Roadha Mihaaru
ޒަކާތު ނަފާ ފަންޑުން 150،000ރ. ގެ އެހީ ދެނީ

ޒަކާތު ނަފާ ފަންޑުން ދޮޅު ލައްކަ ރުފިޔާއާ ހަމައަށް އެހީ ދޭން ފަށަނީ

06 ނޮވެމްބަރ 2022

ޒަކާތު ނަފާ ޕްރޮގްރާމްގެ ދަށުން ޒަކާތު ފަންޑުން އާއިލާއަކަށް ގިނަވެގެން 150،000ރ. ހަރަދު ކުރެވޭ ގޮތަށް، ޒަކާތު ނަފާ ޕްރޮގްރާމް ހިންގާނެ ގޮތުގެ އުސޫލު މިއަދު އާންމުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޒަކާތު ނަފާ ޕްރޮގްރާމްގެ ދަށުން ޒަކާތު ފަންޑުން އާއިލާއަކަށް ގިނަވެގެން 150،000ރ. ހަރަދު ކުރެވޭ ގޮތަށް، ޒަކާތު ނަފާ ޕްރޮގްރާމް ހިންގާނެ ގޮތުގެ އުސޫލު މިއަދު އާންމުކޮށްފި އެވެ.

"ޒަކާތު ނަފާ" އަކީ ޒަކާތު ފަންޑު މެދުވެރިކޮށް، ފަގީރުންނަށް މާލީ އެހީތެރިކަން ދިނުމަށް އިސްލާމިކް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މި އަހަރުގެ ފެބްރުއަރީ 28 ގައި ފެށި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމް ފެށީ، ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން، ވަކި އަދަދެއްގެ ބަޔަކަށް ޒަކާތު ފަންޑުން ހަރަދުކުރާ ގޮތަށެވެ.

ޒަކާތު ނަފާ ޕްރޮގްރާމް ހިންގާނެ ގޮތުގެ އުސޫލުގައި ބުނީ، އެ ފްރޮގްރާމުގެ ތެރެއިން ޒަކާތު ފަންޑުން ހަރަދު ކުރެވޭނީ، އާއިލާއަކަށް ގިނަވެގެން 150،000ރ. ގެ އަދަދަށް ކަމަށެވެ. އެ އަދަދުގެ އިތުރުން، އެސްއެމްއީ ފަންޑު މެދުވެރިކޮށް، އަނބުރާ ދައްކާ ގޮތަށް، އިންޓްރަސްޓް ނުހިމެނޭ ލޯނެއްގެ ގޮތުގައި ވަކި ވަރެއްގެ އެހީގެ ގޮތުގައި ހަމަޖައްސައި ދެވިދާނެ ކަމަށް ވެސް ބުންޏެވެ.

އެ ޕްރޮގްރާމުގެ ދަށުން އެހީ ދޭނީ އިސްލާމިކް މިނިސްޓްރީގެ "ފަގީރުންނާއި މިސްކީނުންގެ ދަފުތަރު"ގައި ރަޖިސްޓަރީ ކޮށްފައިވާ މީހުންނަށް އެކަންޏެވެ.

ޒަކާތު ނަފާ ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ބަޖެޓް ކަނޑައަޅާނެ ގޮތާއި އެ ޕްރޮގްރާމްގެ ބައިވެރިންގެ ޒިންމާތަކާއި އެ ޕްރޮގްރާމުގެ ދަށުން އެހީ ލިބޭ މީހުން ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތާއި އެހީގެ ގޮތުގައި ދޭނެ އަދަދު ކަނޑައަޅާނެ ގޮތާ އަދި އެ ޕްރޮގްރާމް ފިޔަވަހިތަކަށް ބަހާފައިވާ ގޮތް އެ އުސޫލުގައި ބަޔާންކޮށްފައި ވެ އެވެ.

