Roadha Mihaaru
ދިރާގަށް ލިބުނީ ސިހުމެއް، ވީ ހީކުރިގޮތެއް ނޫން!

ދިރާގަށް ލިބުނީ ސިހުމެއް، ވެގެންދިޔައީ ހީކުރި ގޮތެއް ނޫން!

26 އޮކްޓޯބަރ 2022

ދިރާގު ޓީވީގެ ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލްވާ ގޮތަށް ބްރޯޑްކާސްޓިން ގަވައިދު ބަދަލު ކުރަން އުޅޭކަން ކުރިން އެނގިފައި ނުވާ ކަމަށާއި ލިބުނީ ވަރަށް ބޮޑު "ސިހުމެއް" ކަމަށް ދިރާގުން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ދިރާގު ޓީވީގެ ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލްވާ ގޮތަށް ބްރޯޑްކާސްޓިން ގަވައިދު ބަދަލު ކުރަން އުޅޭކަން ކުރިން އެނގިފައި ނުވާ ކަމަށާއި ލިބުނީ ވަރަށް ބޮޑު "ސިހުމެއް" ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުން މިހެން ބުނީ ބްރޯޑްކޮމުން ރީބްރޯޑްކާސްޓް ކުރުމުގެ ގަވައިދަށް ގެނައި އިސްލާހަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީގައި އިއްޔެ ވާހަކަ ދައްކަމުންނެވެ.

އެ ގަވައިދުގެ ދަށުން ރީބްރޯޑްކާސްޓް ކުރަން އެދޭ ފަރާތަކީ 100 ޕަސެންޓް ދިވެހިން ހިއްސާ ވާ ކުންފުންޏަކަށް ވާން ޖެހެ އެވެ. ދިރާގުގެ 52 ޕަސެންޓް ހިއްސާއަކީ ބަހުރެއިންގެ ކުންފުންޏެއް ކަމުގައިވާ ބަޓެލްކޯ އެވެ. އަދި 41 ޕަސެންޓް ހިއްސާވަނީ ދިވެހި ސަރުކާރެވެ. ބާކީ ހަތް ޕަސެންޓް ނިސްބަތްވަނީ އާންމު ހިއްސާދާރުންނަށެވެ.

އެހެންވެ އަންނަ ޖެނުއަރީ މަހުން ފެށިގެން ދިރާގު ޓީވީގެ ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލް ވާނެ އެވެ.

އެ މައްސަލާގައި ކަންބޮޑުވުން ފާޅު ކުރައްވައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގު ޓީވީގެ ހިދުމަތް ގާއިމް ކޮށްފައި ވަނީ 30 މިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ކޮށްގެން ކަމަށާއި 90 ރަށެއްގައި 15،000 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދެމުން އަންނަ ކަމަށެވެ.

އަޅުގަނޑުމެން އެއްގޮތަކަށް ވެސް ހިތަކަށް ނާރާ މިކަހަލަ ބަދަލެއް އަންނާނެ ކަމަކަށް -- އިސްމާއިލް

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދިރާގު ޓީވީ އަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި ނަމަވެސް މިހާރު ގެނައި ބަދަލާ ގުޅިގެން އެ ވިޔަފާރިން ދިރާގު ބޭރު ވާނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއްގޮތަކަށް ވެސް ހިތަކަށް ނާރާ މިކަހަލަ ބަދަލެއް އަންނާނެ ކަމަކަށް. ވަރަށް ބޮޑަށް ސަރުކާރު ވެސް ރައްޔިތުންގެ ވެސް ތަރުހީބެއް ލިބެމުންދާ ހިދުމަތެއް ކެނޑިގެން ދާނެ ކަމަކަށް ހިތަކަށް ނާރާ. އިންވެސްޓްމަންޓް ހަދައިފައި ހުރީ ވެސް އެގޮތަކަށް ނޫން،" އިސްމާއިލް ވިދާޅުވި އެވެ.

ކުއްލި ގޮތަކަށް މިފަދަ ބޮޑު ބަދަލެއް އައުމުގެ ސަބަބުން އިންވެސްޓާ ކޮންފިޑެންސް ވަރަށް ބޮޑަށް ގެއްލޭނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ. އެ ހިދުމަތް ފަށަން އިންވެސްޓްމަންޓް ހަދާފައި ހުންނާނީ އެހާ އަވަހަށް ހިދުމަތް ހުއްޓާލަން ޖެހޭނެ ކަމަށް ބަލާފައި ނޫން ކަމަށާއި ކުރި ހަރަދު ރިކަވާ ކުރުމުގެ ފުރުސަތު ވެސް ގެއްލިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަވައިދު ބަދަލު ކުރީ މަޝްވަރާ ނުކޮށް

ދިރާގުގެ ލީގަލް ޑައިރެކްޓާ ހަޒްރަތު ރަޝީދު ހުސެއިން ވިދާޅުވީ ރީބްރޯޑްކާސްޓް ކުރުމުގެ ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރި އިރު ދެ ފަހަރެއްގެ މަތިން ޑްރާފްޓެއް ފޮނުވާފައިވާ ކަމަށާއި އެ ޑްރާފްޓަށް ދިރާގުން ކޮމެންޓް ވެސް ފޮނުވާފައިވާ ކަމަށެވެ.

ދިރާގުގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީގައި--ފޮޓޯ: މަޖިލިސް

ދިރާގުގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީގައި--ފޮޓޯ: މަޖިލިސް

ނަމަވެސް ދެ ފަހަރު ފޮނުވި ޑްރާފްޓުގައި ވެސް ދިރާގު ލައިސަންސް ގެއްލޭ ގޮތަށް އޮތް އަށް ވަނަ މާއްދާ ހިމަނާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގެޒެޓު ކުރުމަށް ފަހު ދެ ބައްދަލުވުމެއް ބޭއްވިން. އެ ބައްދަލުވުމުގައި ވެސް ހުރި ކަންބޮޑުވުންތަކާއި ގާނޫނުގައި ނެތް ހަނި ކުރުމެއް ގަވައިދު މެދުވެރިކޮށް ގެނެސްފައިވާތީ އެކަމަށް އެ ބޭފުޅުންނަށް ސަމާލު ކަމަށް ގެނެސްފައިވާނެ،" ހަމްޒަތު ވިދާޅުވި އެވެ.

ހަމްޒަތު ވިދާޅުވީ ގޮތުގައި ބްރޯޑްކާސްޓިން ގާނޫނުގެ ދަށުން އުސޫލުތަކެއް ހެދިދާނެ ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް އެ ގާނޫނުގައި ހަނި ކޮށްފައި ނުވާ ކަމެއް ކުންފުންޏެއްގެ ލައިސަންސް ބާތިލް ވާ ގޮތަށް ހަދާ އުސޫލަކުން ހަނި ކުރެވޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދު ކޮމިޓީން މި މައްސަލަ ބަލަމުން އަންނަނީ ސަރުކާރާއި މިނިވަން މުއައްސަސާތައް މެދުވެރިކޮށް، މީޑިއާ ނެޓް ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދޭ ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައި ވަނިކޮށެވެ.

މީޑިއާ ނެޓަކީ އެ ވިޔަފާރީގައި ދިރާގާ ވާދަ ކުރާ ކުންފުންޏެވެ.