Roadha Mihaaru
ޑރ. މައުސް: މިއީ އެހެން މީހެއް

ޑރ. މައުސް: މިއީ އެހެން މީހެއް

25 ޖޫން 2017

އަޅުގަނޑުމެންނަށް ވެސް ލިބުނީ ހައިރާން ކަމެކެވެ. މިއީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. މުޅިން ތަފާތެވެ. އަޅުގަނޑުމެންނާ އެކު ދެ ތިން ދުވަސް މި ހިތްގައިމު ރިސޯޓުގައި ހޭދަކޮށްލި އިރު އެ ހިތްފަސޭހަ ކަމަށް ވުރެ ބޮޑު ހިތްހަމަޖެހުމެއް ލިބުނު އެއް ކަމަކީ، ޑރ. މައުސޫމްް ނުވަތަ މި ރިސޯޓުގައި އާންމު ބަހުން ނަމަ މައުސްގެ ހިތްހެޔޮ ކަމާއި ސާދާ މިޒާޖެވެ. މިއީ، މި ރަށުގެ ޖެނެރަލް މެނޭޖަރެވެ.

އަޅުގަނޑުމެންނަށް ވެސް ލިބުނީ ހައިރާން ކަމެކެވެ. މިއީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. މުޅިން ތަފާތެވެ. އަޅުގަނޑުމެންނާ އެކު ދެ ތިން ދުވަސް މި ހިތްގައިމު ރިސޯޓުގައި ހޭދަކޮށްލި އިރު އެ ހިތްފަސޭހަ ކަމަށް ވުރެ ބޮޑު ހިތްހަމަޖެހުމެއް ލިބުނު އެއް ކަމަކީ، ޑރ. މައުސޫމްް ނުވަތަ މި ރިސޯޓުގައި އާންމު ބަހުން ނަމަ މައުސްގެ ހިތްހެޔޮ ކަމާއި ސާދާ މިޒާޖެވެ. މިއީ، މި ރަށުގެ ޖެނެރަލް މެނޭޖަރެވެ.

މިއީ ފަހަރެއްގައި ރާއްޖޭގައި ހުރި މިކަހަލަ ހަމަ އެކަނި ޖެނެރަލް މެނޭޖަރު ކަމަށް ވުން އެކަށީގެންވެ އެވެ. ވެދާނެ އެވެ. އެ ތަފާތު އެނގޭނީ އޭނާ އާ އެކު ވަގުތުތަކެއް ހޭދަކޮށްލުމުންނެވެ. ބަލާބެލުމަށް، އަދި އުޅުއްވުމަކުން އެއީ ޖީއެމް ކަމެއް، އަދި ކުރީގެ ދައުލަތުގެ އެންމެ އިސް މަގާމުތައް އަދާކުރެއްވި މާޒީއެއް އޮތް ބޭފުޅެއްކަން ޔަގީނުން ވެސް ނޭނގޭނެ އެވެ. މިއީ، ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ހުރިހާ މުވައްޒަފުން ވެސް އެކަމަކާ ފަހުރުވެރިވާ ކަމެކެވެ. އެ މީހުންގެ ޖީއެމަކަށް މިހާރު އެ ހުންނެވީ ކުރީގެ ޓޫރިޒަމް މިނިސްޓަރެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރެކެވެ. އަދި ހަމަ އެހެންމެ، ޓޫރިޒަމް މެނޭޖްމަންޓުގެ ދާއިރާއިން ރާއްޖޭގައި ޕީއެޗްޑީ ނަންގަވާފައިވާ ހަމައެކަނި ބޭފުޅާ ވެސް މެ އެވެ. ރާއްޖޭގެ ޓޫރިޒަމަށް ކުރިމަތިވި އެންމެ ނާޒުކު ދަނޑިވަޅު، 2004ގެ ސުނާމީގެ ތެރޭގައި ޓޫރިޒަމް ޕްރޮމޯޝަން ބޯޑު ހިންގަވައި، އެ އުނދަގުލުން މި ދާއިރާ ސަލާމަތް ކުރެއްވި މޭސްތިރިޔާ ވެސް މެ އެވެ.

