Roadha Mihaaru
ސިފައިންނަށް ގޯސް ފެށުމެއް، އޮފްއެފްސީއަށް ހަމަނޭވާއެއް

ޗެމްޕިއަން ސިފައިންނަށް ގޯސް ފެށުމެއް، ގްޑީސް ބަލިކޮށް އޮފް އެފްސީ އަށް ހަމަޖެހުމެއް

13 ޖޫން 2022

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބް، މިއަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި، ސްޕޯޓްސް ކްލަބް ސިޓީ އަތުން ބަލިވެއްޖެ އެވެ.

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބް، މިއަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި، ސްޕޯޓްސް ކްލަބް ސިޓީ އަތުން ބަލިވެއްޖެ އެވެ.

ވީއޭއެމުން ފިރިހެން ޑިވިޝންގެ ކޮންމެ ޓީމަކަށް ބިދޭސީ ކުޅުންތެރިން ހަމަޖައްސައި ދީގެން ފެށި މުބާރާތުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ގައި، ތިން ސެޓަށް ވުރެ އިތުރަށް ކުޅެން ޖެހުނެވެ.

ކުރިން ވީއޭއެމުން ހަމަޖައްސާފައި ވަނީ ކޮންމެ ރެޔަކު ދެ މެޗު ކުޅުމަށެވެ. އެކަމަކު މެޗުތަކުގެ ވާދަވެރިކަން ބޮޑުވެ މެޗުތަށް ދަންވަރުގެ ވަގުތާ ހަމައަށް ދިގު ދެމިގެންދާތީ ވީއޭއެމުން ވަނީ މާދަމާއިން ފެށިގެން ހަވީރާއި ރޭގަނޑު މެޗު ކުޅޭ ގޮތަށް ބަދަލު ކޮށްފަ އެވެ.

މުބާރާތުގައި ރޭ ކުޅުނު ދެވަނަ މެޗު ވެސް ދަންވަރު 1 ގެ ފަހުން ވެސް ކުރިއަށް ދިޔަ އެވެ. މިހާތަނަށް ތިން ސެޓުން ނިމުނު ހަމައެކަނި މެޗަކީ މިރޭގެ ފުރަތަމަ މެޗުގައި ސިފައިންނާއި ސިޓީ ބައްދަލު ކުރި މެޗެވެ. ތަޖުރިބާކާރު ގިނަ ކުޅުންތެރިން ތިބި ސިފައިންގެ ޓީމުން ޗެމްޕިއަނެއްގެ ސިފައެއް މިރޭގެ މެޗުގައި ނުފެނުނެވެ.

ސިޓީން ފުރަތަމަ ސެޓާއި ފަހު ސެޓް ގެންދިޔައީ އިތުބާރާއެކު އެވެ. އެކަމަކު ދެވަނަ ދެޓްގައި ސިފައިން ވަނީ ވަރުގަދަ އަށް ވާން ކޮށްފަ އެވެ. މެޗުގެ ސެޓްތައް ސިޓީން ކާމިޔާބު ކުރީ 25-21، 30-28 އަދި 25-18 އިންނެވެ.

މިރޭގެ ދެ ވަނަ މެޗުގައި ވާދަކުރީ، ރޭ ކުޅުނު ދެ މެޗުގައި، ޕޮލިސް ކްލަބާއި ވެމްކޯ އަތުން ބަލިވި ގްޑީސް އާއި އޮފް އެފްސީ އެވެ. އެ މެޗު ވެސް ދިޔައީ ވަރަށް ވާދަ ވެރި ކޮށެވެ. މެޗުގައި ރެފްރީގެ ބައެއް ނިންމުންތަކާ މެދު ދެ ޓީމުން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ފުރަތަމަ ސެޓްގެ ގޭމްބޯލް ޕޮއިންޓްގައި، އޮފް އެފްސީ ވަނިކޮށް، ގްޑީސް އިން އިތުރު ޕޮއިންޓެއް ހޯދައި އެއް ޕޮއިންޓަށް ފަރަގު ކުޑަ ކުރި އެވެ. އެކަމަކު އޮފްއެފްސީ ވަނީ އެ ސެޓް 25-23 ކާމިޔާބުކޮށްފަ އެވެ.

ގައުމީ ޓީމުގެ ކުރީގެ ކޯޗު ސާބިއާގެ މިލޮރަޑް ކިޔާޗްގެ ކޯޗު ކަމުގެ ދަށުން މުބާރާތުގައި ވާދަކުރާ، ގްޑީސްއިން ދެވަނަ ސެޓް ގެންދިޔައީ 25-20 ންނެވެ. އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ރިޔާޒު އަށް މިރޭގެ މެޗުގައި އެކަށީގެންވާ ކުޅުމެއް ނުދެއްކުމެވެ.

ތިންވަނަ ސެޓްގައި އޮފްއެފްސީ ގޭމްބޯލް ޕޮއިންޓްގައި ވަނިކޮށް ގްޑީސްއިން ކައިރި ކައިރިގައި ޕޮއިންޓްތަކެއް ހޯދައި އެއް ޕޮއިންޓަށް ފަރަގު ކުޑަ ކުރި އެވެ. އޮފްއެފްސީން އެ ސެޓް ގެންދިޔައި 25-23 ންނެވެެ.

ހަތަރުވަނަ ސެޓްގައި 22-19 އިން އޮފް އެފްސީ ލީޑް ކުރަމުން ދަނިކޮށް، ގްޑީސްއިން ޕޮއިންޓް ހޯދައި އެޓީމަށް ސާވިސް ކުރަން ލިބުނު ފުރުސަތުގައި ކުޅުންތެރިންގެ ތަރުތީބު އޮޅުވައިލުމުން އެކަމާ މެދު ގޮތެއް ނިންމަން ފަސް މިނެޓަށް ހައިރަށް މެޗުގެ ކުޅުން މެދުކަނޑާލައި ދެވަނަ ރެފްރި ވަނީ ޓެކްނިކަލް މޭޒުގައި ތިބި އޮފިޝަލުންނާއެކު މަޝްވަރާ ކޮށްފަ އެވެ. ދެ ޓީމުގެ ފަރާތުން ވެސް ދިޔައީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. ރެފްރީ ނިންމީ އޮފްއެފްސީ އަށް ޕޮއިންޓް ދިނުމަށެވެ. އެޓީމުން ސެޓް ގެންދިޔައީ 25-21 ންނެވެ.