Roadha Mihaaru
ފުރަތަމަ ދެ މެޗު ޕޮލިހާއި ވެމްކޯ އަށް

ތާރީހީ މުބާރާތުގެ ފުރަތަމަ ދެ މެޗު ޕޮލިހާއި ވެމްކޯ އަށް

12 ޖޫން 2022

ތާރީ ބަދަލަކާއެކު ލޯންޗު ކުރި ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ ދެ މެޗު ޕޮލިހާއި ވެމްކޯއިން ކާމިޔާބު ކޮށްފި އެވެ.

ތާރީ ބަދަލަކާއެކު ލޯންޗު ކުރި ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ ދެ މެޗު ޕޮލިހާއި ވެމްކޯއިން ކާމިޔާބު ކޮށްފި އެވެ.

ވީއޭއެމުން އެކުލަވާލި، ބިދޭސީ 18 ކުޅުންތެރިންގެ ޕޫލަކުން ކޮންމެ ޓީމަކަށް ތިން ކުޅުންތެރިން ހަމަޖައްސައިގެން ފެށި މުބާރާތުގައި ރޭ ކުޅުނު ދެ މެޗު ގައި ވެސް، އެއްވެސް ޓީމަކަށް ތިން ސެޓުން މެޗު ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ.

އެންމެ ފަހުގެ ރަނަރަފް، ޕޮލިސް ކްލަބާ ދެކޮޅަށް ސްޕޯޓްސް ކްލަބް ގްޑީސް އިން ވަނީ ވަރުގަދަ ފައިޓެއް ދީފަ އެވެ. ފަސް ސެޓަށް ދެމިގެން ދިޔަ މެޗު، ޕޮލިހުން ކާމިޔާބު ކުރީ 3-2 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓްގެ ގޭމްބޯލް ޕޮއިންޓްގައި ވަނިކޮށް، ޕޮލިހަށް ސެޓް ނިންމަން ފުރުސަތު ލިބިފައި ވަނިކޮށް އެ ފުރުސަތުގެ ބޭނުން ނުކުރެވުނެވެ. އިތުރު ތިން ޕޮއިންޓް ހޯދައިގެން ގްޑީސްއިން ނަތީޖާ ހަމަހަމަ ކުރި އެވެ. އޭގެ ފަހުން ގްޑީސްއިން ލީޑް ނަގި އެވެ. ސެޓް ނިންމަން އެޓީމަށް ފުރުސަތު ލިބިފައި ވަނިކޮށް މިފަހަރު އެއްވަރު ކުރީ ޕޮލިހުންނެވެ.

ޕޮލިހާއި ގްޑީސް ކުޅުނު މެޗުގެ ތެރެއިން ގްޑީސްގެ ބިދޭސީ ކުޅުންތެރިޔާ ބޯޅަ ފޮނުވާލާއިރު ޕޮލިހުގެ ބިދޭސީ ކުޅުންތެރިން ބޯޅަ ބްލޮކް ކުރަން މަސއްކަތް ކުރަނީ: މުބާރަތަށް ބިދޭސީ ކުޅުންޔތެރިން ހަމަޖައްސައި ދިނީ ވީއޭއެމުން  --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޕޮލިހާއި ގްޑީސް ކުޅުނު މެޗުގެ ތެރެއިން ގްޑީސްގެ ބިދޭސީ ކުޅުންތެރިޔާ ބޯޅަ ފޮނުވާލާއިރު ޕޮލިހުގެ ބިދޭސީ ކުޅުންތެރިން ބޯޅަ ބްލޮކް ކުރަން މަސއްކަތް ކުރަނީ: މުބާރަތަށް ބިދޭސީ ކުޅުންޔތެރިން ހަމަޖައްސައި ދިނީ ވީއޭއެމުން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އަނެއްކާވެސް ގްޑީސް އަށް ލޑް ލިބުނެވެ. ގޭމް ނިންމާ ޕޮއިންޓް ވެސް އެ ޓީމަށް ހޯދުނު ކަމަށް ހީކޮށް ކުޅުންތެރިން އުފާފާޅު ވެސް ކުރި އެވެ. އެކަމަކު ރެފްރީ ނިންމީ ގްޑީސްގެ ކުޅުންތެރިން ނެގީ ކެރީ ބޯލެއް ކަމަށެވެ. ގްޑީސްގެ ކުޅުންތެރިން އެޕީލް ކުރި ނަމަވެސް ނިންމުން ބަދަލެއް ނުވި އެވެ. ޕޮއިންޓް ދިނީ ޕޮލިހަށެވެ. ޕޮލިހުން ލީޑް ނަގައި ސެޓް ކާމިޔާބު ކުރީ 30-28 ންނެވެ.

