Roadha Mihaaru
ކޯޓުތަކުން ޕާސްޕޯޓް ދޫކުރުން ދެން ކުޅިވަރަކަށް ނުވާނެ!

ކޯޓުތަކުން ޕާސްޕޯޓް ދޫކުރުން ދެން ކުޅިވަރަކަށް ނުވާނެ!

24 ޖެނުއަރީ 2024

ޖިނާއީ މައްސަލަތަކުގައި ފުރުން މަނާކޮށްފައި ތިބޭ މީހުން ރާއްޖެއިން ބޭރަށް ދާން ހުއްދަ ދޭ އުސޫލަކީ އަބަދުވެސް ބޮޑު މައްސަލަ އެކެވެ. ސިއްހީ ފަރުވާއަށް ނުވަތަ އެހެން ސަބަބަށްޓަކައި ވެސް ރާއްޖެއިން ބޭރަށް ދާން ހުއްދަ ދޭ ގޮތާ މެދު ފާޑުކިޔުން ބޮޑެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިނާއީ މައްސަލަތަކުގައި ފުރުން މަނާކޮށްފައި ތިބޭ މީހުން ރާއްޖެއިން ބޭރަށް ދާން ހުއްދަ ދޭ އުސޫލަކީ އަބަދުވެސް ބޮޑު މައްސަލަ އެކެވެ. ސިއްހީ ފަރުވާއަށް ނުވަތަ އެހެން ސަބަބަށްޓަކައި ވެސް ރާއްޖެއިން ބޭރަށް ދާން ހުއްދަ ދޭ ގޮތާ މެދު ފާޑުކިޔުން ބޮޑެވެ.

މައްސަލަ ދިމާވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ޕާސްޕޯޓް ދޫކޮށްލުމުގައި ރިއާޔަތްކުރަން ޖެހޭ ކަންކަން ނެތުމުންނެވެ. އެހެންވެ، ބޭސްފަރުވާއަށް ބޭރަށް ދާން އެދޭ މައްސަލަތަކުގެ އެއްކޮޅުގައި އޮންނަ ދައުވާލިބޭ މީހާގެ ހައްގާއި އަނެއްކޮޅުގައި އޮންނަ ދައުލަތާއި މުޖްތަމައުގެ ހައްގުގެ މައްސަލަ ބޮޑެވެ.

ބައެއް ސިޔާސީ ބޭފުޅުންގެ މައްސަލަތަކުގައި ސިއްހީ ގޮތުން އެހާ ސީރިއަސް ނޫން ކަންކަމުގައި ވެސް ރާއްޖެއިން ބޭރަށް ދާން ހުއްދަ ދޭއިރު، އާންމުންނަށް ކުރިމަތިވާ އެއަށް ވުރެ މާ ސީރިއަސް ސިއްހީ ކަންކަމުގައި އެ ހުއްދަ ނުދޭ ކަމުގެ ޝަކުވާ ވެސް އޮވެ އެވެ. ބައެއް މީހުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ވަކި މުއްދަތަކަށް ޕާސްޕޯޓް ދޫކޮށްލުމުން ރާއްޖެ އެނބުރި ނައުމުން މައްސަލަ ކުރިއަށް ނުގެންދެވި ހުރި މައްސަލަތައް ވެސް ފެންމަތިވެފައި އެބަހުއްޓެވެ.

