Roadha Mihaaru
އީދު ބަންދަށް ފްލައިޓްތަކާއި ގެސްޓް ހައުސްތައް ފުލް!

އީދު ބަންދަށް ފްލައިޓްތަކާއި ގެސްޓް ހައުސްތައް ފުލް!

26 އެޕްރީލް 2022

މި އަހަރުގެ ފިތުރު އީދު ބަންދަށް ޑޮމެސްޓިކް ފްލައިޓްތަކަށް ބާރުބޮޑުވެ، ރަށްރަށުގެ ގެސްޓް ހައުސްތަކުގެ ބުކިންތައް ވެސް ފުލްވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި އަހަރުގެ ފިތުރު އީދު ބަންދަށް ޑޮމެސްޓިކް ފްލައިޓްތަކަށް ބާރުބޮޑުވެ، ރަށްރަށުގެ ގެސްޓް ހައުސްތަކުގެ ބުކިންތައް ވެސް ފުލްވެއްޖެ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދަކީ އަންނަ ހޯމަ ދުވަހެވެ. އަދި އަންނަ ހުކުރު ދުވަހުން ފެށިގެން އީދު ބަންދަށް ހަފުތާއެއްގެ ޗުއްޓީ ލިބޭނެ އެވެ.

އެތެރޭގެ އުދުހުންތައް އެންމެ ގިނައިން ކުރާ ގައުމީ އެއާލައިން "މޯލްޑިވިއަން" ހިންގާ އައިލެންޑް އޭވިއޭޝަނުން މިއަދު "މިހާރު" އަށް ބުނީ އަންނަ ބުރާސްފަތި ދުވަހުން ފެށި މުޅި އީދު ބަންދަށް ވެސް އެ އެއާލައިންގެ ފްލައިޓްތައް ފުލްވެފައިވާ ކަމަށެވެ.

"ހުރިހާ އެއާޕޯޓްތަކަށް ވެސް ވަރަށް ބާރު ބޮޑުކޮށް އުޅެނީ،" އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

"ހުރިހާ ސެކްޓާއަކަށް ވެސް އެވައިލެބިލިޓީ ހުރި ވަރަކުން މެކްސިމަމް ދަތުރުތައް ބޭއްވޭތޯ މި ބަލަނީ."

2019 ވަނަ އަހަރުގައި ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ބީޗް ސަރަހައްދުގައި ކުރިޔަށް ދިޔަ ފެންކުޅި އާއި ކުލަޖެހުމުގެ ހަރަކާތްތަކުގައި ބައިވެރިވި ބައެއް ޒުވާނުން ކުލަ ޖަހަނީ -- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

2019 ވަނަ އަހަރުގައި ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ބީޗް ސަރަހައްދުގައި ކުރިޔަށް ދިޔަ ފެންކުޅި އާއި ކުލަޖެހުމުގެ ހަރަކާތްތަކުގައި ބައިވެރިވި ބައެއް ޒުވާނުން ކުލަ ޖަހަނީ -- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

މާލެ ކައިރި ގިނަ ރަށްތައް ފުރިފައި

މާލެއާ އެންމެ ކައިރިން އާންމުކޮށް މީހުން ޗުއްޓީ އަށް ގޮސް އުޅޭ ގިނަ ރަށްތަކަށް ވެސް ވަރަށް ބާރުބޮޑެވެ. ކ. މާފުށި، ކ. ތުލުސްދޫ، ކ. ހުރާ، ކ. ގުރައިދޫ އަދި ކ. ދިއްފުށީގެ ގިނަ ގެސްޓް ހައުސްތައް ވަނީ ފުލްވެފަ އެވެ.

"ތުލުސްދޫ ހަމަ އެއްކޮށް ފުލް. މިހާރު ވެސް ދުވާލަކު އާންމުންކޮށް 10 ކޯލް، 12 ކޯލް އެބަ ލިބޭ އަޅުގަނޑުމެންނަށް، ޖާގައެއް ނުލިބިގެން،" ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވި އެވެ.

މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވިދާޅުވީ، މިހާރު އެ ރަށުގެ ގެސްޓް ހައުސްތައް ވެސް 100 ޕަސެންޓް ފުލްވެފައިވާ ކަމަށެވެ. އަދި އެންމެ ބާރުބޮޑުވާނީ އީދު ދެ ދުވަހަކަށް ކަމަށެވެ.

"އަޅުގަނޑުމެން އީދަށް މިކޮޅަށް އިންވައިޓްކުރި ބައެއް މީހުންނަށް ވެސް ތިބޭނެ ތަންތަން ހަމަނުޖެހިގެން މި އުޅެނީ،" އޭނާ ވިދާޅުވި އެވެ.

ގެސްޓް ހައުސް ވިޔަފާރީ އެންމެ ފުޅާކޮށް ކުރަމުން އަންނަ މާފުށީގައި މިފަހަރު ވަރަށް ކުލަގަދަކޮށް އީދު ފާހަގަކޮށް، ހަވާ އަރުވަން ވެސް ނިންމާފައިވެ އެވެ. އަދި ބޮޑު މިއުޒިކް ޝޯއެއް ވެސް އެ ރަށުގައި ބާއްވާނެ އެވެ. އީދު ދުވަހުގެ ރޭ އޮންނަ އެ މިއުޒިކް ޝޯގައި ޔާރާ އާއި ހަބޭސް ބޮޑުބެރު ގުރޫޕާއި ސަފޫރާ އެންޑް ފްރެންޑްސްގެ ލައިވް މިއުޒިކާއި އަދި ޑީޖޭ ބައި އިންމަ ބައިވެރިވާނެ އެވެ.

މިފަހަރު އީދަށް ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރާއިރު، މިއީ ކޮވިޑް-19އާ ގުޅިގެން އެޅި ހުރިހާ ފިޔަވަޅުތަކެއް އުވާލި ފަހުން އަންނަ ފުރަތަމަ އީދެވެ.