Roadha Mihaaru
ފަހު މެޗުގެ ހަމަނުޖެހުމާ ގުޅިގެން ސިޓީއަށް އަދަބު ދެނީ

ފަހު މެޗުގެ ހަމަނުޖެހުމާ ގުޅިގެން ސިޓީއަށް އަދަބު ދެނީ

19 އޯގަސްޓް 2022

ލަންޑަން (19 އޮގަސްޓް) – މެންޗެސްޓާ ސިޓީ އިން މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މެޗަށް ފަހު ސަޕޯޓަރުން ދަނޑަށް އަރައި ހިންގި ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކާ ގުޅިގެން، އެ ކުލަބާ ދެކޮޅަށް ދައުވާ ކުރަން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (19 އޮގަސްޓް) – މެންޗެސްޓާ ސިޓީ އިން މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މެޗަށް ފަހު ސަޕޯޓަރުން ދަނޑަށް އަރައި ހިންގި ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކާ ގުޅިގެން، އެ ކުލަބާ ދެކޮޅަށް ދައުވާ ކުރަން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.

ލީގުގެ ފަހު މެޗުގައި އެސްޓަން ވިލާ އަތުން ސިޓީ 2-0 އިން މޮޅުވާން ދަނިކޮށް ފަހު ވަގުތު މޮޅު ކުޅުމެއް ދައްކައި ތިން ލަނޑު ޖަހައިގެން 3-2 އިން އެސްޓަން ވިލާ ބަލިކޮށް ޗެމްޕިއަންކަން ހޯދި މެޗު ނިމުމާ އެކު އެތިހާދު ސްޓޭޑިއަަމަށް މެޗު ބަލަން އެއްވެ ތިބި އެތައް ހާސް ސްޕޯޓަރުންނެއް ވަނީ އުފާފާޅުކުރަން ދަނޑަށް އަރައިފަ އެވެ.

އުފާފާޅުކުރަން ފްލެއާ ރޯކޮށްގެން ދަނޑަށް އެރި ސަޕޯޓަރުން ވަނީ ގޯލު ދަނޑި މައްޗަށް އަރައި ބިންދާލުމުގެ އިތުރުން އެސްޓަން ވިލާގެ ކީޕަރު ރޮބިން އޮލްސެން އަށް ވެސް ހަމަލާ ދީފަ އެވެ. މެންޗެސްޓާގެ ޕޮލިހުން ވަނީ މި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށް، މި އަމަލު ހިންގި އިތުރު މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

އިނގިރޭސި އެފްއޭ އިން ނެރުނު ބަޔާނެއްގައި ވަނީ މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހު ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީ އިން އެފްއޭ ގަވާއިދަކާ ހިލާފު ވެފައި ވާކަމަށާއި އެ ކުލަބާ ދެކޮޅަށް ދައުވާ ކުރަން ނިންމާފައި ވާކަމަށެވެ.

"މެޗުގެ ފައިނަލް ވިސްލް އަށް ފަހު މެންޗެސްޓާ ސިޓީ އަށް ޓީމުގެ ސަޕޯޓަރުން ކޮންޓްރޯލް ނުކުރެވޭކަމަށް ތުހުމަތު ކުރެވޭ. އެމީހުން ދަނޑަށް އަރަމުން ހިންގީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި އަނިޔާވެރި އަމަލެއް،" އެފްއޭގެ ބަޔާނުގައި ވެއެވެ.

"ސިޓީއަށް ކުރާ ދައުވާއަށް ޖަވާބުދާރީ ވާން އޮގަސްޓް 25 އާ ހަމައަށް ވާނީ މުހުލަތެއް ދީފައި."

ފުރިހަމަ ވަގުތު ހަމަވާން 14 މިނިޓަށް ވެފައި ވަނިކޮށް، ފަސް މިނިޓު ތެރޭ ޖެހި ތިން ގޯލާ އެކު މެޗު ކާމިޔާބުކޮށްގެން ހޯދި ތިން ޕޮއިންޓާ އެކު ސިޓީ އިން ވަނީ ޕޮއިންޓެއްގެ ތަފާތުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދައި، ފަސް ސީޒަން ތެރޭ އެޓީމުގެ ހަތަރު ވަނަ ލީގު ތަށި ހޯދައިފަ އެވެ.

މެޗަށް ފަހު ސިޓީގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުމާ ގުޅިގެން ސިޓީ އިން ވަނީ އެސްޓަން ވިލާ ކިބައިން މާފަށް އެދިފައި ބަޔާނެއް ނެރެފަ އެވެ. އަދި ކުލަބުން އެ މައްސަލަ ތަހުގީގު ކުރަން ފަށާފައި ވާކަމަށާއި، އަމަލު ހިންގި ފަރާތެއް ދެނެގަނެ، މުއްދަތެއް ނެތްގޮތަށް ދަނޑަށް ވަނުން މަނާ ކުރާނެ ކަމަށް ވެސް ސިޓީގެ ބަޔާނުގައި ވެއެވެ.