ދެވަނަ ސެޓްގައި ވެސް ވާދަވެރިކަން ބޮޑުވި އެވެ. ސެޓް ފެށިގެން ގްޑީސް ދިޔައީ ލީޑް ކުރަމުންނެވެ. އެ ސެޓް އެޓީމުން ކާމިޔާބު ކުރީ 25-23 ންނެވެ. އަދި ތިން ވަނަ ސެޓް 25-20 ކާމިޔާބުކޮށް، ގްޑީސްއިން ލީޑް ނެގި އެވެ. ހަތަރުވަނަ ސެޓުން މެޗު ނިންމަން ނުކުތް ގްޑީސް އަށް، ސެޓްގެ ކޮންޓްރޯލެއް ނުލިބުނެވެ. ޕޮލިހުން އެ ސެޓް ކާމިޔާބު ކުރީ 25-23 ންނެވެ. އަދި މެޗުގެ ޑިސައިޑިން ސެޓް ޕޮލިހުން ގެންދިޔައީ 15-12 އިންނެވެ.

ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތު ގެނެސް ދިން މެޗުގެ އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވި، ވީއޭއެމް ކޯޗާސް ކޮމިޝަންގެ ޗެއާމަން، ޝުއައިބް އަހްމަދު ބުނީ ބިދޭސީ ކުޅުންތެރިން ހަމަޖައްސައި ގެނައި ބަދަލުން ވީއޭމުން ބޭނުންވާ މަގުސަދު ވަރަށް ރަނގަޅަށް ހާސިލުވާ ކަމުގެ މަންޒަރު ފުރަތަމަ މެޗުން ފެނުނު ކަމަށެވެ.

"ވަރަށް ސްޕީޑް ވޮލީއެއް. އަޅުގަނޑުމެންނަށް އާންމުކޮށް އިންޑިއޯއިން ނުފެންނަ ވަރުގެ ވޮލީއެއް ފެނިގެން މިދަނީ. ހަމަ އެޔާއެކު ޕާވާ ވެސް ވަރަށް ރަނގަޅޭ ދަންނަވާ ހިތް އޮތީ،" ޝުއައިބް ބުންޏެވެ

"މި މުބާރާތުން ދިވެހި ކުޅުންތެރިންނަށް ވަރަށް ރަނގަޅު ފައިދާތަކެއް ކުރާނެކަމުގެ ގްރީން ސިގުނަލެއް މިދިޔަ ދެ ސެޓުން ވެސް ފާހަގަ ވެގެން ހިނގައްޖެ. ވަރުގަދަ ބްލޮކްތަކަކަށް ދިވެހި ކުޅުންތެރިން އަތްލައިފި. ރަނގަޅު ރިސީވްތަކުގައި ދިވެހި ކުޅުންތެރިން ޖައްސައިފި. ރަނގަޅު އެޓޭކްތަކެއް ވެސް ދިވެހި ކުޅުންތެރިން ކޮށްފި. ދިވެހި ކުޅުންތެރިންނަށް ލިބުނު ރަނުގެ ފުރުސަތު ބޭނުން ހިފެމުންދާތަން މި ފެނިގެން ދަނީ."

ވެމްކޯ އާއި އޮފްއެފްސީ ކުޅުނު މެޗުގެ ތެރެއިން: ވެމްކޯއިން މެޗު ކާމިޔާބު ކުރީ 3-1 ސެޓުން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވެމްކޯ އާއި އޮފްއެފްސީ ކުޅުނު މެޗުގެ ތެރެއިން: ވެމްކޯއިން މެޗު ކާމިޔާބު ކުރީ 3-1 ސެޓުން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރޭގެ ދެވަނަ މެޗުގައި ވެމްކޯ އާއި އޮފް އެފްސީ ބައްދަލު ކުރި މެޗުގެ ދަންވަރު 12 ގެ ފަހުން ވެސް ކުރިއަށް ގެންދިޔަ އެވެ. އެ މެޗު 3-1 ސެޓުން ކާމިޔާބު ކުރީ ވެމްކޯ އެވެ.

ފުރަތަމަ ދެ ސެޓް ތަފާތު ބޮޑުކޮށް ވެމްކޯއިން ކާމިޔާބު ކުރި އެވެ. އެ ދެ ސެޓް ގެންދިޔައީ 25-15 އަދި 25-17 އިންނެވެ. ތިން ވަނަ ސެޓުން މެޗު ނިންމަން ނުކުތް ވެމްކޯ އަށް އެކަން ފުރިހަމަ ނުކުރެވުނެވެ. އޮފް އެފްސީން ސެޓް ކާމިޔާބު ކުރީ 25-21 ންނެވެ. ވެމްކޯއިން މެޗުން މޮޅުވީ ވަރަށް ވާދަވެރިކޮށް ދިޔަ ހަތަރުވަނަ ސެޓް 28-26 ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގައި މިރޭ ވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބާއި ސްޕޯޓްސް ކްލަބް ސިޓީ އެވެ. ދެވަނަ މެޗުގައި ވާދަކުރާނީ އޮފްއެފްސީ އާއި ގްޑީސް އެވެ. ފުރަތަމަ މެޗު ފަށާނީ 8:15 ގަ އެވެ. ދެވަނަ މެޗު 9:45 ގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.