Roadha Mihaaru
ދިރާގު، 34 އަހަރަށް ފަހު ވެސް ކުރިމަގު އުޖާލާ

ރާއްޖެ ގުޅާލަދިން ދިރާގަށް 34 އަހަރު، އެންމެ ކާމިޔާބު މުވާސަލާތު ކުންފުނި

01 އޮކްޓޯބަރ 2022

ރާއްޖޭގައި މުވާސަލާތު ކުރާނެ ޒަމާނީ ނިޒާމެއް ނެތި، އެއް ރަށުގައި ހުރި މީހެއްގެ ހާލު ވަގުތުން ބެލޭނެ ގޮތެއް ނެތިފައި ތިއްބައި އެއް ރަށުން އަނެއް ރަށާ މުވާސަލާތީ ގޮތުން ގުޅުވައިލަދިން ކުންފުންޏަކީ ދިރާގެވެ. ރާއްޖެގައި ޓެލެކޮމިއުނިކޭޝަނުގެ ހިދުމަތް އަލަށް ތައާރަފުކޮށް، އެ ހިދުމަތް 1988 ވަނަ އަހަރު ދޭން ފެށި ކުންފުންޏަކީ އެއީ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރާއްޖޭގައި މުވާސަލާތު ކުރާނެ ޒަމާނީ ނިޒާމެއް ނެތި، އެއް ރަށުގައި ހުރި މީހެއްގެ ހާލު ވަގުތުން ބެލޭނެ ގޮތެއް ނެތިފައި ތިއްބައި އެއް ރަށުން އަނެއް ރަށާ މުވާސަލާތީ ގޮތުން ގުޅުވައިލަދިން ކުންފުންޏަކީ ދިރާގެވެ. ރާއްޖެގައި ޓެލެކޮމިއުނިކޭޝަނުގެ ހިދުމަތް އަލަށް ތައާރަފުކޮށް، އެ ހިދުމަތް 1988 ވަނަ އަހަރު ދޭން ފެށި ކުންފުންޏަކީ އެއީ އެވެ.

ދިރާގު ރަޖިސްޓަރީ ކުރީ މޭ 1988 ގައި އިނގިރޭސި ވިލާތުގެ ކޭބަލް އެންޑް ވަޔަލެސް ކުންފުންޏާ އެކު ދިވެހި ސަރުކާރުން ވި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އަށް ފަހު، ދިރާގުގެ މަސައްކަތާއެކު، ހިދުމަތް ދޭން ފެށީ އެ އަހަރުގެ އޮކްޓޯބަރު އެކެއް ގަ އެވެ. ލައިނު ފޯނާއި ބޫތުތަކުން މާލޭގައި ދޭން ފެށި ހިދުމަތް މަޑުމަޑުން ފުޅާކުރަމުން އެކި އަތޮޅުތަކަށް އެ ހިދުމަތް ދިރާގުން ތައާރަފު ކުރި އެވެ. އޭގެ ފަހުން ދިރާގުން ދެން މިސްރާބު ޖެހީ ރާއްޖެ އަށް އިންޓަނެޓުގެ ހިދުމަތް ތައާރަފު ކުރުމަށެވެ. އެގޮތުން 1996 ވަނަ އަހަރު ރާއްޖެ އަށް ދިރާގުން އެ ހިދުމަތް ވަނީ ތައާރަފު ކޮށްފަ އެވެ.

ދިރާގުގެ މުވައްޒަފުން ހިދުމަތް ގުޅާދިނުމުގެ މަސައްކަތުގަ. ފޮޓޯ: ދިރާގު

ދިރާގުގެ މުވައްޒަފުން ހިދުމަތް ގުޅާދިނުމުގެ މަސައްކަތުގަ. ފޮޓޯ: ދިރާގު

ރާއްޖެ އަށް 2004 ގައި އިތުރު ޓެލެކޮމިއުނިކޭޝަން ކުންފުންޏެއް ތައާރަފުވުމާއެކު، ވާދަވެރި މާހައުލެއްގައި ހިދުމަތްތައް ފުޅާ ކުރުމުގެ ފުރުސަތު އެ ކުންފުންޏަށް ލިބުނެވެ. އެގޮތުން 2005 ވަނަ އަހަރު ކުންފުނި ރީބްރޭންޑުކޮށް، 2006 ގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލެއް ވަނީ އަޅައިފަ އެވެ. އެ ކޭބަލްގެ ސަބަބުން ހިދުމަތުގެ ފެންވަރު ތަރައްގީވެ، ސްމާޓު ފޯނުން ހިދުމަތް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބުނެވެ. އަދި 2014 ވަނަ އަހަރު ތައާރަފުކުރި 3ޖީގެ ހިދުމަތާ އެކު ވީޑިއޯ ކޯލުން އެކަކު އަނެކަކާ ވަނީ ގުޅައި ދީފަ އެވެ.

