Roadha Mihaaru
ދީނަށް ފުރައްސާރަކުރި މީހާ ޖަލަށްލިޔަސް، މިނިވަންވެއްޖެ

އިސްލާމްދީނަށް ފުރައްސާރަކުރި ރުސްތުމް ހަތަރު މަހަށް ޖަލަށް، އެކަމަކު މިނިވަންވެއްޖެ

14 އޯގަސްޓް 2022

އިސްލާމްދީނަށް ފުރައްސާރަކުރި މުހައްމަދު ރުސްތުމް މުޖްތަބާ ހަތަރު މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިސްލާމްދީނަށް ފުރައްސާރަކުރި މުހައްމަދު ރުސްތުމް މުޖްތަބާ ހަތަރު މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

އެކަމަކު އޭނާ މިހާތަނަށް ބަންދުގައި ހަ މަސް ދުވަސް ހޭދަކޮށްފައިވާތީ އެ ހުކުމް އަޔަސް، އޭނާ މިއަދުން ފެށިގެން މިނިވަންވާނެ އެވެ.

ސޯޝަލް މީޑިއާގައި މާތްﷲ އާއި ކީރިތި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކުރި ރުސްތުމްގެ މައްޗަށް ދައުލަތުން ކުރި ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގެ ދައުވާ އާއި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އަށް އޭނާ ކޯޓުގައި ވަނީ އެއްބަސްވެފަ އެވެ.

ރުސްތުމްގެ މައްޗަށް ކަނޑައެޅޭނެ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށާއި އަދަބު ކަނޑައެޅުމަށް ބޭއްވި މަޖިލީހުގައި ދައުލަތުން ބުނީ ގާނޫނުލް އުގޫބާތުގައި ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށަށް އޮންނަ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުން ކަމަށް ވިޔަސް، ރުސްތުމް ކުށަށް އިއުތިރާފްވެފައިވާތީ އަދަބުގެ މިންވަރު ތިން މަހާއި 18 ދުވަހުގެ ހުކުމަކަށް ދަށްވާނެ ކަމަށެވެ.

މީގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ކުށަށް އޮންނަ އަސާސީ އަދަބަކީ އެއް އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށާއި އެކަމަކު އޭނާ އިއުތިރާފްވުމުން އަދަބުގެ މިންވަރު 27 ދުވަހުގެ ޖަލު ހުކުމަކަށް ކުޑަވާނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލުގެ ދަށުން އަދަބުގެ މިންވަރު ދަށްކުރުމުން އެ ކުށުގައި އޭނާއަށް ދެވޭނީ 13 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ދައުލަތުން ބުންޏެވެ.

މިއިން އެއްވެސް ކުށެއްގައި އަދަބުގެ މިންވަރު މަތިކުރަން ދައުލަތުން އެދިފައެއް ނުވެ އެވެ. އަދި އަދަބާ ބެހޭގޮތުން ރުސްތުމް ބުނީ ބުނާނެ އެއްޗެއް ނެތް ކަމަށެވެ.

އެ މައްސަަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ހުކުމް އިއްވަވަމުން ވިދާޅުވީ ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގައި ތިން މަހާއި 18 ދުވަހަށް އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި 13 ދުވަހަށް ރުސްތުމް ޖަލަށް ލާން ހުކުމް ކުރައްވާ ކަމަށެވެ.

އެކަމަކު ރުސްތުމް މިހާރު ބަންދުގައި ހަ މަސް ދުވަސް ހޭދަ ކޮށްފައިވާއިރު، ގާނޫނު އޮންނަ ގޮތުން އެ މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރަން ޖެހޭނެ ކަމަށް ގާޒީ މިސްބާހު ވިދާޅުވި އެވެ. އެގޮތަށް އުނިކުރުމުން ރުސްތުމް އިތުރަށް ތަންފީޒު ކުރަންޖެހޭ ޖަލު އަދަބެއް ނެތެވެ. އަދި އޭނާ މިއަދު މިނިވަންވާނެ އެވެ.