓީ ބޮޑުކުރުމަށް. އެގޮތުން އެ އިދާރާގެ ލަފައަކީ 2024 ވަނަ އަހަރު ޖީއެސްޓީ ބޮޑުކުރުމުން އިންފްލޭޝަނަށް ކުރާ އަސަރު ކުޑަކުރުވޭނެ ކަމަށް،" ތަޖުރިބާކާރަކު ވިދާޅުވި އެވެ.

"ޓައިމިން ގޯސްވާ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި މި ދަނޑިވަޅު ތަކެތީގެ އަގު އިންތިހާ އަށް އުފުލެމުންދާތީ އާއި ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވާތީ، ރާއްޖެ އަށް ދުނިޔޭގެ ބާޒާރުގައި މި އަންނަ ބަދަލުތަކުގެ އަސަރުތައް ވަރަށް ބޮޑަށް ކުރާނެތީ. އަދި އޭގެ މައްޗަށް ޖީއެސްޓީ ގެނައުމުން ތަކެތީގެ އަގު އިންތިހާ އަށް އުފުލުމުގެ ފުރުސަތު އޮތީމަ. އެހެން ގައުމުތަކާ ރާއްޖެއާ މި ފަންޑަމެންޓަލް ޑިފަރެންސް އޮތީމަ ރާއްޖެ އަށް މި ހާލަތު އެންމެ އެކަށީގެން ނުވަނީ."

ޖީއެސްޓީ ބޮޑުކުރުމުން، ޖީއެސްޓީ ނަގާ ހުރިހާ މުދަލެއްގެ އަގު ވެސް ބޮޑުވާނެ އެވެ. އެއީ، މިސާލަކަށް ކުރިން 100ރ. އަށް ލިބޭ މުދަލެއް އަންނަ އަހަރުން ފެށިގެން 108ރ. އަށް ބަދަލުވުމެވެ. އެއީ، ދެ ރުފިޔާގެ ބޮޑުވުމެކެވެ.

"އަނެއްކާ މިއީ ތަކެތީގެ އަގު ބޮޑުވަމުންދާ ދުވަސްވަރެއްކަމުން ވިޔަފާރި ފައިދާ ބޮޑުކުރުމަށް މި ދަނޑިވަޅުގައި ވިޔަފާރިތަކުން ކުރިން 100ރ. އަށް ދޭ މުދާ އިތުރަށް އަގު ބޮޑުކުރުމުގެ ފުރުސަތު ވެސް އެބައޮތް. އެހެންކަމުން ތަކެތީގެ އަގު ފުދޭވަރަކަށް ބޮޑުވުމަކީ އެކަށީގެންވާ ކަމެއް،" ތަޖުރިބާކާރަކު ވިދާޅުވި އެވެ.

"ބަޖެޓް ފޮތުގައި ފާހަގަކޮށްފައި ވަނީ ޖުމްލަކޮށް ޖީއެސްޓީ ދެ ޕަސެންޓުން ބޮޑުކުރުމުން ތަކެތީގެ އަގު އޯވަރޯލްކޮށް 2.5 ޕަސެންޓުން ބޮޑުވާ ކަމަށް. އަންނަ އަހަރަށް ލަފާކުރާ އިންފްލޭޝަން އަކީ 5.4 ޕަސެންޓް. މީގެ ތެރެއިން 2.5 ޕަސެންޓަކީ ޖީއެސްޓީގެ ސަބަބުން އަގު ބޮޑުވާ މިންވަރު. ޖީއެސްޓީގެ ސަބަބުން ކާބޯތަކެތީގެ އަގު، ފޯނުބިލް، އިންޓަނެޓަށް ކުރެވޭ ހަރަދު، ޖުމްލަކޮށް ބޮޑުވެގެންދާނެ."

