28 ނޮވެމްބަރ 2022
އަނބިމީހާގެ ބަނޑުގައި އޮތީ އޭނާގެ ދަރިއެއް ނޫން ކަމަށް ބުނެ ގަޒްފުކުރި ފިރިހެނެއްގެ ގައިގައި 80 އެތިފަހަރުން ހައްދު ޖަހަން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
އަނބިމީހާގެ ބަނޑުގައި އޮތީ އޭނާގެ ދަރިއެއް ނޫން ކަމަށް ބުނެ ގަޒްފުކުރި ފިރިހެނެއްގެ ގައިގައި 80 އެތިފަހަރުން ހައްދު ޖަހަން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
ގދ. ތިނަދޫގެ އެ ފިރިހެނެއްގެ މައްޗަށް އެ ކުށް ސާބިތުވީ ރެސްޓޯރެންޓެއްގެ ތެރޭގައި ފިރިހެނަކާ މުހާތަބުކޮށް ވާހަކަ ދައްކަމުން، އޭނާގެ އަންހެނުންގެ ބަނޑުގައި އޮތީ އޭނާގެ ދަރިއެއް ނޫން ކަމަށް ބުނި މައްސަލާގަ އެވެ. ދަށު ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައި އޮތީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.
އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފުކޮށް، ބުނެފައިވަނީ ދަރިފުޅުގެ ނަސަބު ނަފީ ކުރުމަކީ ގާނޫނުލްއުގޫބާތު އޮތްގޮތުން އެ ކަން ގަޒްފުގެ ކުށަކަށް ނުވާނެ ކަމަށެވެ. އަންހެންމީހާ ޒިނޭ ކުރި ކަމަށް އޭނާ ސާފު އިބާރާތުން ބުނެފައި ނުވާތީ އަދި ދަރިފުޅުގެ ނަސަބު ނަފީ ކުރުމަކީ ގަޒްފުގެ ކުށަށް ނުވާނެ ކަމަށް ވެސް ބުންޏެވެ.
ހެކިންގެ ބަހުން އެނގޭ ގޮތުގައި، އެހެން ފިރިހެނަކު، ފިރިމީހާއާ ދިމާލަށް ބުނެފައިވަނީ އޭނާގެ "އަންހެނުން (ނަން އުނިކޮށްފައި) ގެ ބަނޑުގައި އޮތީ (ފިރިމީހާ) ގެ ދަރިއެއް ނޫން ކަމާއި އެއީ (އެހެން ފިރިހެނެއް) ގެ ދަރިއެއް" މިފަދައިންނެވެ.
އެ މީހާގެ ފަރާތުން ބުނެފައިވާ ގޮތުގައި މި ޒަމާނުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ވެސް އަންހެން މާބަނޑު ވެވޭތީ، ދަރިފުޅުގެ ނަސަބު ނަފީ ކުރުމަކީ ޒިނޭގެ ތުހުމަތު ކުރުން ނޫން ކަމަށް ނުވާނެ ކަމަށެވެ. ގަޒްފަކީ ޒިނޭގެ ތުހުމަތު މީހެއްގެ ބޮލުގައި އެޅުވުމެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އިސްލާމީ އުއްމަތުގެ ޖުމްހޫރު އިލްމުވެރިންގެ ބަހަށް ބަލާއިރު، ޒިނޭ ކުރިކަމަށް ސީދާ ނުބުންޏަސް، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު އެއީ ޒިނޭގެ ތުހުމަތަކަށް ވާނަމަ، ގަޒްފުގެ ކުށް ސާބިތުވާނެ ކަމަށެވެ. އަދި ވައްބަހުން ވެސް ގަޒްފު ކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ޝާފިއީ މަޒްހަބްގެ އިލްމުވެރިންގެ ރައުޔަކީ ޒިނޭގެ ތުހުމަތަކަށް ވުމުގެ ފުރުސަތު އޮންނަ ގޮތަށް ނުސީދާކޮށް ބުނާ ބުނުންތަކާ ގުޅިގެން ގަޒްފުގެ ހައްދު ގާއިމް ކުރެވޭނެ އެވެ. މާލިކީ މަޒްހަބްގެ އިމާމް ކަމަށްވާ އިމާމް މާލިކާއި ހަންބަލީ މަޒްހަބްގެ ބައެއް އިލްމުވެރިންގެ ރައުޔަކީ އެއީ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، ޒިނޭގެ ތުހުމަތު ނުސީދާކޮށް ކުރާ ކުރުން ވެސް އެއީ ގަޒްފުގެ ކުށަކަށް ވެދާނެ ކަމަށް ހުކުމުގައިވެ އެވެ.
"މިސާލަކަށް އެހެން މީހެއްގެ ކުރިމަތީގައި ހުރެ، އެކިއެކި މީހުންނާ ޖިންސީ ގުޅުން ހިންގާ މީހަކީ ތިމަންނައެއް ނޫނޭ ބުނުން ވެސް އެއީ އިމާމް މާލިކްގެ ނަޒަރުގައި ކުރިމަތީގައި ހުރި އަނެއް މީހާއަށް ރައްދު ކުރެވޭ ގަޒްފުގެ އިބާރާތެކެވެ،" އިލްމުވެރިންގެ ބަސްފުޅުތަކަށް ރިއާޔަތްކޮށް، ހުކުމުގައިވެ އެވެ.
"ބަސް ރައްދު ކޮށްފައިވަނީ ސީދާ ސީދަލަށް ނޫން ނަމަވެސް ސަބަބުވެރި މީހަކަށް އެ ބަހުން ވަކިގޮތަކަށް މާނަ ދޭހަވާ ނަމަވެސް އެއީ ގަޒްފުގެ ބަހަކަށް ވެދާނެ."
ނަމަވެސް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވާ ގޮތުން، މަޖާޒީ ގޮތެއްގައި ނުވަތަ އިޝާރާތަކުން ޒިނޭގެ ތުހުމަތު ކުރިޔަސް، ހައްދު ގާއިމް ނުކުރެވޭނެ އެވެ. އެއީ ހައްދުތައް ގާއިމް ކުރުމުގައި ޝައްކުތަކުން ދުރުވާން ޖެހޭއިރު، އެ ހާލަތުގައި ޝައްކެއް އުފެދޭނެތީ ކަމަށް ހުކުމުގައިވެ އެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސުއޫދެވެ.
ޑީއެންއޭއިން ޒިނޭ ސާބިތުވުން: ބޮޑު ބަހުސަކަށް ނިމުން!
އިސްތިއުނާފު ނުކޮށްފިނަމަ، ހައްދުގެ އަދަބު ދޭންޖެހޭނެ
ފަސޭހަ އިއުތިރާފުން ކުށް ސާބިތުކުރުން ނިމުމަކަށް؟!
މޫސަގެ މަރު: ދައުވާ ލިބޭ މީހާ ބަންދުނުކުރީ ރަނގަޅަށް
"ބިމުގައި ހުރެ،ހަނދުގައި އަތްލާން އުޅުންފަދަ ކަމެއް"
ކޯޓުތަކުން ޕާސްޕޯޓް ދޫކުރުން ދެން ކުޅިވަރަކަށް ނުވާނެ!
މައްސަލަ ލަސްވުމަކީ ބަންދުން ދޫކުރެވޭނެ ސަބަބެއް ނޫން
ޑީއޭއެންއޭއަކީ ހަރުދަނާ ގަރީނާއެއް: ސުޕްރީމް ކޯޓު
ހިންދޫ ދީން ފެތުރި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް
އެއް ކުށެއް، އެކަމަކު އެކި މީހުންނަށް އެކި ގޮތް؟!