މައުސް ސަން އައިލެންޑް ރިސޯޓުގައި: ތަފާތު ބޭފުޅެއް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މައުސް ސަން އައިލެންޑް ރިސޯޓުގައި: ތަފާތު ބޭފުޅެއް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މައުސްގެ ހާއްސަ ކަންތައްތައް ބައިވަރެވެ؛ އެއަށް ވުރެ ބޮޑަށް އޭނާގެ ހުޝިޔާރު ކަމާއި އޭނާގެ ސްޓައިލް އެއީ އެހެން ބައެއް ޖީއެމް އިންނަށް ވެސް ނަމޫނާއެކެވެ. މައުސްގެ މުޅިން ތަފާތު ދިރިއުޅުމެއް އޮތް ކަމާއި އޭނާގެ ވިސްނުން އެހެން ބައެއް މީހުންނާ މުޅިން ތަފާތުކަމާއި އޭނާގެ ހިތްހެޔޮކަމާއި ހިތްތިރިކަން ތަޖުރިބާކޮށްލަމާ ހިނގާށެވެ!

އާ ޖީއެމްއާ އެކު މުވައްޒަފުންނަށް ބޮޑު ބަދަލެއް!

ސަން އައިލެންޑަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ރިސޯޓެވެ. މުވައްޒަފުން ވެސް އެންމެ ގިނަ ރިސޯޓެވެ. ހާހެއްހާ މުވައްޒަފުންނާ އެކު އެންމެ ބޮޑު ރިސޯޓުގެ އެންމެ އިސް ވަޒީފާއާ ހަވާލުވެ ވަޑައިގަތުމާ ހިސާބުން މައުސްގެ މުޅި ދުނިޔެ ދިޔައީ ބަދަލުވެގެންނެވެ. އެކަމަކު އޭނާ އަށް ލިބިވަޑައިގަތް ފަސޭހަ އަކީ، އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު ވެސް، ރިސޯޓްގައި ގާބިލް މެނޭޖްމަންޓް ޓީމެއް އޮތް ކަމެވެ. އެހެންވެ ސުމަކުން ފައްޓަވާކަށް ޖެހިވަޑައެއް ނުގަތެވެ.

އެކަމަކު ޒަމާނީ ބަދަލުތަކާ ދިމާއަށް އޭނާ މިސްރާބު ޖެއްސެވި އެވެ. ހާއްސަކޮށް ރިސޯޓަށް އަންނަ ޓޫރިސްޓުންނާ އޮންނަ ގުޅުން ބަދަހި ކުރުމާއި މުވައްޒަފުންނަށް އިތުރު ތަމްރީނުދީ، އެހެން ހަރުފަތަކަށް ގެންދިއުމުގެ ވިސްނުން އޭނާ ފުޅާކުރެއްވި އެވެ.

މައުސް އޮފީހުގައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މައުސް އޮފީހުގައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑަކީ މި ރަށުގައި ޖީއެމްގެ އޮފީހުގެ ޑެސްކްގައި ގިނައިރު އިންނަ މީހެއް ނޫން،" ސިޔާސީ ދާއިރާގެ "ގޮނޑިތަކަށް" އަލްވަދާއު ވިދާޅުވެ، އާންމު ދިރިއުޅުއްވުމެއް ފެއްޓެވުމަށް ފަހު ސަން އައިލެންޑްގައި ހުންނަވައި "މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުގައި ވިދާޅުވި އެވެ. "އަޅުގަނޑު އުޅޭނީ މިހެން."

