Roadha Mihaaru
ހިންދޫ ދީން ފެތުރި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް

ހިންދޫ ދީން ފަތުރަން އައި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް، ދިވެއްސެއްގެ ބައިވެރިވުމެއް ނެތް

31 އޯގަސްޓް 2023

އިންޑިއާގެ ހިންދޫ ދީނުގެ ހާމުދުރަކު އޭނާގެ ދީން ފެތުރުމަށް ރާއްޖެ އައިސް، އެކަން އިޝްތިހާރު ކުރާ މައްސަލައެއް ފެންމަތިވުމާއެކު އޭނާ އާއި އިތުރު ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އިންޑިއާގެ ހިންދޫ ދީނުގެ ހާމުދުރަކު އޭނާގެ ދީން ފެތުރުމަށް ރާއްޖެ އައިސް، އެކަން އިޝްތިހާރު ކުރާ މައްސަލައެއް ފެންމަތިވުމާއެކު އޭނާ އާއި އިތުރު ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓޫރިސްޓު ވިސާގައި ރާއްޖެ އައި އިންޑިއާ މީހަކު އެފަދަ ކްލާސްތަކެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއެކު، އެ މީހާ އާއި އިތުރު ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ސުވާލު ކުރަމުންދާ ކަމަށެވެ.

އެ މީހުންގެ އެ އަމަލަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާ ބެހޭ ގާނޫނާއި އިމިގްރޭޝަން ގާނޫނާ ހިލާފު ކަމަކަށް ވާތީ ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އެނގިފައިވާ ގޮތުން ފުލުހުން މިހާތަނަށް ބެލިބެލުމުގައި މި މައްސަލައިގައި ދިވެއްސެއްގެ ބައިވެރިވުމެއް ނެތެވެ.

މި މައްސަލަ ފެންމަތިވުމުން އިސްލާމިކް މިނިސްޓްރީން ވެސް އޮތީ ފުލުހުންނަށް އެކަން ހުށަހަޅައިފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މާލޭގެ ހޮޓަލެއްގައި "ސްޕިރިޓުއަލް ހީލާ"ގެ ނަމުގައި، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ހިލާފު އަމަލު ހިންގަން އިޝްތިހާރު ކުރާ ކަމުގެ މައުލޫމާތު ލިބުމުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އިޝްތިހާރުތަކުގައިވާ ގޮތުން، ޑރ. ގަނޭޝް ޑުބޭ ކިޔާ ހިންދޫ ދީނުގެ ހާމުދުރަކު މައުލޫމާތު ދިނުމުގެ ސެޝަންތައް މިދިޔަ އަންގާރަ ދުވަހުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ބާއްވަން އޮތީ ނިންމައިފަ އެވެ. ސެޝަން ބާއްވާ ތަނެއް ބުނެފައެއް ނެތަސް، ބުކިން ހަދާނެ ނަންބަރާއި އަގު ހިމަނާފައިވެ އެވެ. އޭނާ އާއި އިތުރު މީހަކު މާލެ އައިސް އިއްޔެ ޗެކިން ވީ ހެންވޭރުގައި ހުންނަ އުނިމާ ގްރޭންޑް ހޮޓަލަށެވެ. ނަމަވެސް އުނިމާ ގްރޭންޑް ހޮޓަލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ގަނޭޝް ޑުބޭ އާއި އޭނާއާ އެކު އައި ނިމިޝާ ކިޔާ އިންޑިއާގެ މީހަކު އެ ހޮޓަލުގެ އުސޫލުތަކާ ހިލާފުވުމުގެ ސަބަބުން އެ މީހުން އެތަނުން ޗެކް-އައުޓް ކޮށްފައިވާ ކަމަށާޢި އަދި އެ މީހުން ފޭސްބުކް މެދުވެރިކޮށް، ޖަހާފައިވާ އިޝްތިހާރުތަކަކީ އެ ހޮޓަލާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ނޫސް ބަޔާނުގައި ވެ އެވެ. އެ މައްސަލާގައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް، ފާޑުކިޔަމުންނެވެ.