Roadha Mihaaru
ފާނަތަކެއްގެ ބަނޑުތެރޭގައި ޕްލާސްޓިކް ކޮތަޅުތަކެއް!

ފާނަތަކެއްގެ ބަނޑުތެރެއިން ޕްލާސްޓިކް ކޮތަޅުގެ ބައިތަކެއް، ނުރައްކަލުގެ ރަނގަބީލެއް

02 ނޮވެމްބަރ 2018

ރ. އަތޮޅު ބެރިޔަންފަރު ކައިރިން ބޭނި ފާނަތަކެއްގެ ބަނޑުތެރެއިން ޕްލާސްޓިކް ކޮތަޅުގެ ބައިތަކެއް ފެނުމުން، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރ. އަތޮޅު ބެރިޔަންފަރު ކައިރިން ބޭނި ފާނަތަކެއްގެ ބަނޑުތެރެއިން ޕްލާސްޓިކް ކޮތަޅުގެ ބައިތަކެއް ފެނުމުން، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އެ ރަށާ ކައިރިން 170 މީޓަރު އަޑިން ބޭނި ހަތަރު މަހުގެ ތެރެއިން ބޮޑު ދެ ފާނައިގެ ބަނޑުތެރެއިން ވަނީ ޕްލާސްޓިކް ކޮތަޅުގެ ބައިތަކެއް ފެނިފަ އެވެ. އެއީ ޕްލާސްޓިކް ކޮތަޅުން ރާއްޖެއަށް އޮތް ނުރައްކާ އަންގައިދޭ ވަރަށް ރަނގަޅު މިސާލެއް ކަމެއް ބައެއް މީހުން ބުނެ އެވެ.

އެ މަސް ބޭނި މީހާ "މިހާރު" އަށް ބުނީ ޕްލާސްޓިކް ކޮތަޅުތައް ފެނުނީ އެއް ފަހަރާ ބޭނި ދެ މަހުގެ ބަނޑުތެރެއިން ކަމަށެވެ. މަސް ކެނޑިއިރު ކަޅުކުލައިގެ އެއްޗެހިތަކެއް ހުރުމުން ރަނގަޅަށް ބެލިއިރު އެއީ ޕްލާސްޓިކް ކޮތަޅުގެ ބައިތަކެއް ކަމަށް އޭނާ ބުންޏެވެ.

"[މިދިޔަ] ހުކުރު ދުވަހު، ހުކުރުގެ ކުރިން މަސް ބާނަން ދިޔައީ. ޕްލާސްޓިކު ކޮތަޅުތައް ފެނުނަސް އެ ދެ މަހުގެ ގޮހޮރު އެއްލާލައި ކައްކައިގެން ކެއީ،" އޭނާ ބުންޏެވެ.

ބެރިޔަންފަރު ކައިރިން ބޭނި ހަތަރު މަސް: ޕްލާސްޓިކް ކޮތަޅު ފެނުނީ އެންމެ ބޮޑު ދެ މަހުން

ބެރިޔަންފަރު ކައިރިން ބޭނި ހަތަރު މަސް: ޕްލާސްޓިކް ކޮތަޅު ފެނުނީ އެންމެ ބޮޑު ދެ މަހުން

ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެކްޓިވިސްޓެއް ކަމަށްވާ އާދަމް އަބްދުﷲ (އެޑަމް) ބުނި ގޮތުގައި، މަހުގެ ބަނޑުތެރެއިން ޕްލާސްޓިކް ކޮތަޅު ފެނުމަކީ "ނުރައްކަލުގެ ރަނގަބީލު" ޖެހުން ކަމަށެވެ. އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި ރިސޯޓުތަކުން މޫދަށް ކުނިބުނި އެޅުމަކީ މިހާރު އާންމު ކަމެއް ކަމަށް އޭނާ ބުންޏެވެ. އެހެންވެ، އެކަން ހައްލުކުރަން މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް ބުންޏެވެ.

އެޑަމް ބުނީ، އަތޮޅުން ބޭރު ކަނޑަށް ރިސޯޓުތަކުން ކުނި އެޅުމުގެ ހުއްދަ ދީފައި އޮތަސް ގިނަ ފަހަރަށް އެ ކުނިތައް އަޅަނީ މޫދަށް ކަމަށެވެ. އެއީ ވަރަށް ކުރީގެ ގަވާއިދަކަށް ވުމުން އެ ގަވާއިދު އިސްލާހު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކާވީސް ވަނަ ގަރުނުގައި މިހާ މުއްސަނދި ރިސޯޓުތަކުން މޫދަށް އެއްވެސް ބާވަތެއްގެ ކުންޏެއް އެޅުމުގެ ހުއްދަ އޮތުމަކީ ނުހަނު ކަންބޮޑުވާން ޖެހޭ ކަމެއް. ދެން މީގެ އަނެއް މައްސަލަ އަކީ މި ކަހަލަ ޑަސްބިން ކޮތަޅު ތަކުގައި އީޕީއޭގެ ލޯގޯ ޖަހައި ތިމާވެއްޓާ ރައްޓެހި ކަމަށް ބުނެފައި އޮތުން،" އެޑަމް ބުންޏެވެ.

އޭނާ ބުނީ ޕްލާސްޓިކް ކޮތަޅުތައް ކުދިވެ، އިންސާނުން ކާން ބޭނުންކުރާ އެއްޗެހީގެ ތެރެއިން އެ ފެނުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.

"އަހަރެމެންނަށް މި ފެންނަނީ ވަރަށް ކުޑަ މިންވަރެއް. ލޮލަށް ނުފެންނަ ވަރަށް ޕްލާސްޓިކް ކޮތަޅު ކުދިވެފައި ވެސް ހުންނާނެ،" އެޑަމް ބުންޏެވެ.

ރިސޯޓުތަކުން މޫދަށް ކުނި އަޅާކަމުގެ ވާހަކަތައް އަބަދު ވެސް ދައްކަ އެވެ. ނަމަވެސް އެކަން ހައްލުކުރަން ސަރުކާރުގެ އެއްވެސް އިދާރާއަކުން އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރާ ކަމަށް ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތުގައި އުޅޭ ބައެއް މީހުން ބުނެ އެވެ.