އޭނާ އުޅުއްވަނީ މިހެންނެވެ؛ ގިނަ ވަގުތު ބައިސްކަލްގަ އެވެ. ނުވަތަ ބަގީގައި ރިސޯޓް ތެރޭގަ އެވެ. އެންމެ އާދައިގެ މުވައްޒަފުންނާ އޭނާ ވާހަކަ ދައްކަވައި ސަލާމް ގޮވާލައްވައި ސަމާސާ ކޮށްލައްވާ މަންޒަރު ފެނެ އެވެ. ކިހިނެއްތޯ އަހާލައި، ހާލުއަހުވާލު އަހާނުލާ ޓޫރިސްޓަކު އޭނާ ހުރަސްކޮށްފައެއް ނުދާނެ ކަން އެއީ އެ މީހުންނަށް ވެސް އޮންނަ ޔަގީން ކަމެކެވެ. ބައެއް ފަހަރު ޓޫރިސްޓުންނަށް ދިމާވާ ބައެއް ކަންކަން އެހެން މުވައްޒަފަކާ ހަވާލު ކުރެއްވުމުގެ ބަދަލުގައި ސީދާ އަމިއްލަ އަށް އެކަން ކޮށް ނިންމަވާލައްވަ އެވެ. މުވައްޒަފުންގެ ކަންކަން ވަރަށް ގާތުން ބައްލަވަ އެވެ. މުވައްޒަފުންނާ އެކު އެކި ކުޅިވަރު ކުޅުއްވަ އެވެ. ބްރޭކެއް ނެންގެވުމުގެ ގޮތުންނާއި މުވައްޒަފުންނާ ގުޅުން ބަދަހި ކުރެއްވުމުގެ ގޮތުން ރާޒުވާ އާއި ޑިގު ކުޅުއްވަން އިންނަވާތަން ފެނުމުން، އަލަށް ރިސޯޓަށް ވަންނަ ބައެއް މުވައްޒަފުން ތިބެނީ ހައިރާންވެފަ އެވެ. ހަމަ އެހެންމެ، މުވައްޒަފުންގެ ތެރޭގައި ހިނގަމުން އަންނަ އެކިއެކި މުބާރާތްތަކުގައި ވެސް އެހެން މުވައްޒަފުންނާ އެއް ސަފެއްގައި ވާދަ ކުރައްވަ އެވެ. އެހެންވެ، ބައެއް މުވައްޒަފުން މައުސް ސިފަ ކުރަނީ "މުޅިން ތަފާތު ޖީއެމްއެއް"ގެ ގޮތުގަ އެވެ. ބައެއް މުވައްޒަފުން ބުނާ ގޮތުން، މައުސްއަކީ ކޮންމެ ހާލަތެއްގައި ވެސް ވާހަކަ ދެކެވޭހާ ގާތުގައި ހުންނެވި ވަރަށް އެކުވެރި "ބޮސް" އެކެވެ.

ސަން އައިލެންޑްގެ މުވައްޒަފުންނާ މައުސް ބައްދަލު ކުރައްވަނީ: ގިނަ އަދަދެއްގެ ދިވެހިން ވަޒީފާ އަދާކުރޭ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑްގެ މުވައްޒަފުންނާ މައުސް ބައްދަލު ކުރައްވަނީ: ގިނަ އަދަދެއްގެ ދިވެހިން ވަޒީފާ އަދާކުރޭ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އެކަމަކު ސަމާސާ މިޒާޖެއް ގެންގުނަސް، ސީރިއަސް ވާން ޖެހިއްޖެ ނަމަ މުވައްޒަފާ މެދު ވެސް ސީރިއަސް ވަން. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިކަހަލަ ރިސޯޓެއް ހިންގޭނީ މިހެން،" އޭގެ ބައެއް މިސާލުތައް ނަންގަވަމުންް އޭނާ ވިދާޅުވި އެވެ. "ބައެއް ރިސޯޓުތަކުގައި ވެސް ޖީއެމުން އުޅުއްވަނީ މިހެން ކަމަށް ވެދާނެ."

އެކަމަކު މުޅިން އެހެނެއް ނޫނެވެ؛ އެހެން ބައެއް ރިސޯޓްތަކުގެ އިސް ވަޒީފާތަކުގައި އުޅުއްވާ ބައެއް ބޭފުޅުންނަށް ވުރެ މާ ބޮޑަށް މައުސް ލޯ ކުރިމަތިން ނުގެއްލޭ ކަން ކަށަވަރެވެ. ފަހަރެއްގައި، އެ އާދައަކީ އޭނާގެ މާޒީއާ ގުޅިފައި އޮތް ކަމަކަށް ވެސް ވެދާނެ އެވެ.

