Roadha Mihaaru
ޔާމީންގެ ހުށަހެޅުންތައް ބަލައިނުގަތުމުން ހައި ކޯޓަށް

އާރަށް މައްސަލަ: ޔާމީންގެ ހުށަހެޅުންތައް ބަލައިނުގަތުމުން ހައި ކޯޓަށް

09 ޖޫން 2022

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ބަލައިނުގަތް މައްސަލަ އެ މަނިކުފާނު ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ބަލައިނުގަތް މައްސަލަ އެ މަނިކުފާނު ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ދައުލަތުން ޔާމީންގެ މައްޗަށް ކުރާ ދައުވާގައި އެ މަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ބަލައިނުގަތުމަށް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.

އެ ހުށަހެޅުންތައް ބަލައިނުގަތުމަށް ނިންމާފައި އޮތީ އެކަމަށް ދިން މުއްދަތުގެ ތެރޭގައި ހުށަނޭޅުމުންނެވެ. ޔާމީންގެ އިތުރުން ދައުލަތުން ހުށަހެޅި ހުށަހެޅުންތައް ވެސް އެ ސަބަބާ ހެދި އޭރު ކޯޓުން ބަލައިނުގަތެވެ.

އެ ނިންމުން އިސްތިއުނާފު ކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެ މަނިކުފާނުގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވި އެވެ. އަދި އެ މައްސަލަ ނިމެންދެން އާރަށް މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މަޑުޖައްސާލަން ވަކީލުން އެދިވަޑައިގަތެވެ.

ނަމަވެސް އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ނިންމެވީ އިސްތިއުނާފު ކުރިޔަސް، އެ މައްސަލަ މަޑުޖައްސާލަން ހައި ކޯޓުގެ އަމުރެއް ނެތުމުން ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.

އާރަށުގެ މައްސަލާގައި އިބްތިދާއީ މަރުހަލާ ނިމި، މިއަދު ވަނީ ޝަރީއަތުގެ ބައި ފަށައިފަ އެވެ. ހެކިބަސް ނެގުމުގެ މަރުހަލާ މި މަހު އެއްކޮށް ނިންމާލާނެ އެވެ. އަދި ތާވަލާ އެއްގޮތަށް ކުރިއަށް ގެންދާ ނަމަ، އަންނަ ސެޕްޓެމްބަރު މަހު އެންމެ ލަސްވެގެން ހުކުމް އިއްވާނެ އެވެ.