Roadha Mihaaru
އިންޑިއާ އިން ގޮދަން ފުށް އެކްސްޕޯޓްކުރުން މަނާކޮށްފި

އިންޑިއާ އިން ގޮދަންފުށް އެކްސްޕޯޓްކުރުން މަނާކޮށްފި

14 މެއި 2022

އިންޑިއާ އިން ގޮދަންފުށް އެކްސްޕޯޓްކުރުން އެ ގައުމުގެ ސަރުކާރުން އިއްޔެ މަނާކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާ އިން ގޮދަންފުށް އެކްސްޕޯޓްކުރުން އެ ގައުމުގެ ސަރުކާރުން އިއްޔެ މަނާކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން މިގޮތަށް ނިންމީ ގައުމުގައި ތަކެތީގެ އަގު މައްޗަށް ދާތީ އަގު ކޮންޓްރޯލްކުރުމުގެ ގޮތުންނެވެ. އެ ގައުމުގެ އިންފްލޭޝަން ރޭޓް ކަންބޮޑުވާން މިންވަރަކަށް މައްޗަށްދާ ކަމަށް އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ.

މީގެ އަށް އަހަރު ކުރިން ވެސް ނުދާހާ މައްޗަށް، މިދިޔަ މަހު އިންޑިއާގެ އިންފްލޭޝަން މައްޗަށް ގޮސްފައިވެ އެވެ. ކޮންސިއުމާ ޕްރައިޒް އިންފްލޭޝަން މިދިޔަ މަހު 7.8 ޕަސެންޓަށް މައްޗަށް އެރިއިރު، ރީޓެއިލް ފުޑްގެ އިންފްލޭޝަން 8.4 ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ.

އާދައިގެ ގޮދަންފުށުން ފެށިގެން ޕާސްތާ ފަދަ އެއްްޗެހި ހަދަން ބޭނުންކުރާ ހައި ޕްރޮޓީން ޑްރުމް ވެސް ހިމެނޭ ގޮތަށް، ހުރިހާ ވައްތަރެއްގެ ފުށް އެކްސްޕޯޓްކުރުން މަނާ ކަމަށް އިންޑިއާ ސަރުކާރުން ބުންޏެވެ. އެކަމަކު ދެގޮތަކަށް ފުށް އެކްސްޕޯޓް ކުރަން ހުއްދަ ދޭނެ ކަމަށް ވަނީ ބުނެފަ އެވެ. އެއީ؛

● ގައުމުތަކުގެ ފުޑް ސެކިއުރިޓީގެ ބޭނުމަށް އިންޑިއާ ސަރުކާރުގެ އެހީ އަށް އެދޭ ގައުމުތަކަށް.

● އިއްޔެގެ ކުރިން ގޮދަންފުށް އެކްސްޕޯޓްކުރަން އެއްބަސްވުން ހަދާފައިވާ ނަމަ އެ ގައުމަކަށް.

ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނައިން ގޮދަންފުށް އުފައްދާ އިންޑިއާ އިން ވަރަށް ގިނަ ގައުމުތަކަށް އެ އެކްސްޕޯޓް ކުރެ އެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.

އިންޑިއާގެ މި ނިންމުމާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރެއް އަދި ނޭނގެ އެވެ. އިންޑިއާ އިން ބައެއް ބާވަތުގެ މުދާ އެކްސްޕޯޓްކުރުން މަނާކުރި ނަމަވެސް މީގެ ކުރިން ވެސް ރާއްޖެއަށް ހާއްސަ ހުއްދައެއްގެ ދަށުން އެ ބާވަތްތައް ގެނެވެ އެވެ.