ސިޔާސީ ދާއިރާއިން މިނިސްޓަރު ކަމުން ޖީއެމް ކަމަށް

ދެ މިނިސްޓްރީއެއްގެ ވަޒީރުކަން ކުރެއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޒިންމާ އަދާކުރެއްވި ބޭފުޅަކު ރިސޯޓެއްގެ ޖެނެރަލް މެނޭޖަރު ކަމަށް ވަޑައިގަތުމުން ބައެއް މީހުންނަށް އެކަން ހަޖަމް ނުވެދާނެ އެވެ. ބައެއް މީހުންގެ ނަޒަރުގައި، މައުސް އެ ދިޔައީ ފަހަތަށެވެ. މިނިސްޓަރުކަން ކުރެއްވުމަށް ފަހު ރިސޯޓެއްގެ ޖީއެމް އަކަށް ވަޑައިގެންނެވުމަކީ ލަދުވެތި ކަމެއް ކަމަށް ހީވެދާނެ އެވެ. ރާއްޖޭގައި މިނިސްޓަރުކަން ކުރައްވާ ބޭފުޅުން އެ މަގާމަށް ފަހު ދެން އުޅުއްވަނީ އަމިއްލަ ކަންކަމުގަ އެވެ. ބައެއް ބޭފުޅުން އަމިއްލަ ވިޔަފާރިތަކުގަ އެވެ. މީހެއްގެ ވަޒީފާ އަށް ދިއުން އޮންނަނީ "ލަދުވެތި" ކަމަކަށް ވެފަ އެވެ. އެކަމަކު މައުސް އަށް އެ މާނަ ނެންގެވުނީ މުޅިން އެހެނެއް ނޫނެވެ.

މިނިސްޓަރަކު ރިސޯޓެއްގެ ވަޒީފާ އަށް ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ. ހާއްސަކޮށް ޓޫރިޒަމް ދާއިރާގެ ސިޔާސަތުތައް ރޭއްވެވުމަށް ފަހު އެ ސިޔާސަތުތައް އަމަލީ ގޮތުން ތަންފީޒުކުރައްވަން ޖެހިވަޑައިގެންނެވި އެހެން ބޭފުޅަކު ވެސް މައުސް ފިޔަވައި ނެތެވެ. މުވައްޒަފުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅެއްގައި "އަޅުގަނޑު މިހުރީ ތިޔަ ސްޓާފުންނާއި މި ދާއިރާ އަށް ވަރަށް ބޮޑަށް ހިތް ޖެހިފަ"އޭ ވިދާޅުވެ، މި ދާއިރާ އިން ޚިދުމަތް ކުރުމަކީ އުފަލެއް ކަމަށް ވިދާޅުވި އެވެ.

ސަން އައިލެންޑްގެ އެގްޒެކެޓިވް ޓީމްގެ ބްރީފިންއެއް މައުސް ޗެއާކޮށްދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަން އައިލެންޑްގެ އެގްޒެކެޓިވް ޓީމްގެ ބްރީފިންއެއް މައުސް ޗެއާކޮށްދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހަމަ އެހެންމެ، އޭނާ ދެއްވި އިންޓަވިއުގައި މުހިންމު އެހެން ކަމެއް ވެސް ފާހަގަކުރެއްވި އެވެ: "އަޅުގަނޑު ބޭނުންވީ އެ މާހައުލާ މުޅި ދުރަށް ދާން."

އެއީ ސިޔާސީ މާ ހައުލެވެ؛ ސިޔާސީ ދާއިރާ މައުސް ސިފަކުރެއްވީ އަބުރު ގެއްލި ހަޑިވެ، ބަދުނާމް އެޅެމުންދާ ދާއިރާއެއްގެ ގޮތުގަ އެވެ. އެހެންވެ، މާލެ ކަހަލަ ހަލަބޮލި ރަށެއް ދޫކޮށްލައްވަން ނިންމެވި ނިންމެވުން އޭނާ އަށް ވަރަށް ފަސޭހަ ނިންމެވުމަކަށް ވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އަޅުގަނޑު އުޅުނު އިރު އަޅުގަނޑު ރަނގަޅަށް އެނގޭނީ އަޅުގަނޑުގެ ރައްޓެހިންނާއި އާއިލާގެ މީހުންނަށް ދެއްތޯ. އެކަމަކު އެހެން އެންމެންނަށް ހަމަ އަޅުގަނޑަކީ މަޖިލީހުގެ އެހެން މެމްބަރުންނެކޭ އެއްގޮތަށް މެމްބަރެއް،" އޭނާ ވިދާޅުވި އެވެ.