އަގު މައްޗަށް ދާނެ އަނެއް ދާއިރާ އަކީ ކާބޯތަކެތީގެ ދާއިރާ އެވެ. ހޮޓާ އަދި ކެފޭތަކަކީ ސާވިސް ޗާޖު ހިމަނައިގެން ބިލް ހަދާ ތަންތަން ކަމަށް ވާއިރު، ހުރިހާ ތަނަކުން ވެސް ބިލް ހަދަނީ ޖުމްލަ ބިލްގެ ތެރެއަށް ސާވިސް ޗާޖު އިތުރުކޮށްގެންނެވެ.

"އެހެންވެ ބޮޑުކުރާ ޖީއެސްޓީގެ އަދަދު ވެސް ސާވިސް ޗާޖުގެ ތެރެއަށް ދާނެ. މާނައަކީ ހޯދި ހިދުމަތަށް ހަމައެކަނި އަށް ޕަސެންޓް އެކަންޏެއް ނޫނޭ އެ އިތުރުވަނީ،" ތަޖުރިބާކާރަކު ވިދާޅުވި އެވެ.

އިންފްލޭޝަން އަހަރަކު ދެ ޕަސެންޓުން ބޮޑުވުމަކީ މުދަލާއި ހިދުމަތުގެ އަގަށް މިކަހަލަ ދުވަސްވަރެއްގައި އިތުރުކުރެވޭ ބޮޑު އެއްޗެއް ކަން ވެސް ތަޖުރިބާކާރުން ފާހަގަކުރައްވަ އެވެ. އެކަމަކު، ރާއްޖޭގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ މި ބޮޑުކުރަނީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު، ބޮޑު އަދަދެއް ނޫން ކަމަށް ވެސް އެ ބޭފުޅުން ފާހަގަކުރައްވަ އެވެ.

"އެހެން ގައުމުތަކުގައި ރޭޓް ހުރި މިންވަރަށް ބަލާއިރު [ޖީއެސްޓީ އާއި ޓީޖީއެސްޓީ] މިއީ ބޮޑު އަދަދުތަކެއް ނޫން،" ތަޖުރިބާކާރު ވިދާޅުވި އެވެ.

މީހަކު ބޫޓުތަކެއް ބަލަނީ: އަންނަ އަހަރުން ފެށިގެން ޖީއެސްޓީ ހިމެނޭ ހުރިހާ މުދަލެއްގެ އަގު ބޮޑުވާނެ -- ފައިލް ފޮޓޯ: މިހާރު

މީހަކު ބޫޓުތަކެއް ބަލަނީ: އަންނަ އަހަރުން ފެށިގެން ޖީއެސްޓީ ހިމެނޭ ހުރިހާ މުދަލެއްގެ އަގު ބޮޑުވާނެ -- ފައިލް ފޮޓޯ: މިހާރު

ޓީޖީއެސްޓީ ބޮޑުކުރުމުން ދިމާވާނެ އެންމެ ބޮޑު އެއް މައްސަލަ

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޓީޖީއެސްޓީ ބޮޑުކުރުމުން އެންމެ ބޮޑު އެއް މައްސަލަ ކުރިމަތިވާނެ ކަމަށް ބެލެވެނީ ގެސްޓް ހައުސްތަކަށެވެ. އެއީ ގެސްޓް ހައުސް އެސޯސިއޭޝަނުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ މައްސަލަ އެކެވެ. އަދި، ޓީޖީއެސްޓީ ބޮޑުކުރާ ނަމަ، އެކަމަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ދިނުމަށް ވެސް އެ ޖަމިއްޔާ އިން ވަނީ ގޮވާލައިފަ އެވެ.

ޓީޖީއެސްޓީ އަކީ، ޓޫރިޒަމްގެ ސިނާއަތާ ގުޅިފައިވާ ޓެކްސް އެވެ. ރާއްޖޭގެ ޓޫރިޒަމަކީ، އިގްތިސާދުގެ މައިބަދަ ކަމަށް ވާއިރު، އެ ދާއިރާގެ ކޮންމެ ލޮޅުމަކީ އާންމު ދިރިއުޅުމަށް އަސަރުކުރާނެ ކަމެއް ކަން ތަޖުރިބާކާރުން ވިދާޅުވި އެވެ.

