Roadha Mihaaru
ބޭނި ބިޔަ ފާނައާ އެކު އުފަލާއި ހިތާމަ!

ބޭނި ބިޔަ ފާނައާ އެކު އުފަލާއި ހިތާމަ!

04 އޮކްޓޯބަރ 2022

ބަރުދަނުގައި 107 ކިލޯ ހުރި މުޑަފާނައެއް އައްޑޫގައި އިއްޔެ ބޭނުމުން އެއްބަޔަކު އެކަން ފާހަގަކުރީ މަސްވެރިކަމުގެ ކާމިޔާބީއެއްގެ ގޮތުގަ އެވެ. ދިގުމިނުގައި ހަ ފޫޓް ހުރި އެ ފާނަ އަށް ބޮޑު ސަމާލު ކަމެއް ލިބި އޭގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރު އެބަ ކުރެ އެވެ. ނަމަވެސް ކަނޑުގެ ދިރުންތަކުގެ ހިމާޔަތުގައި މަސައްކަތްކުރާ ތަޖުރިބާކާރުންނަށް އެކަން ވީ ބޮޑު މައްސަލައަކަށެވެ. ލިބުނީ ހިތާމަ އެކެވެ. އެ ބޭފުޅުން ވިދާޅުވަނީ މިއީ ފާނަ އަލާވުމަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ބަރުދަނުގައި 107 ކިލޯ ހުރި މުޑަފާނައެއް އައްޑޫގައި އިއްޔެ ބޭނުމުން އެއްބަޔަކު އެކަން ފާހަގަކުރީ މަސްވެރިކަމުގެ ކާމިޔާބީއެއްގެ ގޮތުގަ އެވެ. ދިގުމިނުގައި ހަ ފޫޓް ހުރި އެ ފާނަ އަށް ބޮޑު ސަމާލު ކަމެއް ލިބި އޭގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރު އެބަ ކުރެ އެވެ. ނަމަވެސް ކަނޑުގެ ދިރުންތަކުގެ ހިމާޔަތުގައި މަސައްކަތްކުރާ ތަޖުރިބާކާރުންނަށް އެކަން ވީ ބޮޑު މައްސަލައަކަށެވެ. ލިބުނީ ހިތާމަ އެކެވެ. އެ ބޭފުޅުން ވިދާޅުވަނީ މިއީ ފާނަ އަލާވުމަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.

މި ފާނަ ބޭނީ ޑިންގީއެއްގައި ކަނޑަށް ނުކުމެ އުޅުނު ސ. ހިތަދޫގެ ބައެކެވެ. ސޯޝަލް މީޑިއާގައި އެ މަހުގެ ފޮޓޯތައް އާންމުވުމުން އާންމުންގެ ބޮޑު ސަމާލުކަމެއް ވެސް ލިބުނެވެ. އެ މީހުން ވަނީ ފަހުން އެ ފާނަ އައްޑޫގެ ކެފޭއަކަށް ވިއްކާލައިފަ އެވެ.

މުޑަފާނަ ނުވަތަ "ޖަޔަންޓް ގްރޫޕާސް" ބޭނުމުން އޮތް ނުރައްކަލާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި، "މޯލްޑިވްސް ރެސިލިއެންޓް ރީފްސް" ޖަމިއްޔާގެ ޗެއާޕާސަން ޝަހާ ހާޝިމް "މިހާރު" އަށް ވިދާޅުވީ، މުޑަފާނަ އަކީ ގުދުރަތީ ގޮތުން ވެސް ކަނޑުގައި ވަރަށް މަދު އަދި އާލާވާން ވެސް ވަރަށް ގިނަ ދުވަސްތަކެއް ނަގާ މަހެއް ކަމަށެވެ.

"މޯލްޑިވްސް ރެސިލިއެންޓް ރީފްސް" ޖަމިއްޔާއަކީ އިނގިރޭސިވިލާތުގެ ބްލޫ މެރިން ފައުންޑޭޝަންއާ ގުޅިގެން ރާއްޖޭގެ ތިމާވެށި އަދި އިގްތިސާދީ ރައްކާތެރިކަމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ފަރުތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމުގެ މަގުސަދުގައި ހިންގާ އަމިއްލަ ޖަމިއްޔާއެކެވެ.

ސ. ހިތަދޫގައި ބަޔަކު ބޭނި ބޮޑު މުޑުފާނަ: އެ މަސް ބޭނުމުން ބަޔަކު އުފާޅާކުރަމުން އަންނައިރު، ކަމުގެ ތަޖުރިބާކާރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ސ. ހިތަދޫގައި ބަޔަކު ބޭނި ބޮޑު މުޑުފާނަ: އެ މަސް ބޭނުމުން ބަޔަކު އުފާޅާކުރަމުން އަންނައިރު، ކަމުގެ ތަޖުރިބާކާރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

"މުޑަފާނަގެ ހިސްޓްރީއާ ބެހޭގޮތުން އަޅުގަނޑުމެންނަށް އަދި މާ ބޮޑު އެއްޗެއް ނޭނގޭ. އެކަމަކު މިހާތަނަށް ލަފާކުރެވިފައިވާ ގޮތުގައި މުޑަފާނަ ރިޕްރޮޑިއުސް ނުވަތަ ބިސް އަޅަނީ އޭތި 4 ފޫޓަށް ވުރެ ބޮޑުވީމަ. އެވަރަށް މި މަސް ބޮޑުވަނީ ގާތްގަނޑަކަށް 20 އަހަރުން،" ޝަހާ ވިދާޅުވި އެވެ.