"އެހެން މެމްބަރުންނަށް އޮތް ޓެގް އަޅުގަނޑަށް ވެސް އޮންނާނެ އެހެންވީމަ. އަޅުގަނޑު ބޭނުން ނުވީ އެ އިލްޒާމްތަކުގައި އެޅިގެން ހުންނަން. ދެވަނަ ދައުރަކަށް ކުރިމަތިނުލާން ނިންމި މައިގަނޑު ސަބަބަކީ ވެސް އެއީ."

މައުސް އަކީ، ގާނޫނުއަސާސީ ބަދަލުވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކަށް އައި ބަދަލާ އެކު ކެލާ ދާއިރާގެ ފުރަތަމަ މެމްބަރެވެ. އޭގެ އިތުރުން ވަރަށް ގިނަ އެހެން ކަންކަމުގެ ވެސް އެއީ "ފުރަތަމަ" އެވެ. ވިލާ ފައުންޑޭޝަންގެ އެންމެ ފުރަތަމަ ސްކޮލާގެ އިތުރުން އޭނާ އަކީ އެންމެ ފުރަތަމަ ޓޫރިޒަމް މެނޭޖްމަންޓުގެ ދާއިރާގެ ފުރަތަމަ ޕީއެޗްޑީ ވެސް މެ އެވެ. ހަމަ އެހެންމެ، މިހާރު ހުންނެވި މަގާމަކީ ވެސް މިނިސްޓަރަކަށް ވުމަށް ފަހު އެންމެ ފުރަތަމަ އެފަދަ ވަޒީފާއެއް އަދާކުރެއްވި ފުރަތަމަ ބޭފުޅާ ވެސް މެ އެވެ.

މިހާރު ސިޔާސީ ދާއިރާއާ ވަރަށް ދުރުގައި ހުންނެވިޔަސް، އޭނާ ވިދާޅުވަނީ ސިޔާސީ ދާއިރާއާ މުޅިން ދުރުވުމަކީ ރާއްޖެ އޮތް ގޮތުން ވަރަށް ނާދިރު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ޑިމޮކްރަސީ ވަރުގަދަ ކުރުމަށް ޓަކައި ކުރަން ޖެހޭ ކަންކަމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި "ސިޔާސީ ދާއިރާއާ މުޅިން ދުރުވީ ނޫން" ކަމަށެވެ. މިހާރު އޮތް ގޮތުން، ސިޔާސީ ގޮތުން އޭނާ އަދާކުރައްވަން ޖެހިވަޑައިގަންނަވާ ހަމައެކަނި ކަމަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެއްގެ ދައުރެވެ.

މާލެ ދާ ހިތެއް އެއްގޮތަކަށް ވެސް ނެތް!

"އަޅުގަނޑު ބޭނުން ވަަނީ މިކަހަލަ އެކްޓިވް ލައިފެއްގައި އުޅެން،" އޭނާ ވިދާޅުވި އެވެ. "މި ނިންމުން ނިންމުމުގެ ކުރިން އަޅުގަނޑު އަންހެނުންނާ ވެސް ވާހަކަ ދެއްކިން. ހަގީގަތުގައި މިގޮތަށް ނިންމަން އާއިލާގެ ނުގަބޫލެއް ނެތް. ސަބަބަކީ އަޅުގަނޑު ސިޔާސީ ދާއިރާގައި އުޅޭއިރު އަޅުގަނޑަށް އަންނަ ޕްރެޝާތައް އެ މީހުންނަށް ވެސް އެނގޭނެ."

އެކަމަކު ދޭތެރެދޭތެރެ އިން މައުސް މާލެ ވަޑައިގަންނަވަ އެވެ. އެއީ ކޮންމެހެން ވަޑައިގަންނަވަން ޖެހިއްޖެ ކަމެއް ދިމާވެއްޖެ ނަމަ އެވެ. އޭނާއަކީ މަޓީގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރެއްގެ އިތުރުން ވިލާ ކޮލެޖް ކައުންސިލްގެ މެމްބަރެއް ވެސް މެ އެވެ.

