Roadha Mihaaru
އީދުގެ ތައްޔާރީތައް އަދި ވަރުގަދަކުރާނަން: ރައީސް

އީދުގެ ތައްޔާރީތައް އަހަރެއް އަހަރަކަށް ވަރުގަދަކުރައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

09 އެޕްރީލް 2024

އީދު ކަހަލަ އިސްލާމީ މާތް މުނާސަބަތުތަކަށް ވާ ތައްޔާރީތައް އަހަރެއް އަހަރަކަށް ވަރުގަދަ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އީދު ކަހަލަ އިސްލާމީ މާތް މުނާސަބަތުތަކަށް ވާ ތައްޔާރީތައް އަހަރެއް އަހަރަކަށް ވަރުގަދަ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ކުޑަ އީދަށް ބޮކިފައްޗާއި ގިޑިގެތަކުން ސިޓީތަކާއި ރަށްތައް ދިއްލާލުމަށާއި ޖުމްހޫރީ މައިދާނުގެ ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް އަލުން ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އީދުގެ މުނާސަބަތަކީ އިސްލާމް ދީނުގައި މީސްތަކުންނަށް ދެއްވާފައިވާ ވަރަށް ބޮޑު ނިއުމަތެއް ކަމަށާއި މި ނިއުމަތުގެ މުހިންމުކަން އެންމެނަށް އަދި ހާއްސަކޮށް ކުޑަކުދިންނަށާއި ޒުވާނުންނަށް އިހުސާސްކޮށްދެން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ސައްތައިންސައްތަ މުސްލިމް ގައުމެއް. އެހެންކަމުން، މި ގައުމުގައި އަޅުގަނޑުމެން އީދު ދުވަސް އަންނަކަން، ކުރީންސުރެ އެއަށް އިންތިޒާރުކޮށް އީދު ދުވަހަށްޓަކައި ތައްޔާރުވެ، އީދުގެ އުފަލުގައި ފުރިހަމަ އަށް، ދީނީ ހަމަތަކުގެ މަތިން ބައިވެރިވެ އީދުގެ އުފާ ފާޅުކުރަން ވާނެ،" ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ ފިތުރު އީދަށް ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން އަލުން ހުޅުވުމަށާއި ސިޓީތަކާއި ރަށްތައް ދިއްލާލުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާންމުންނާ ސަލާންކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އީދުގެ މުނާސަބަތައް މުޅި ރާއްޖެ ޒީނަތްތެރިކުރުމަށް އެމަނިކުފާނު ގަސްތުކުރެއްވީ އެ މަގުސަދުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

މިފަހަރު ކުޑަ އީދަށް މާލެ އާއި ސިޓީތަކާ އަދި އަތޮޅު ވެރިކަން ކުރާ ރަށްތަކުގައި އީދުގެ ދިއްލުން ވަނީ ދިއްލައިފަ އެވެ.

"އުއްމީދުކުރަނީ ކުރިއަށް އޮތް އަހަރު އަދި މިއަށް ވުރެ ގިނަ ރަށްތަކުގައި ދިއްލަން،" ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ ފިތުރު އީދަށް ބޮކިތަކާއި ގިޑިގެތަކުން ޖުމްހޫރީ މައިދާން ދިއްލާލައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި އަހަރުގެ ފިތުރު އީދަށް ބޮކިތަކާއި ގިޑިގެތަކުން ޖުމްހޫރީ މައިދާން ދިއްލާލައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައީސް ވިދާޅުވި ގޮތުގައި، މިކަން ކޮށްދިނުމަށް މިހާރު ވެސް ވަރަށް ގިނަ ރަށްރަށުން ސަރުކާރަށް އަންނަނީ ރިކުއެސްޓްތައް ލިބެމުންނެވެ.

"ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި ވަރަކުން ބޮޑު އީދުގައި އަދި ދެން އަންނަ އަހަރުތަކުގެ އީދުގައި ވީހާ ވެސް ގިނަ ރަށްތަކެއްގައި މިކަން ކުރާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ އެންމެ އެކުގައި އެއް ރޫހެއްގައި މި އީދު ކުލަގަދަ ގޮތެއް ފާހަގަކުރަން ކަމަށެވެ.