މި ހަފްތާގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ޖިނާއީ މައްސަލަތަކުގައި ދައުވާލިބޭ މީހުންގެ ޕާސްޕޯޓް ދޫކުރުމާ ބެހޭ ހަރުކަށި އުސޫލުތަކެއް ކަނޑައަޅާފައިވެ އެވެ. ޖިނާއީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން މީހެއްގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ކުރެވޭނީ ފިލާފާނެ ކަމަށް ބެލެވޭ ހާލަތްތަކުގައި ތަހުގީގީ އިދާރާއަކުން އެދިގެންނެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމް އޮތްގޮތުން ނަމަ، ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާ ފަދަ ޖިނާއީ ބޮޑު މައްސަލައެއްގައި ދައުވާ ކުރުމާ އެކު ޕާސްޕޯޓް ހިފަހައްޓަން ޖެހޭނެ އެވެ. އެހެންވެ، ފިލާފާނެ ކަމަށް ބެލެވުން އެއީ މިހާރު ކޮންމެހެން ޝަރުތެއް ނޫނެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން ޖިނާއީ ބޮޑު މައްސަލައެއްގައި ދައުވާއެއް ލިބޭ މީހެއް ނަމަ އެ މީހަކު ބޭސްފަރުވާގެ ބޭނުމަށް ރާއްޖެއިން ބޭރަށް ދާން ހުއްދަ ދެވޭނީ އެއީ ރާއްޖޭގައި ކުރެވެން ނެތް ފަރުވާއެއް ކަމަށްވާ ނަމަ އަދި އެކަމާ މެދު ދައުލަތުން ދެކޭ ގޮތެއް ބެލުމަށްފަހު އެވެ.

ޕާސްޕޯޓްތަކެއް

ޕާސްޕޯޓްތަކެއް

ކުރިން ޕާސްޕޯޓް ދޫކޮށްލުމުގައި އާންމުކޮށް އަމަލުކުރާ އުސޫލަކީ ޑޮކްޓަރަކު ދޭ ލިޔުމަކަށް އެކަނި ބެލުމެވެ. އެހެންވެ، ބައެއް ފަހަރު ރާއްޖެއިން ކުރެވެން ހުންނަ ފަރުވާތަކުގައި ވެސް ރާއްޖެއިން ބޭރަށް ދާން ޑޮކްޓަރުން ލަފާ ދޭއިރު، އެކަމާ ބެހޭގޮތުން އެހެން ޑޮކްޓަރުންގެ ބަސް ހޯދުމަށް ފުރުސަތެއް ނުލިބެ އެވެ. އަދި ދައުލަތުން އެކަމާ ބެހޭގޮތުން އިތުރަށް މައުލޫމާތު ހޯދުމުގެ ކުރުމުގެ ކުރިން ޕާސްޕޯޓް އޮންނަނީ ގިނަ ފަހަރަށް ދޫކޮށްލައިފަ އެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން ހަމައެކަނި ލިޔުމަކަށް ބިނާވުމުގެ ބަދަލުގައި ދެން އެ ހުއްދަ ދެވޭނީ ޑޮކްޓަރު ސީދާ ކޯޓަށް ހާޒިރުވެ ދޭ ބަޔާނަށް ބެލުމަށްފަހު އެވެ. އަދި އެކަމާ މެދު ދައުލަތުން ދެކޭ ގޮތެއް ވެސް ބަލަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.

"ބޭރަށް ފުރުމުގެ ހުއްދަ ދޭންވާނީ އެ ފަރުވާއަކީ ރާއްޖެއިން ލިބެން ނެތް ފަރުވާއެއް ކަމަށް ޑޮކްޓަރަކު ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ، ދޭ ރައުޔެއްގެ މައްޗަށް ބިނާކޮށް، އެ ރައުޔާ މެދު ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ދެކޭ ގޮތް ސާފު ކުރުމަށްފަހު." ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ޑޮކްޓަރު ދޭ ލަފާގެ އިތުރުން، އެ މީހަކު ފަރުވާ ނިމުމުން އެނބުރި އަންނާނެކަން ނުވަތަ ފިލާފާނެ ކަމަށް ބެލެވޭ ހާލަތު ކުޑަކުރަން ހާއްސަ ޝަރުތުތަކެއް ވެސް ކޯޓުން ކުރަން ޖެހޭނެ އެވެ. އެގޮތުން ކަފާލާތުގެ ގޮތުގައި ބޭންކް ގެރެންޓީއެއް ނުވަތަ ފައިސާގެ އަދަދެއް ނުވަތަ ބޮންޑެއް ބަހައްޓަން ޝަރުތު ކުރެވިދާނެ ކަމަށް ހުކުމުގައިވެ އެވެ. އަދި މިގޮތުން ކުރާ ޝަރުތުތަކަކީ އެއްބަސްވެވޭ ޝަރުތުތަކަކަށް ވާން ޖެހޭނެ ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.