ހިތްފަސޭހަ ސަން އައިލެންޑްގެ މަގަކުން މައުސް ބައިސްކަލްގައި ވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހިތްފަސޭހަ ސަން އައިލެންޑްގެ މަގަކުން މައުސް ބައިސްކަލްގައި ވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓަށް މައުސް މިހާރު ވަނީ ބަދަލުތަކެއް ގެންނަވައިފަ އެވެ. އޭނާ ވިދާޅުވީ، އެ ރިސޯޓަށް ވަޑައިގެންނެވި އިރު ވެސް ވަރަށް ފުރިހަމަ އަށް އޮތް ތަނެއް އޭނާ އަށް ޖެހިވަޑައިގަތީ އިތުރަށް ފުރިހަމަކޮށްލަން އެކަނި ކަމަށެވެ.

"އަޅުގަނޑު ބޭނުންވީ ކުރިން އޮތް ހާލަތަށް ވުރެ ކުރިއަށް ގެންދަން. އަޅުގަނޑު ވިސްނީ ސްޓޭންޑަޑް އޮފް ސާވިސް މަތިކޮށްފައި ކެޝުއަލް ހޮލިޑޭ އެންވަޔަރަމެންޓަކަށް މިތަން ބަދަލު ކޮށްލަން. ތިން އަހަރަށް ވުރެ ގިނަ ދުވަސް ވީ އަޅުގަނޑު އައިތާ. މިހާރު މިތަނުން ފެންނާނީ މުޅި ރަށުގެ ފީލް ހޮލިޑޭ އެންވަޔަރަމެންޓެއްގެ ފީލް. މިހާރު އެންމެ ޒަމާނީ ބަދަލުތައް ހުންނާނީ ގެނެސްފައި. އެއީ އިދާރީ ގޮތުން ވެސް އެހެނިހެން ގޮތްގޮތުން ވެސް،" އޭނާ ވިދާޅުވި އެވެ.

ހެނދުނު ހަތެއް ޖަހާއިރު އޮފީހަށް ވަޑައިގަންނަވަ އެވެ. ނިދިކުރައްވާނީ މެންދަމުން އަލިވާ ފަހުންނެވެ. މިއީ މައުސްގެ ކޮންމެ ދުވަހަކު ވެސް އާދަ އެވެ. ދެން އެ ދޭތެރޭގައި އޭނާގެ މުޅި މަސައްކަތަކީ ރިސޯޓް ބެލެހެއްޓެވުމެވެ. އޭނާ ވިދާޅުވާ ގޮތުން، "ވަރުގަދަ ޓީމެއް އޮތުމުން" ވަރަށް ގިނަ ކަންކަން އޭނާ އަށް އޮންނަނީ ފަސޭހަ ވެފަ އެވެ.

މައުސް "މިހާރު" އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މައުސް "މިހާރު" އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މައުސްގެ ހަޔާތް މިހާރު މިއޮތީ މުޅިން ބަދަލުވެފަ އެވެ. އޭނާއަކީ ކުރީގެ ޑރ. މައުސޫމެއް ނޫނެވެ. މިނިސްޓަރެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ވެސް ނޫނެވެ. އެ ހުރިހާ ސިފަތަކާ އޭނާ ހުރީ ދުރުވެގެންނެވެ. މިހާރު ކޮންމެ މީހަކަށް ވެސް އޭނާ ފެންނާނީ ވަރަށް ގާތް މީހެއްގެ ގޮތުގަ އެވެ. އެއީ، އަސްލު އޭނާގެ އުފަން ސިފަތަކެވެ.

ޖީއެމެއްގެ ގޮތުން އޭނާ މި ހުންނެވީ އެންމެ ބޮޑު ރިސޯޓުގަ އެވެ. ބަދަލުތައް ގެންނަވައިފި އެވެ. އޭނާ ވިދާޅުވި ގޮތުން، މިނިސްޓަރު ކަމުގައި ހުންނެވި އިރު ވެސް، އަދި މިހާރު ވެސް ބޭނުންވާ ކަމަކީ ހަމަ އެއް ކަމެކެވެ: "އަޅުގަނޑުގެ ހުވަފެނަކީ ރާއްޖޭގެ ރިސޯޓުތަކުގައި ދިވެހި ޖީއެމް އިން ތިބުން. މި ފެންވަރުގައި ވެސް އަދި އެގްޒެކެޓިވް ފެންވަރުގައި ވެސް. މިކަން ދިވެހިންނަށް ވާނެ."

ތެދެކެވެ؛ އޭނާ އެ ގެންދަވަނީ އެކަން ސާބިތުކޮށްދެއްވަމުންނެވެ.