"އަޅުގަނޑުމެންނަކީ ދިވެހިން، ފަހުރުވެރި ދިވެހިން. ދިވެއްސަކަށް ވީތީ އަޅުގަނޑުމެންނަކީ އެއް ބައެއް. އެއް ނަސްލަކަށް ނިސްބަތްވާ، އެއް ބަހަކުން ވާހަކަދައްކާ، އެއް ދީނަކަށް ތަބާވާ، އެއް ބައެއް. އެއްބައިވަންތައް، އެއްބައެއްވަންތަ، ބައެއް. މި އެކުވެރިކަން އަޅުގަނޑުމެންގެ ތެރެއިން ނެތި ގޮސްގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.

ފިތުރު އީދަށް ގިޑިގެތަކާއި ކުލަބޮކިތަކުން ހުޅުމާލެ ދިއްލާލާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ފިތުރު އީދަށް ގިޑިގެތަކާއި ކުލަބޮކިތަކުން ހުޅުމާލެ ދިއްލާލާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ކޮންމެ ކަހަލަ ކަމެއް ކުރިމަތިވިޔަސް އަދި ކޮންމެ ކަހަލަ ހިޔާލު ތަފާތުވުމެއް އޮތަސް އަހަރެމެންނަކީ އެއްބައެއްކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދު މައިންބަފައިން ވެސް ކުދިންނަށް ދަސްކޮށްދޭންވީ އެއްބައިވަންތަކަމުގެ ރޫހު ދިރުވުމަށެވެ.

"އަޅުގަނޑުމެންނަކީ އެންޑް އޮފް ދަ ޑޭ އެއްބައެއް. އެއްބައިވަންތަކަމުގެ އަޒުމް މިއަދު ވަރުގަދަކުރައްވާ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޮންމެ ކުޑަކުއްޖަކަށް އުފާވެރިކަން ގެނެސްދޭން ބޭނުންވޭ. ކޮންމެ ކުއްޖަކަށް އެ ކުއްޖާގެ އުއްމީދުތައް ހާސިލުކޮށްދޭން ބޭނުންވޭ. އާއިލާތަކަށް އުފާވެރިކަން ގެނެސްދޭން ބޭނުންވޭ. އެހެންވީމަ، އެންމެ އެކުގައި މި ކަންކަމާ އެކީގައި ކުރިއަށް ދިޔައީމަ އުއްމީދުތައް ހާސިލުވާނެ."

ފިތުރު އީދަށް އެކި ކުލަލައިގެ ބޮކިތަކުން ހުޅުމާލެ ސެންޓްރަލް ޕާކް ދިއްލާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ފިތުރު އީދަށް އެކި ކުލަލައިގެ ބޮކިތަކުން ހުޅުމާލެ ސެންޓްރަލް ޕާކް ދިއްލާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރައީސް ވިދާޅުވީ މާލޭގައި ދިރިއުޅޭ އެންމެން ވެސް މި އީދުގެ އުފާވެރިކަން ފާޅުކުރުމަށްޓަކައި އާއިލާތަކުން ބޭރަށް ނުކުމެ، އެ ބަޔަކު ބޭނުންވާ ގޮތަކަށް އާންމު ހަމަތަކުގެ މަތިން މަގުތަކާއި ގޯޅިތަކުގައި އެކި ކަހަލަ ހަރަކާތްތައް ވެސް ހިންގަން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ރަށްރަށުގައި ވެސް ގިނަ ބަޔަކު ބޭރަށް ނުކުމެ، މުސްލިމަކަށް ވީތީ ފަހުރުވެރިކަމާ އެކީގައި އުފާ ފާޅުކުރާ އީދަކަށް މި މުނާސަބަތު ހަދައިދިނުމަށް ރައީސް ރޭ އެދިވަޑައިގަތެވެ.