ރާއްޖެ އަށް އަލަށް ކަސްޓަމާ ސާވިސް ސެންޓަރެއް ތައާރަފުކުރީ ވެސް ދިރާގުންނެވެ. އެ ކާމިބީގެ ފަހަތުން ދެން ފެނުނީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކަސްޓަމާ ކެއާ ސެންޓަރުތަކެއް އެ ކުންފުނިން ގާއިމުކުރި ތަނެވެ. އަދި ރަށްރަށުގައި ދޭ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ފައިބާ ނެޓުވޯކު ވެސް އަންނަނީ ގާއިމު ކުރަމުންނެވެ.

ދިރާގުން އެންމެ ފުރަތަމަ ހިދުނަތް ދީފައި ވަނީ ލައިން ފޯނާއި ފޯނު ބޫތުތަކުން. ފޮޓޯ: ދިރާގު

ދިރާގުން އެންމެ ފުރަތަމަ ހިދުނަތް ދީފައި ވަނީ ލައިން ފޯނާއި ފޯނު ބޫތުތަކުން. ފޮޓޯ: ދިރާގު

ދިރާގުން ބުނީ ބަދަލުވެ، ތަރައްގީވެ ކުރިއަރަމުންދާ ޓެކްނޮލަޖީގެ ވަސީލަތްތަކާ އެއް ހަމައެއްގައި، ބާރު ސްޕީޑުގައި ދިވެހިންނަށް ހިދުމަތްތައް ފޯރުކޮށް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ހިދުމަތް ފުޅާކުރުމުގެ ގޮތުން މިހާރު ކުރަމުންދާ އެންމެ ބޮޑު ކަމަކީ ރާއްޖެ ސީދާ އެމެރިކާ އާއި ޔޫރަޕުގެ ގައުމުތަކާ ގުޅައިދޭ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލްގެ މަސައްކަތް ކަމަށް ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި، އެ ކޭބަލުގެ ސަބަބުން ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް ހެޔޮ އަގެއްގައި ފޯރުކޮށްދެވޭނެ އެވެ. އަދި ގޭމިން ފަދަ ކަންކަން ތަރައްގީކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ގިނަ ޓެކުނޮލަޖީތަކަށް ފުރުސަތު ލިބޭނެ ކަމަށް ބުންޏެވެ.

ރާއްޖެއަށް ގިނަ ހިދުމަތްތަކެއް އަލަށް ތައާރަފުކުރި ދިރާގުން މިހާރު ވަނީ ރާއްޖޭގެ 85 ޕަސެންޓަށް ދިރާގު ޓީވީ އާއި ސްޓްރީމިން ޕްލެޓްފޯމު ދިރާގު ޕްލޭ ވެސް ތައާރަފު ކޮށްފަ އެވެ. އެ ކުންފުނިން ބުނީ އެ ފަދަ ޕްލެޓްފޯމުތައް ތައާރަފު ކުރުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ދިވެހި ކޮންޓެންޓު ކްރިއޭޓަރުންނަށް ފަހި ފުރުސަތުތަކެއް ތަނަވަސް ކޮށް ދިނުން ކަމަށެވެ.

ޒުވާނުން ކުރިއަރުވައި ބާރުވެރި ކުރުވުމަކީ އެ ކުންފުނީގެ މުހިންމު އަމާޒެއްކަން ފާހަގަކޮށް، ދިރާގުން ބުނީ ސީއެސްއާރުގެ ޕްރޮޖެކްޓުތަކުގައި ވެސް ޒުވާނުން ބާރުވެރި ކުރުވުމަށް އިސްކަން ދޭ ކަމަށެވެ. އަދި އަންހެނުންނާއި އަންހެން ކުދިންނާއި ފުރާވަރުގެ ކުދިން ބާރުވެރި ކުރުމަކީ ވެސް ކުންފުނީގެ އަމާޒެއް ކަން ވެސް ފާހަގަކުރި އެވެ. ތިމާވެށި ރައްކާތެރިކޮށް ހިމާޔަތް ކުރުމަކީ ވެސް ދިރާގުގެ މުހިންމު އެއް އަސާސެވެ.

ދިރާގުން ބުނީ، އެ ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ ކަސްޓަމަރުން ކަމަށާއި އެ މީހުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތް ފުޅާކުރުމުގައި އަބަދުވެސް ދެމި އޮންނާނެ. ކަމަށެވެ. އަދި ޓެލެކޮމިއުނިކޭޝަން ދާއިރާ އިން ރާއްޖެ އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތުގައި ދެމިއޮންނާނެ ކަމަށް ދިރާގުން ބުނެ އެވެ.