Roadha Mihaaru
ފިޔާ ބޯޓުގައި ތިބި މީހުން ސަލާމަތްކޮށް އިންޑިއާ އަށް

ފެތުނު ފިޔާ ބޯޓުގައި ތިބި މީހުން ސަލާމަތްކުރީ ރާއްޖޭގެ ބޯޓަކުން

22 އޮކްޓޯބަރ 2019

ފިޔާ ހިފައިގެން ރާއްޖެ އަންނަނިކޮށް މިއަދު ފެތުނު ބޯޓުގައި ތިބި މީހުން ކަނޑުވެފައި ތިއްބާ ރާއްޖޭގެ ބޯޓަކަށް އެ މީހުން ނަގައި އިންޑިއާ އަށް ދަތުރުކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފިޔާ ހިފައިގެން ރާއްޖެ އަންނަނިކޮށް މިއަދު ފެތުނު ބޯޓުގައި ތިބި މީހުން ކަނޑުވެފައި ތިއްބާ ރާއްޖޭގެ ބޯޓަކަށް އެ މީހުން ނަގައި އިންޑިއާ އަށް ދަތުރުކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން މާލެ ދަތުރު ކުރަނިކޮށް އަޑިއަށް ދިޔަ "އެމްއެސްވީ އާކް އޮފް ގޯޑް" ބޯޓުގައި ތިބި މީހުން ކަނޑުވެފައި ތިއްބައި ސަލާމަތް ކުރީ ރާއްޖޭގެ ބޯޓެއް ކަމަށްވާ "ވީބީ ޕްރޮގްރެސް" އިން ކަމަށެވެ.

ފެތުނު ބޯޓުގައި ނުވަ މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެކަމަކު، އެ ބޯޓުގައި ތިބީ ކޮން ގައުމެއްގެ ބައެއް ކަމެއް އެމްއެންޑީއެފުން އަދި ނުބުނެ އެވެ. އެކަމަކު، މި ނުވަ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ވަނީ ބުނެފަ އެވެ.

ވީބީ ޕްރޮގްރެސް އަށް މީހުން ނެގީ އިންޑިއާގެ ޓުޓިކޮރިން ބަނދަރަށް ދަތުރުކުރި މަގުމަތީގަ އެވެ. މި ބޯޓާ އެކުގައި އިންޑިއާގެ ކޯސްޓްގާޑުގެ އުޅަނދެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

"އަޅުގަނޑުމެންނަށް އިތުރު މައުލޫމާތު ލިބޭނީ ރާއްޖޭގެ ބޯޓު އިންޑިއާގެ ޓުޓިކޮރިން ބަނދަރަށް ވަދެ ކްލިއަރަންސް ލިބޭ ފަހުން،" އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

އެމްއެންޑީއެފަށް މި ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މެންދުރު އެކެއް ޖަހަނިކޮށެވެ. މި ބޯޓު އަޑިއަށް ދިޔަ ވަކި ސަރަޙައްދެއް އަދި މިހާތަނަށް ސާފެއް ނުވެ އެވެ.

އަޑިއަށްދިޔަ ބޯޓަކީ، "މިޑް ސީ ޝިޕިން ޕްރައިވެޓް ލިމިޓެޑް" ގެ އެޖެންޓްކަމުގެ ދަށުން ދުއްވަމުން ދިޔަ ބޯޓެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އެނގިފައިވާ ގޮތުގައި ބޯޓު ދަތުރުކުރީ އެސްޓީއޯގެ 1،500 ބަސްތާ ފިޔާ ހިފައިގެންނެވެ. އެ ހުރިހާ އެއްޗެއް ވެސް ހުރީ އިންޝުއާ ކޮށްފަ އެވެ.

މިދިޔަ ދެ ހަފްތާއެއް ތެރޭގައި އިންޑިއާ އިން ފިޔާ ލިބުން ދަތިވެ، ފިޔާ ކިލޯއެއްގެ އަގު 80ރ. އަށް ވެސް އަރާފައިވެ އެވެ. އެއާ އެކު ބާޒާރުން ފިޔާ ހުސްވުމާ އެކު އެސްޓީއޯ އިން ވަނީ ލިމިޓް ކޮށްގެން އާންމުންނަށް ފިޔާ ވިއްކައިފަ އެވެ.

ނަމަވެސް އިންޑިޔާއިން ރާއްޖެ އަށް ފިޔާ ލިބެން ފެށުމާ އެކު މިހަފްތާއިން ފެށިގެން ފިޔާގެ އަގު ވަނީ އާންމު ކޮށް ލިބެން ހުންނަ އަގުތަކަށް ބަދަލުވެފަ އެވެ. އެގޮތުން ބާޒާރުމަތީގައި ފިޔާ ކިލޯއެއް މިހާރު ލިބެން ހުރި 20ރ. އަށެވެ.