Roadha Mihaaru
އިންޑިއާގެ ފިޔާ އެކްސްޕޯޓު ލިސްޓުގައި ރާއްޖެ ނުހިމެނޭ

އިންޑިއާ އިން ފިޔާ އެކްސްޕޯޓު ކުރަން ހާއްސަ ހުއްދަ ދިން ލިސްޓުގައި ރާއްޖެ ނުހިމެނޭ

21 ފެބުރުއަރީ 2024

އިންޑިއާ އިން ފިޔާ އެކްސްޕޯޓު ކުރަން އެ ގައުމުގެ ސަރުކާރުން ހާއްސަ ހުއްދަ ދީފައިވާ ލިސްޓުން ރާއްޖެ އުނިކޮށްފި އެވެ.

އިންޑިއާ އިން ފިޔާ އެކްސްޕޯޓު ކުރަން އެ ގައުމުގެ ސަރުކާރުން ހާއްސަ ހުއްދަ ދީފައިވާ ލިސްޓުން ރާއްޖެ އުނިކޮށްފި އެވެ.

ދުނިޔޭގައި ވެސް އެންމެ ގިނައިން ފިޔާ އެކްސްޕޯޓު ކުރާ، އިންޑިއާގައި އަސާސީ ބައެއް ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ބޭރު ގައުމުތަކަށް ފިޔާ އެކްސްޕޯޓު ކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ވަނީ މަނާކޮށްފަ އެވެ.

ނަމަވެސް، ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމަށް ބަލައި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ލަފާގެ މަތިން، ސަރަހައްދުގެ ބައެއް ގައުމުތަކަށް ފިޔާ އެކްސްޕޯޓު ކުރަން ހާއްސަ ހުއްދައެއް އަންނަނީ ދޫކުރަމުންނެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެ ހާއްސަ ހުއްދަ ދޭން އިންޑިއާ ސަރުކާރުން ނިންމާފައިވާ ލިސްޓުގައި ހިމެނެނީ ބަންގްލަދޭޝް އާއި ސް ރީލަންކާ އާއި މޮރިޝަސް އާއި ބަހްރެއިން އާއި ބޫޓާން އަދި ނޭޕާލް އެވެ.

އެ ލިސްޓުގައި މި ފަހަރު ރާއްޖެ ހިމަނާފައިނުވާ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުންޏެވެ.

ރާއްޖޭގައި ބޭނުންކުރާ ފިޔާގެ 90 ޕަސަންޓު އިމްޕޯޓު ކުރަނީ އިންޑިއާ އިންނެވެ. އެނގިފައިވާ ގޮތުގައި ފިޔާ ވެސް ހިމެނޭ ގޮތަށް އަގުހެޔޮކޮށް ކާޑުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރަން އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުން އަންނަ މަހު ހަމަވެ އެވެ.

އެކަމަކު މި ކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

އިންޑިއާ އިން ފިޔާ އެކްސްޕޯޓު ކުރުން މަނާކުރި ޚަބަރާ އެކު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގެ ބާޒާރުގައި ކުރިން 400ރ. އަށް ލިބެން ހުންނަ ފިޔާ ބަސްތާގެ އަގު 700ރ. އަށް ވެސް ބޮޑުވި އެވެ. އޭރު އަގު ހިފަހައްޓަން އެސްޓީއޯ އިން ވަނީ ފިޔާ ޝިޕްމަންޓެއް ގެނެސްފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމުގެ މަޝްވަރާތައް ކުރިއަށް ގެންދާއިރު، ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

ކާޑުގެ ބާވަތްތަކަށް އިންޑިއާ އަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެންނަން، ތުރުކީ ސަރުކާރާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޖެނުއަރީ މަހު ވަނީ ހާމަކުރައްވައިފަ އެވެ.

އޭގެ އިތުރުން ފިޔާ، އަލުވި އަދި ބިސް ވެސް އެހެން ގައުމުތަކުން ގެންނަން މިހާރު ހަމަޖެހިފައިވާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.