ނެތިގެން ދިއުމުގެ ބިރު ބޮޑު!

މުޑަފާނަ އާންމުކޮށް 35 ވަރަކަށް އަހަރު ދިރިއުޅެ އެވެ. އަދި އެ ބާވަތުގެ ފާނަ އާންމުކޮށް ހަތް ފޫޓާ ހަމައަށް ބޮޑުވެ އެވެ.

މުޑަފާނަ ނުބޭނުމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން މިދިޔަ ދެ އަހަރުގެ ތެރޭގައި އެ ޖަމިއްޔާގެ ދަށުން ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވެ އެވެ. އެ ޖަމިއްޔާއިން ހިންގި ސޯޝަލް މީޑިއާ ކެމްޕެއިނެއް ކަމަށްވާ "ފިޝް ފޯ ޓުމޯރޯ"ގައި އެކުލަވާލި ލިސްޓުގައި ވެސް މުޑަފާނަ ނުބާނަން އިރުޝާދު ދީފައިވެ އެވެ. ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރޭތަކެތީގެ ލިސްޓުގައި މުޑަފާނަ ހިމެނުމަށް ވެސް އެ ޖަމިއްޔާއިން އަންނަނީ ގޮވާލަމުންނެވެ.

ދުނިޔޭގެ އެހެން ބައެއް ހިސާބުތަކުގައި މިހާރު އެއްވެސް ވަރަކަށް މުޑަފާނަ ނުފެނެ އެވެ. އެހެންވެ، އެންޑަމަން އައިލެންޑްސް، ނިއު ޒިލެންޑް، ސައުތު އެފްރިކާ، އެމެރިކަން ސަމޮއާ އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި މުޑަފާނަ ބޭނުން މިހާރު ވަނީ މަނާކޮށްފަ އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ ރާއްޖެ އެ ހާލަތަށް [މުޑަފާނަ ނެތޭ ބުނާ ހާލަތަށް] ދާތަން ދެކޭކަށް. މުޑަފާނަ އަކީ އޭގެ އާބާދީ އިތުރުވާން ވަރަށް ގިނަ ދުވަސް ނަގާ މަހެއް،" ޝަހާ ވިދާޅުވި އެވެ.

"މުޑަފާނަ ހިމާޔަތްކޮށްގެން އަޅުގަނޑުމެންނަށް ލިބޭނެ ގެއްލުމެއް ނެތް. އަޅުގަނޑުމެންގެ ކަނޑުގައި އެބަހުރި ބައިވަރު އެހެން ވައްތަރުގެ މަސްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނިދާނެ. މުޑަފާނަ ހިމާޔަތްކުރުން މުހިންމު ވަނީ އެޔަކީ ފަރުތަކުގެ ސިއްހަތު ދެމެހެއްޓުމުގައި ވެސް ވަރަށް މުހިންމު ރޯލެއް ކުޅޭ ދިރުމަކަށް ވާތީ."

އެ ޖަމިއްޔާގެ ވެބްސައިޓްގައި، އެއްގޮތަކަށް ވެސް ނުބާނަންވީ ބައެއް ބާވަތުގެ މަސްތަކާއި ކަނޑުން ނުނަގަންވީ ބައެއް ދިރުންތައް ލިސްޓުކޮށްފައިވެ އެވެ. އޭގެ ތެރޭގައި؛

• ގޮނބިލަނޑާ

• ލަނޑާ

• ގާހަކަ

• މުޑަފާނަ

• މާހުޅުނބު ލަނޑާ

• ބިސްހުރި އިހި

ބްލޫ މެރިން ފައުންޑޭޝަންގެ ކެމްޕެއިންސް ޕްރޮޑިއުސަރު ވިވިއެން އީވަންސް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މިވަރު ބޮޑު ފާނައެއް ފެނުމަކީ އަޖައިބަކަށް ވިޔަސް، އެ މަސް ބޭނުމަކީ ވަރަށް ދެރަކޮށް ހިނގި ކަމެއް ކަމަށެވެ.

"މި ރީތި މަސް ނުބޭނި ނަމަ، އޭގެ އާބާދީ އިތުރުވެ، އިތުރު ޖީލަކަށް ދެމިގެންދާ ވަރަށް ފާނަ އާލާކުރެވުނީސް،" އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިިރޭތަކެތީގެ ލިސްޓަށް މުޑަފާނަ އިތުރު ކުރަން ޖެހޭ."