21 އޯގަސްޓް 2022
މިހާރު ކުރިއަށް ގެންދާ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގެ މަންދޫބުންނަކީ ގަވައިދާ ހިލާފަށް ހަދާފައިވާ ގޮފިތަކެއްގެ ބައެއް ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވުމާއެކު ކޮންގްރެސްމަނުން ރުޅިގަދަވެ، އެ މަނިކުފާނާ ދެކޮޅަށް އަޑުއުފުލައިފި އެވެ.
މިހާރު ކުރިއަށް ގެންދާ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގެ މަންދޫބުންނަކީ ގަވައިދާ ހިލާފަށް ހަދާފައިވާ ގޮފިތަކެއްގެ ބައެއް ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވުމާއެކު ކޮންގްރެސްމަނުން ރުޅިގަދަވެ، އެ މަނިކުފާނާ ދެކޮޅަށް އަޑުއުފުލައިފި އެވެ.
މާލޭގެ ސޯޝަލް ސެންޓަރުގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން މިރޭގެ ނިޔަލަށް ކުރިއަށް ގެންދާ ކޮންގްރެސްގެ މިއަދުގެ ހެނދުނުގެ ސެޝަން ހޫނުވީ ގޮފިތަކުގެ ގަވައިދުގައި އޮންނަ ގޮތަށް، ކެމްޕެއިނެއް ކޮށްގެން އިންތިހާބުވެގެން ތިބީ ކިހާ މެމްބަރުނެއްތޯ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ސުވާލު ކުރެއްވި ހިސާބުންނެވެ.
އެކަމަށް ރައްދު ދެއްވައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ، ކޮންގްރެސްމަނުންނަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެ ތަނުގައި ތިބީ ސައްހަ މެމްބަރުން ކަމަށެވެ.
ޝަރީފްގެ އެ ވާހަކަ އަށް ކޮންގްރެސްގެ ގިނަ މެމްބަރުން ތާއީދު ކުރައްވައި އަތް ޖެހި އެވެ.
ނަމަވެސް ޝަރީފަށް ރައްދު ދެއްވުމަށް ފުރުސަތަކަށް އެދިވަޑައިގެން ތެދުވެ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ކޮންގްރެސްގައި ތިބީ ގަވައިދާ ހިލާފަށް ގޮފި ހަދައިގެންއައި މެމްބަރުން ކަން އެންމެންނަށް ވެސް އެނގޭ ކަމަށެވެ.
"މި ތަނަށް ވަޑައިގެން ތިއްބެވި ވަރަށް ގިނަ ގޮފިތައް ގަވައިދާ ހިލާފަށް ހަދައިގެން މި ތަނަށް ވަޑައިގެެން ތިއްބެވިކަން ހުރިހާ ބޭފުޅުންނަށް ވެސް އެނގޭ،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވުމާއެކު މުޅި ކޮންގްރެސް ހޫނުވެ، މެމްބަރުން ތެދުވެ ނަޝީދާ ދެކޮޅަށް އަޑުގަދަ ކުރަން ފެށި އެވެ. ނަޝީދަށް އިތުރަށް ވާހަކަފުޅު ދައްކަވަން ވެސް ފުރުސަތު ލިބިވަޑައިނުގަންނަވާ ވަރަށް ކޮންގްރެސްމަނުން އަޑުގަދަ ކޮށް ހަޅޭއްލެވި އެވެ. އެހެންވެ، ނަޝީދު ވެސް ވާހަކަފުޅު ކުރުކޮށްލައްވައި އިށީނދެވަޑައިގަތެވެ.
"މި ތަނަށް ވަޑައިގެން ތިއްބެވި ވަރަށް ގިނަ ގޮފިތައް ގަވައިދާ ހިލާފަށް ހަދައިގެން މި ތަނަށް ވަޑައިގެެން ތިއްބެވިކަން ހުރިހާ ބޭފުޅުންނަށް ވެސް އެނގޭ،"--- ނަޝީދު
ރިޔާސަތުން ދިޔައީ އަޑުމަޑު ކުރުމަށާއި ވާހަކަ ކުރިޔަށް ގެންދަވަން ފުރުސަތު ދޭން އެދިވަޑައިގަންނަވަމުންނެވެ.
އޭގެ ފަހުން އަސާސީ ގަވައިދާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ހޯދި ގާތްގަނޑަކަށް ހުރިހާ ކޮންގްރެސްމަނުން ވަނީ ނަޝީދަށް ރައްދު ދެއްވައިފަ އެވެ. ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ކޮންކްރީޓު މެޝިނާއި ފޮށިފޮއްޓަށް ވޯޓު އަޅައިގެން އެ ސައްހަ ވާ ނަމަ އެ ބޭފުޅުންނަކީ ވެސް ސައްހަ ކޮންގްރަސްމަނުން ކަމަށެވެ.
އެ އިޝާރާތް ކުރެއްވީ 2018 ވަނަ އަހަރު ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ދިނުމަށް އެމްޑީޕީގެ ތެރޭގައި ކުރިޔަށް ދިޔަ އިންތިހާބަށެވެ.
އެމްޑީޕީގެ ކޮންގްރެސް ބައްދަލުވުމަށް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމީ ގަރާރެއް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް މި ކޮންގްރެސްގައި އެ ގަރާރަށް ވޯޓަށް އެހުމުން ނުކުންނާނެ ނަތީޖާ އެނގިވަޑައިގަންނަވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ. އޭގެ މާނައަކީ ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ނަޝީދު ހުށަހެޅުއްވި އެ ގަރާރު ފާސްވުން ދުރުވުމެވެ. އެ ގަރާރަށް ވޯޓަށް އަހަން އޮތީ މިއަދުގެ މެންދުރެވެ.
ޕްރައިމަރީ މައްސަލަ:އިހްތިސާސްއާ މެދު ސުވާލުއުފައްދައިފި
ބަރުލަމާނީގެ އުންމީދު ކަފުން؛ ނަޝީދުގެ ކުރިމަގު ބަނަ!
އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާތަނެއް ނުފެނޭ: ރައީސް
ޓިކެޓް ދޭ ގޮތަކާ ނަޝީދު ވިޔަސް ގަބޫލުވާންވާނެ: ރައީސް
ނަޝީދުގެ ފަރާތުން ފެންނަނީ މުޅިން މާޔޫސްކަން!
ކޯލިޝަނަށް އުންމީދު ކޮށްގެން ނުވާނެ: ނަޝީދު
އެމްޑީޕީ އަދިވެސް އެދެނީ ބަދަލަކަށް: ނަޝީދު
ނިޒާމީ ވޯޓަކީ ރައީސާ ބެހޭ ކަމެއް ނޫން: ނަޝީދު
ނިޒާމް ބަދަލު ކުރަން ނަޝީދު ކޮންގްރަސްއަށް ހުށަހަޅައިފި
އެމްޑީޕީ ކޮންގްރެސްގައި ރިޔާސީ ޕްރައިމަރީގެ ވާހަކަ ނެތް