އެ ޕްރޮގްރާމް ފެށުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ކަމާބެހޭ ފަރާތްތަކާ އެކު އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މެނޭޖު ކުރުމަށް ހާއްސަ ކޮމެޓީއެއް

އެ ޕްރޮގްރާމް ރާވައި މެނޭޖުކޮށް، ތަންފީޒުކުރުމުގައި އިސްދައުރު އަދާކުރާ "އިމްޕްލިމަންޓިން އެޖެންސީ" އަކީ އިސްލާމިކް މިނިސްޓްރީން ކަމަށް ވެސް އުސޫލުގައި ބުންޏެވެ. އެ ޕްރޮގްރާމް ހިންގުމަށް މިނިސްޓްރީން ނުވަ މެމްބަރުން ހިމެނޭ ހާއްސަ ސްޓިއަރިން ކޮމެޓީއެއް އުފައްދަން ޖެހެ އެވެ. އެ ކޮމެޓީގައި ތިބޭނީ؛

• އިސްލާމިކް މިނިސްޓްރީގެ ފަރާތުން 3 މެމްބަރުން.

• އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން 2 މެމްބަރުން.

• މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން 1 މެންބަރު.

• ބިޒްނަސް ސެންޓަ ކޯޕަރޭޝަންގެ ފަރާތުން 1 މެންބަރު.

• އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ ފަރާތުން 1 މެންބަރު.

• އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ފަރާތުން 1 މެންބަރު.

ސްޓިއަރިން ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު އައްޔަން ކުރާނީ، އިކޮނޮމިކް މިނިސްޓްރީގެ މަޝްވަރާއާ އެކު އިސްލާމިކް މިނިސްޓްރީން ކަމަށް ވެސް ބުންޏެވެ.

މަޖީދީމަގުގައި ވެހިކަލް ދުއްވަނީ: ޒަކާތު ނަފާ ޕްރޮގްރާމްގެ ދަށުން އެކި ދާއިރާތަކުން މާލީ އެހީ ދެވޭ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މަޖީދީމަގުގައި ވެހިކަލް ދުއްވަނީ: ޒަކާތު ނަފާ ޕްރޮގްރާމްގެ ދަށުން އެކި ދާއިރާތަކުން މާލީ އެހީ ދެވޭ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެހީ ދެވޭ ދާއިރާތައް

• ގެދޮރުގެ ނަފާ

• ޕޯލްޓްރީ ފާމިން

• ހައިޑްރޯޕޯނިކް ދަނޑުވެރިކަން

• ފަރުމަސްވެރިކަން

• ފެހުން

• ޓްރެއިނިން / އޮން ދަ ޖޮބް ޓްރެއިނިން / އެޕްރެންޓިސްޝިޕް

އެ ދާއިރާތަކުގެ އިތުރުން، ހާލަތަށް ބަލައި އިތުރު ދާއިރާތައް ކަނޑައެޅުމުގެ އިހުތިޔާރު، ސްޓިއަރިން ކޮމިޓީ އަށް ލިބިގެންވާ ކަމަށް ވެސް އުސޫލުގައި ބުނެފައިވެ އެވެ. އެހީ ދޭ ދާއިރާތަކަކީ އިސްލާމީ ޝަރީއާ ހުއްދަކުރާ ވިޔަފާރިތަކެއް ކަމުގައި ވާން ޖެހެ އެވެ.

އިސްލާމިކް މިނިސްޓްރީން ކުރިން ބުނި ގޮތުގައި، ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންގާ އެ ޕްރޮގްރާމްގެ މަގުސަދަކީ ފަގީރުންގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ މީހުން އަމިއްލަ އަށް މަސައްކަތް ކޮށްގެން ފުދުންތެރި ދިރިއުޅުމެއް ފަށައިގަތުމަށް ބޭނުންވާ މާލީ އެހީ ދިނުމެވެ. އަމިއްލަ އަށް މަސައްކަތް ކޮށްގެން ޝަރަފުވެރި އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ބާރުއެޅުމާ އެކު އިގުތިސާދު ކުރިއެރުވުމުގައި ފަރުދުންގެ ބައިވެރިވުން އިތުރު ކުރުން ކަމަށް ވެސް ބުންޏެވެ.

ޒަކާތު ފަންޑުގެ އެހީތެރިކަމުގައި އެ ފުރުސަތު ފޯރުކޮށްދެވޭ ފަގީރުން އެމީހުންގެ ދިރިއުޅުން ތަނަވަސްވެ، ކުރިމަގުގައި މުދަލު ޒަކާތް ދެއްކުމާ ހަމަ އަށް ވާސިލުކޮށްދިނުމަކީ ވެސް އެ ޕްރޮގްރާމްގެ މަގުސަދެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.