Roadha Mihaaru
ކޮތަޅުގެ ފީދައްކަން ޖެހެނީ ޖީއެސްޓީ ދައްކާ ފަރާތްތަކުން

މީރާއިން ކޮތަޅުން ފީ ނަގަނީ ޖީއެސްޓީ ދައްކާ ވިޔަފާރިތަކުން، އެހެން ފަރާތްތަކުން އަމަލު ކުރަންވީ ގޮތެއް ނެތް!

19 އެޕްރީލް 2023

ވިޔަފާރިތަކުން ދޫކުރާ އަދި ވިއްކާ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީ ނަގަން ފަށާފައިވާއިރު، މީރާ އަށް އެ ފައިސާ ދައްކަން ޖެހެނީ ހަމައެކަނި ޖީއެސްޓީ ދައްކާ ފަރާތްތަކުން އެކަނި ކަމަށް އެ އިދާރާ އިން އިއްޔެ ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވިޔަފާރިތަކުން ދޫކުރާ އަދި ވިއްކާ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީ ނަގަން ފަށާފައިވާއިރު، މީރާ އަށް އެ ފައިސާ ދައްކަން ޖެހެނީ ހަމައެކަނި ޖީއެސްޓީ ދައްކާ ފަރާތްތަކުން އެކަނި ކަމަށް އެ އިދާރާ އިން އިއްޔެ ބުނެފި އެވެ.

ޓެކްސް އިދާރާގެ ތަރުޖަމާނު އަހުމަދު ޝަރީފް ވިދާޅުވީ، ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީ ދައްކާތޯ މީރާ އިން ބަލާނީ ހަމައެކަނި ޖީއެސްޓީ ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން އެކަނި ކަމަށެވެ. ގާނޫނުގައިވާ ގޮތުން އެހެން ޖީއެސްޓީތައް ރަޖިސްޓަރީ ނުކުރާ ވިޔަފާރިތަކުން ވެސް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ޖެހެ އެވެ. އެކަމަކު، މީރާ އަށް އެ ވިޔަފާރިތަކުގެ ފީ ދެއްކުމުގެ ކަންކަން ބެލުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައި ނުވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"މީރާގެ ސްކޯޕްގެ ދަށުން މި އޮންނަނީ ޖީއެސްޓީ އަށް ރަޖިސްޓަރީ ކޮށްފައި ތިބޭ މީހުން. ޖީއެސްޓީ ރަޖިސްޓަރީ ނުކުރާ މީހުން ވެސް ފީ ނަގަން ޖެހޭނެ. އެކަމަކު އެ ފީ އަކީ މީރާ އަށް ދައްކަން ޖެހޭ އެއްޗެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނެގި ނަމަވެސް އެ ފީ ދައްކަން ނުޖެހޭ ގޮތްތައް ވެސް ކުނި މެނޭޖުކުރުމާ ގުޅޭ ގާނޫނުގެ ދަށުން ވަނީ ބަޔާންކޮށްފަ އެވެ. ބަންދު ނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް ވިއްކާ ނަމަ އެ އަޅަން ބޭނުން ކުރާ ކޮތަޅުން ފީއެއް ނުނެގޭނެ އެވެ. އެހެންވެ މާރުކޭޓުންނާއި އެ ނޫން ގޮތްގޮތަށް ވެސް ބަންދުނުކޮށް ހުންނަ މަހުގެ ބާވަތްތައް ގަންނަ ނަމަ އެ ތަންތަނުން ކޮތަޅުން ފީއެއް ނުގެނޭނެ އެވެ.

މަސް މާރުކޭޓުގެ އިތުރަށް ބައެއް ފިހާރަތަކުން ވެސް ސީފުޑާއި ފަރުމަހުގެ ބާވަތްތައް ވިއްކާ ނަމަ އެ އަޅަން ބޭނުން ކުރާ ޕްލާސްޓިކް ކޮތަޅުން ފީއެއް ނުނެގޭނެ އެވެ. ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނުނެގި ނަމަވެސް އެފަދަ ތަންތަނުން ވެސް މިހާރު ވަނީ ކޮތަޅު ވިއްކަން ފަށައިފަ އެވެ.

ގަވާއިދުގައިވާ ގޮތުން ދެން ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީ ނުނެގޭނީ ޑިއުޓީ ޕްރީ ފިހާރަތަކުން ވިއްކާ ތަކެތިންނާއި ކުނި މެނޭޖު ކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ކުނި އަޅަން ހާއްސަކޮށް ވިއްކާ ބިންލައިނަރުންނެވެ.

ދެ ރުފިޔާގެ ފީ ނުނެގިޔަސް ކޮތަޅު ވިއްކާ ނަމަ، އެ އަށް ވާ ފައިސާ ކަސްޓަމަރުން ދައްކަން ޖެހޭނެ ކަމަށް ޓެކްސް އިދާރާ އިން ބުންޏެވެ. ޕްލާސްޓިކް ކޮތަޅުން ފީ ނެގުމަށް ފަހު، ކަސްޓަމަރަށް ދޫކުރާ އިންވޮއިސްގައި، އެ ފަރާތުން ކަސްޓަމަރުގެ އަތުން ނެގި ޕްލާސްޓިކް ކޮތަޅުގެ ފީގެ އަދަދު ވަކިން އެނގޭ ގޮތަށް ހިމަނަން ވާނެ އެވެ. ކަސްޓަމަރުން އަތުން ނަގާ އެ ފީ ދައްކަން ޖެހޭނީ މީރާއަށެވެ.

އެ އިދާރާ އިން ވަނީ ޖީއެސްޓީ ބަޔާން ހުށަހަޅާ އިރު، ޕްލާސްޓިކް ކޮތަޅުގެ ފީގެ ބަޔާން ވެސް ވިޔަފާރިތަކުން ހުށަހަޅަން ޖެހޭ ގޮތަށް ނިންމައިފަ އެވެ.