Roadha Mihaaru
"ނަޝީދުގެ މައްސަލާގައި އިސްލާމްދީނާ ޚިލާފްކަމެއް ނެތް"

ނަޝީދުގެ މައްސަލާގައި އިސްލާމްދީނާ ޚިލާފް ކަމެއް ނެތް: ފުލުހުން

04 ޖެނުއަރީ 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ފުލުހުންނަށް ހުށަހެޅި މައްސަލާގައި އިސްލާމްދީނާ ހިލާފް ކަމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ފުލުހުންނަށް ހުށަހެޅި މައްސަލާގައި އިސްލާމްދީނާ ހިލާފް ކަމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ރާއްޖޭގައި އެހެން ދީންތަކުގެ ޝިއާރުތައް ނަޝީދު ފާޅުކުރާ ކަމަށް ބުނެ ޖަމްއިއްޔަތުއް އިއްތިހާދުގެ ފަރާތުން ފުލުހުންނަށް ދާދިފަހުން ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. އަދި ނަޝީދަކީ އިސްލާމްދީނާ ދެކޮޅު ބޭފުޅެއް ކަމަށް ތުހުމަތު ކުރަމުންދާތީ އެކަން ބަލައިދޭން އެމަނިކުފާނު ވެސް މިއަދު ވަނީ އެދިވަޑައިގެންފަ އެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ރާއްޖޭގައި އިސްލާމްދީނާ ދެކޮޅު އަމަލުތައް ހިންގާ މީހުންގެ މައްސަލަތައް ވަރަށް ހާއްސަ އިސްކަމެއް ދީގެން އަބަދުވެސް ބަލަމުންދާނެ ކަމަށާއި އެކަމަކު ނަޝީދާ ދެކޮޅަށް ފުލުހުންނަށް ހުށަހެޅި މައްސަލާގައި ފާހަގަ ކޮށްފައިވަނީ އެފަދަ ކަމެއް ނޫން ކަމަށެވެ. އެހެންވެ، އެއީ ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަމަކަށް ނުވާތީ އެ މައްސަލައާ ގުޅިގެން ތަހުގީގެއް ހިންގަމުން ނުދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން އެ މައްސަލަ ހުށަހެޅީ ރަޖިސްޓްރީ ކޮށްފައިވާ ޖަމާއަތަކުން ނޫން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އެގޮތަށް ބުނިއިރު، ނަޝީދާ ދެކޮޅަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން އެމްޑީޕީގެ އިސް ބޭފުޅުން ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. އަދި އެގޮތަށް މައްސަލަތައް ހުށަހަޅަނީ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާ ކުރަން ކަމަށް ވެސް އެމްޑީޕީގެ އިސް ބޭފުޅުން ތުހުމަތު ކޮށްފައިވެ އެވެ.