"ގެސްޓް ހައުސް ވިޔަފާރިތަކުގެ އަގުތައް ދަށްވަމުންދާ ކަމަށް ވަނީ ބަޖެޓް ފޮތުގައި ފާހަގަކޮށްފައި. މީގެ މާނައަކީ ގެސްޓް ހައުސް ވިޔަފާރިތައް ވާދަކުރަން ޖެހޭ މާކެޓްތަކާ ވާދަކުރަން އަގުދަށްކުރަން ޖެހިފައިވާކަން،" ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވި އެވެ.

"މި ހާލަތުގައި ޓީޖީއެސްޓީ ބޮޑުކޮށްފި ނަމަ ގެސްޓްހައުސް ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް. އެހެންކަމުން، ޓޫރިޒަމްގެ ސިނާއަތުގެ ކޮމްޕޮނަންޓްތަކުގެ އަގުތަކުގެ ދިރާސާއެއް ހެދުމަށް ފަހު މި ބަދަލުތައް ގެނައުން މުހިއްމު،" އޭނާ ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި، ޓީޖީއެސްޓީ ބޮޑުކުރުމުން ލިބޭ ޑޮލަރު އާމްދަނީ އިތުރުކުރެވި، ރަސްމީ ރިޒާވް މެދުވެރިކޮށް އެކްސްޗޭންޖް ރޭޓް މެނޭޖުކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ތަޖުރިބާކާރުން ފާހަގަކުރެއްވި މައިގަނޑު އަނެއް ނުކުތާއަކީ، ޓެކްސްގެ އާމްދަނީ ބޭނުން ކުރާ ގޮތެވެ. އަދި ޓެކްސް ބޮޑުކޮށްގެން ހޯދާ އާމްދަނީގެ މަގުސަދު ހާސިލް ވެދާނެތޯ އެ ބޭފުޅުން ސުވާލު އުފައްދަވަ އެވެ.

"ލިބޭ އާމްދަނީ އިތުރުކުރަނީ ޖުމްލަކޮށް ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމަށް. އެ މަގުސަދު ހާސިލު ނުވަނީ އާމްދަނީ ބޭނުންކޮށްގެން ކުރެވޭ ހަރަދުތައް ސްޓްރީމްލައިންވެފައި ނެތީމަ. އަހަރުން އަހަރަށް ކުރެވޭ ހަރަދުތައް ބޮޑުވަމުންދާތީ...،" ތަޖުރިބާކާރަކު ވިދާޅުވި އެވެ.

"ސަބްސިޑީތަކަށް ކުރެވޭ ހަރަދުތައް އަހަރުން އަހަރަށް ބޮޑުވަމުން ދާތީ... އެ ސަބްސިޑީ ހައްގުވެރި ފަރާތްތަކަށް ފޯރުކޮށްދެވޭ ޓާގެޓެޑް ސަބްސިޑީތަކަށް ބަދަލުވެފައިނެތީތީ. ހަރަރަދުތައް ކުޑަކުރަން ޖެހޭ ނިސްބަތުން ހަރަދު ކުޑަނުވާ ކަމުގައި ވާނަމަ، އާމްދަނީ އިތުރުކުރިޔަސް ހަރަދުތައް ފޫނުބެދޭނެ. އެހެންކަމުން، އާމްދަނީ އިތުރުކުރުމުގެ މަގުސަދު ހާސިލްވާނީ އާމްދަނީ އިތުރުވާ މިންވަރަށް ވުރެ ބޮޑަށް ހަރަދު އިތުރުނުކޮށް ނުވަތަ ޖުމުލަކޮށް ހަރަދުތައް ކުޑަކޮށްގެން."