Roadha Mihaaru
އީދު ބަންދުގައި ސަން އައިލެންޑަށް 1،000 ދިވެހިން!

އީދު ބަންދުގައި ސަން އައިލެންޑަށް 1،000 ދިވެހިން ޗުއްޓީއަށް!

02 ޖުލައި 2017

މިދިޔަ އީދު ބަންދުގައި 1،000އަށް ވުރެ ގިނަ ދިވެހިންް ސަން އައިލެންޑް ރިސޯޓުގައި އާއިލާއާއެކު ޗުއްޓީ ހޭދަކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މިދިޔަ އީދު ބަންދުގައި 1،000އަށް ވުރެ ގިނަ ދިވެހިންް ސަން އައިލެންޑް ރިސޯޓުގައި އާއިލާއާއެކު ޗުއްޓީ ހޭދަކޮށްފި އެވެ.

ރާއްޖޭގައި ހިންގާ އެންމެ ބޮޑު ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވީ މިދިޔަ މަހުގެ 25ން ފެށިގެން 30ގެ ނިޔަލަށް މުޅި ރިސޯޓް އެއްކޮށް ފުލްވި ކަމަށެވެ.

"މިފަހަރުގެ އީދު ޗުއްޓީގައި އަޅުގަނޑުމެންނަށް އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިގެންދިޔަ. އަޅުގަނޑުމެން މިފަހަރުގެ ޕެކޭޖް ހެދީ ވީހާ ވެސް ގިނަ ދިވެހިންނަށް އާދެވޭނެ އަގެއްގައި،" އޭނާ ވިދާޅުވި އެވެ.

ސަން އައިލެންޑްގެ ޕޫލުގައި ކުޑަކުއްޖަކު ފަތަނީ: މިފަހަރު އީދު ބަންދާ ދިމާކޮށް 300 ވުރެ ގިނަ ކުޑަކުދިން ވެސް ދިޔަ.

ސަން އައިލެންޑްގެ ޕޫލުގައި ކުޑަކުއްޖަކު ފަތަނީ: މިފަހަރު އީދު ބަންދާ ދިމާކޮށް 300 ވުރެ ގިނަ ކުޑަކުދިން ވެސް ދިޔަ.

ޑރ. މައުސޫމް ވިދާޅުވީ އީދު ބަންދަށް 1،000 އަށް ވުރެ ގިނަ މީހުން އެ ރިސޯޓަށް ދިޔައިރު އޭގެ ތެރޭގައި 300 އަށް ވުރެ ގިނަ ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ. އަދި މިދިޔަ މަހުގެ 28، 29ގައި ކޮންމެ ދުވަހަކު 500 ދިވެހިން އެ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގިނަ މީހުން އައީ ފެމިލީ ހޮލިޑޭއެއް ހޭދަކޮށްލަން ދަރިން ވެސް ގޮވައިގެން. އަޅުގަނޑުމެން ޕެކޭޖް ހެދީ ދަރިން ގެންނަން ހިތްވަރު ލިބޭ ގޮތަށް ތަފާތު ކުޅިވަރުތައް ވެސް ހިމަނައިގެން،" އޭނާ ވިދާޅުވި އެވެ.

ޑރ. މައުސޫމް ވިދާޅުވީ 1،000 އަށް ވުރެ ގިނަ މީހުންނަށް ޗުއްޓީ ތެރޭގައި ހިދުމަތް ދިންއިރު ރިސޯޓުގެ މުވައްޒަފުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ.

"އަޅުގަނޑުމެންގެ މުވައްޒަފުން މިފަހަރު މަސައްކަތްކުރީ ވަރަށް ބަދަހި ޓީމެއްގެ ގޮތުގައި. އެހެންވެ އެހާ ކާމިޔާބުކަމާއެކު މިކަން ކުރިޔަށް ގެންދެވުނީ. އަޅުގަނޑުމެންނަށް ގެސްޓުންގެ ފަރާތުން ލިބުނީ ވަރަށް ހިތްހަމަޖެހޭ ކަމުގެ ވާހަކަތައް،" އޭނާ ވިދާޅުވި އެވެ.

ޑރ. މައުސޫމް ވިދާޅުވީ މިފަހަރުގެ ތަޖުރިބާއަށް ފަހު ދިވެހިންނަށް ކޮންމެ ހަފުތާ ބަންދެއްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދިނުމަށް ހާއްސަ ޕެކެޖެއް ތައާރަފްކޮށްފައިވާ ކަމަށެވެ. އެ ޕެކޭޖް ހަދާފައި ވަނީ ހަފުތާ ބަންދުގެ ޗުއްޓީ ހޭދަކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ޕެކޭޖްގެ ދަށުން ޗުއްޓީ ހޭދަކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފްލައިޓެއް އަޅުގަނޑު ބާއްވަން ވަނީ ހަމަޖައްސާފައި. އެގޮތުން މާލެއިން ފުރުން އޮންނާނީ ބުރާސްފަތި ދުވަހު ހަވީރު 5:00ގައި. އަދި މި ރިސޯޓުން މާލެ ދިއުމަށް ފުރާނީ ހޮނިހިރު ދުވަހު ހަވީރު،" ޑރ. މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަފުތާ ބަންދުގެ ދަތުރުތައް ހަމަޖައްސާފައި ވަނީ ކުރިއާލައި ބުކްކުރެވޭ ގޮތަށް ކަމަށެވެ. އެކަމަށް ހާއްސަ ފޯނު ނަންބަރަކާއި އީމެއިލެއް ވެސް އެ ރިސޯޓުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

"ދަތުރުކުރުން އެއްވެސް ދައްޗެއް ނުވާ ގޮތަށް ރާވާފައި ވަނީ. މީގެ އިތުރުން މިފަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ވެސް ޕެކޭޖް ތައާރަފްކުރާނަން. ކުރިއާލައި ޗުއްޓީ ބުކްކުރާ ފަރާތްތަކަށް ފްލައިޓް ކަށަވަރުވާނެ ގޮތަށް ހަމަޖައްސާނީ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

ސަން އައިލެންޑުން އީދު ބަންދާ ދިމާކޮށް ވިއްކި އެ ޕެކޭޖްގައި ހިމަނާފައި ވަނީ އެ ރިސޯޓުގެ ސަން ވިލާ ނުވަތަ ބީޗް ވިލާގައި ހުރުމާއި ތިން އިރުގެ ކެއުމާއި ހަވީރު ސަ އެވެ. ސަން ވިލާގައި ހުރުމަށް ނެގީ ދެ މީހަކަށާއި ކުޑަ އެއް ކުއްޖަކަށް ރެއަކަށް 1،600ރ. އެވެ. އަދި ބީޗް ވިލާއަށް ނެގީ ދެ މީހަކަށާއި ކުޑަ ކުއްޖަކަށް ރެއަކަށް 2،000ރ. އެވެ. އޭގެ އިތުރުން ދަތުރުގެ ހަރަދުގެ ގޮތުގައި ބޮޑު މީހަކަށް 800ރ. އަދި ކުޑަކުއްޖަކަށް 500ރ. ވަކިން ޗާޖުކުރި އެވެ.

ވިލާ ހޮޓެލްސްއިން ހިންގާ ރިސޯޓުގައި 462 ކޮޓަރި ހުރެ އެވެ.