Roadha Mihaaru
ޗެމްޕިއަން ސިފައިން ކަޓުވާލުމަށް ފަހު ވެމްކޯ ފައިނަލަށް

ޗެމްޕިއަން ސިފައިން ކަޓުވާލުމަށް ފަހު ވެމްކޯ ފައިނަލަށް

21 ޖޫން 2022

ސެމީ ފައިނަލް ޕްލޭ އޮފްގައި އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބް މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި، ވޯލިބޯލް އެސޯސިއޭޝަން ކަޕްގެ ފައިނަލުގެ ފަހު ޖާގަ ކްލަބް ވެމްކޯއިން ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސެމީ ފައިނަލް ޕްލޭ އޮފްގައި އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބް މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި، ވޯލިބޯލް އެސޯސިއޭޝަން ކަޕްގެ ފައިނަލުގެ ފަހު ޖާގަ ކްލަބް ވެމްކޯއިން ހޯދައިފި އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ ފައިނަލުގައި، ވެމްކޯ ނުކުންނާނީ ގުރޫޕް ސްޓޭޖުގެ އެއްވަނަ ހޯދައިގެން ފައިނަލުގެ ސީދާ ޖާގަ ހޯދި ސްޕޯޓްސް ކަލްބް ސިޓީ އެވެ. މުބާރާތުގެ ގަވާއިދުގައި ވާ ގޮތުން ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނީ ލީގު އުސޫލުން ކުޅޭ ގުރޫޕް ސްޓޭޖުގެ އެއްވަނަ ހޯދާ ޓީމަކަށެވެ. ދެވަނަ އާއި ތިންވަނަ ޓީމުގެ ދެމެދުގައި ކުޅޭ ޕްލޭ އޮފް ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

ގުރޫޕް ސްޓޭޖުން ދެވަނަ ހޯދީ ވެމްކޯ އެވެ. ތިންވަނަ ސިފައިން އަށެވެ. ގުރޫޕް ސްޓޭޖުގައި ވެމްކޯ ވަނީ ސިފައިން އަތުން ބަލިވެފަ އެވެ. އެ މެޗުން ވެމްކޯ ވަނީ ތިން ސެޓުން ބަލިވެފަ އެވެ.

އެކަމަކު މިރޭ ކުޅުނު ސެމީގެ ޕްލޭ އޮފްގައި ސިފައިންނަށް އެ ބާރެއް ނުދެއްކުނެވެ. މެޗު ފެށިގެން ނިމެންދެން ވެމްކޯ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ވެމްކޯ އަށް މެޗު ކާމިޔާބު ކޮށްދިނުމުގައި އަޝްވަލް ރާއީ މުހިންމު ދައުރެއް އަދާކުރި އެވެ. އޭނާ ފޮނުވާލި ބާރު ބޯޅަތަކުން ގިނަ ޕޮއިންޓްތަކެއް ވެމްކޯ އަށް ހޯދައިދިނެވެ.

ވެމްކޯ އާއި ސިފައިން ކުޅުނު މެޗުގެ ތެރެއިން: ސިފައިންގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި ވެމްކޯ ވަނީ ފައިނަލަށް ދަތުރު ކޮށްފަ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ވެމްކޯ އާއި ސިފައިން ކުޅުނު މެޗުގެ ތެރެއިން: ސިފައިންގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި ވެމްކޯ ވަނީ ފައިނަލަށް ދަތުރު ކޮށްފަ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ފުރަތަމަ ސެޓް ވެމްކޯއިން ގެންދިޔައީ 25-18 އިންނެވެ. މެޗުގެ އެއްވެސް ހިސާބެއްގައި ސިފައިންގެ ކްލަބަށް ލިޑް ލިބޭ ގޮތެއް ނުވި އެވެ. ދެވަނަ ސެޓް ސިފައިން ފަރަގު ކުޑަ ކުރި އެވެ. އެކަމަކު އެ ސެޓްގައި ގިނަ ޕޮއިންޓްތަކެއް އެ ޓީމު އަތުން ދޫވީ އަމިއްލަ އަށް މިސްކޮށްލި ބޯޅަތަކުންނެވެ. އެ ސެޓް ވެމްކޯއިން ގެންދިޔައީ 25-22 ންނެވެ. ތިންވަނަ ސެޓް ވެސް ގެންދިޔައީ 25-22 ންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަޝްވަލް ރާއީ ވަނީ ރަނގަޅު ބްލޮކޮތަކެއް ކޮށްފަ އެވެ. ޔެސް ޓީވީން ވަގުތުން ގެނެސް ދިން މެޗުގެ އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވި، ވީއޭއެމް ކޯޗާސް ކޮމިޝަންގެ ޗެއާމަން ޝުއައިބް އަހުމަދު ބުނި ގޮތުގައި އަޝްވަލް ބެކް ކޯޓުގައި ހުންނަ ވަގުތު، ވެމްކޯގެ ޓީމަށް ހަމަލާތަކަށް ބްލޮކް ނުކުރެވޭ މައްސަލަ ދިމާވެ އެވެ. އޭގެ ސަބަބުން ކައިރި ކައިރީގައި ސިފައިންގެ ޓީމުން ޕޮއިންޓަތަކެއް ހޯދޭ ކަމަށް ވެސް ޝުއައިބް ފާހަގަ ކުރި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ ފައިނަލް މެޗު ފަށާނީ 8:30 ގަ އެވެ.