Roadha Mihaaru
ފިޔާގެ އަގު ކޮންޓްރޯލް ވާނެކަމަށް ބެލެވެނީ އަންނަ މަހު

ފިޔާގެ އަގު ކޮންޓްރޯލް ވާނެ ކަމަށް ލަފާކުރަނީ އަންނަ މަހު

13 ޑިސެމްބަރ 2019

ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރެވޭނީ އަންނަ މަހު ކަމަށް ވިޔަފާރިވެރިން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރެވޭނީ އަންނަ މަހު ކަމަށް ވިޔަފާރިވެރިން ބުނެފި އެވެ.

ރާއްޖޭގައި ފިޔާގެ އަގު މިދިޔަ ދެ ހަފްތާ ތެރޭގައި ވަނީ ދެގުނަ އަށް ބޮޑުވެފަ އެވެ. ކިލޯއެއްގެ އަގު 65-70ރ. އާ ދެމެދު އުޅޭއިރު ބަސްތާއެއް ލިބެނީ 1،500ރ. އަށެވެ. ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގެ ގިނަ ގައުމުތަކުގައި ވެސް ފިޔާ އަގު ވަނީ ރެކޯޑް އަދަދަކަށް އުފުލިފަ އެވެ.

މި ސަރަހައްދުގެ ގައުމުތަކުގައި ފިޔާގެ އަގު ބޮޑުވެފައި ވަނީ އެންމެ ގިނައިން ފިޔާ އުފައްދާ ގައުމު އިންޑިއާ އިން ފިޔާ ވިއްކާ އަގު ބޮޑުވުމުންނެވެ. ފިޔާގެ އަގު އެ ގައުމުގައި އުފުލުނީ މިދިޔަ އޮގަސްޓް މަހު އެ ގައުމަށް ކުރި ވިއްސާރައިގައި ގިނަ އަދަދެއްގެ ފިޔާ ދަނޑުތައް ހަލާކުވުމުންނެވެ. މީގެ ސަބަބުން މި ސީޒަނަށް ފިޔާ އުފެއްދުނު މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

އިންޑިއާ އިން ފިޔާގެ އަގު ކޮންޓްރޯލް ކުރުމުން ރާއްޖޭގައި ވެސް ފިޔާގެ އަގު ކޮންޓްރޯލް ކުރެވޭނެ ކަމަށް ރާއްޖެ އަށް ފިޔާ އެތެރެކުރާ ވިޔަފާރިވެރިއަކު ބުންޏެވެ. އޭނާ ބުނިގޮތުގައި އަގު ކޮންޓްރޯލް ކުރެވޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ މަހު އެވެ.

"އަޅުގަނޑުމެން އިންޑިއާ އިން ފިޔާ ގަންނަނީ ބޮޑު އަގުގައި. އެ އަގުގައި ގެނެސް އަގު ހެޔޮކޮށް ވިއްކާ ނަމަ އަޅުގަނޑުމެންގެ ވިޔަފާރި އަށް ވަރަށް ބޮޑަށް ގެއްލުން ދައްކާނެ. އުއްމީދު ކުރަނީ ވަރަށް އަވަހަށް އިންޑިއާގައި ފިޔާގެ އަގު ހެޔޮވާނެ ކަމަށެ،" ވިޔަފާރިވެރިއަކު ބުންޏެވެ.

އިންޑިއާގެ ނޫސްތަކުންވެސް ރިޕޯޓު ކުރާ ގޮތުގައި ފިޔާގެ އަގު ކޮންޓްރޯލް ވާނެ ކަމަށް ލަފާ ކުރެވެނީ އަންނަ މަހު އެވެ. އިންޑިއާ އިން ވަނީ ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށް ޔަމަނާއި ޗައިނާ ފަދަ ގައުމުތަކުން ފިޔާ އެތެރެ ވެސް ކޮށްފަ އެވެ. ނަމަވެސް ފިޔާގެ އަގަށް އެއްވެސް ބަދަލެއް ނާދެ އެވެ.