"ކަނޑައަޅާ ޝަރުތަކީ ޕްރޮސެކިއުޓާ ޖެނެރަލް ގަބޫލުކުރާ ޝަރުތެއް ކަމަށް ވާންޖެހޭނެ." ހުކުމުގައިވެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް --- ފޮޓޯ/މިހާރު

ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް --- ފޮޓޯ/މިހާރު

މީގެ އިތުރުން ކުރިން ޖިނާއީ މައްސަލަތައް ދަށު ކޯޓުގެ މަރުހަލާއިން ނިމުމާ އެކު، ޕާސްޕޯޓް ދޫކޮށްލަން އެންގި ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމް އޮތްގޮތުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ނަމަ އިސްތިއުނާފް މަރުހަލާ ނިމެންދެން ވެސް ދައުވާލިބޭ މީހުންގެ ފުރުން މަނާކުރުމުގެ އަމުރު ދަމަހައްޓަން ޖެހޭނެ އެވެ. އަދި ސިއްހީ ނޫން ސަބަބަކަށްޓަކައި ރާއްޖެއިން ބޭރަށް ދާން ހުއްދަ ދެވޭނީ ވެސް ދައުލަތުން އެކަމަށް ރުހުން ދިނުމުން ކަމަށް ހުކުމުގައިވެ އެވެ.

ހުކުމް އޮތްގޮތުން ނަމަ މިއީ ދައުލަތަށް ލިބުނު ބޮޑު ކާމިޔާބެކެވެ. ސަބަަބަކީ ހުކުމް އޮތްގޮތުން ނަމަ ދައުލަތުގެ ރުހުން ނެތި ޕާސްޕޯޓް ދޫކުރެވެން ނޯންނާނެތީ އެވެ. އަނެއްކޮޅުން، ޕާސްޕޯޓް ދޫކުރިޔަސް، ދައުލަތުން ގަބޫލުކުރާ ފަދަ ޝަރުތުތަކެއް އެ މީހާގެ މައްޗަށް ކުރަން ލާޒިމްވާތީ އެވެ.

ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމުގައި ޕާސްޕޯޓް ދޫކޮށްލަން އެންގުމާ ބެހޭ އުސޫލުތަކެއް ކަނޑައެޅި ނަމަވެސް، އެކަމުގެ ހުރިހާ ބާރެއް ދައުލަތަށް ދޫކޮށްލުމުން ނަތީޖާ ރަނގަޅު ނުވެދާނެ އެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ދައުލަތުން ނުރުހުނަސް، ފުރުމުގެ ހުއްދަ ދެވެން ޖެހޭނެ އެވެ.

"ޑޮކްޓަރުން ކޯޓަށް ހާޒިރުކޮށް، އެ މީހުންގެ ބަސް ހޯދުން މުހިންމު. އެކަމަކު މީހަކު ރާއްޖެއިން ބޭރަށް ގެންދަން ޖެހެއޭ ބުނެފައި ޑޮކްޓަރަކު ކޯޓަށް ހާޒިރުވެ ލަފައެއް ދިނީމަ އެ ލަފައަކަށް ދައުލަތުން ރުހުމަކީ އެކަން އޮންނަންޖެހޭ ގޮތެއް ނޫން." ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމަކީ ޖިނާއީ މައްސަލަތަކުގައި ޕާސްޕޯޓް ދޫކޮށްލުމުގެ ސަބަބުން ކުރިމަތިވަމުންދިޔަ މައްސަލަތަކަށް ހައްލެއް ގެނެސްދޭނެ ކަމެކެވެ. ވަކިން ހާއްސަކޮށް، ބޭސްފަރުވާގެ ކަންކަމުގައި ޕާސްޕޯޓް ދޫކުރުމުގައި އެއް އުސޫލަކުން އަމަލު ކުރަން ބާރު އެޅޭނެ ކަމެކެވެ.