Roadha Mihaaru
ތިލަފުށި ދެ ގުނަ ބޮޑުކުރަން ބިން ހިއްކަން ހުޅުވާލައިފި

ތިލަފުށި ދެ ގުނަ ބޮޑުކުރަން ބިން ހިއްކަން ހުޅުވާލައިފި

15 އެޕްރީލް 2022

ތިލަފުށި މިހާރު އޮތް ވަރަށް ވުރެން ދެ ގުނަ ބޮޑުކުރުމުގެ ބިޔަ މަޝްރޫއަށް ފަޅު ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުވާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ތިލަފުށި މިހާރު އޮތް ވަރަށް ވުރެން ދެ ގުނަ ބޮޑުކުރުމުގެ ބިޔަ މަޝްރޫއަށް ފަޅު ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުވާލައިފި އެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ ތިލަފުށި ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 8 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.

ވަކި ކުންފުންޏަކާ އެ މަޝްރޫއު ހަވާލުކުރާއިރު މާލީ ފުދުންތެރިކަމާއި ޓެކްނިކަލް ގާބިލުކަމުގެ އިތުރުން މަޝްރޫއު ނިންމަން ހޭދަވާ މުއްދަތަށް ބަލާނެ ކަމަށް ވެސް އެޗްޑީސީގެ އިއުލާނުގައިވެ އެވެ.

ކުނި އަޅައިގެން ހިއްކާފައިވާ ތިލަފުށި-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ކުނި އަޅައިގެން ހިއްކާފައިވާ ތިލަފުށި-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އެޗްޑީސީން ތިލަފުށީގައި ކުރިއަށް ގެންދާ މަޝްރޫއުގައި އެ ރަށުން ގާތްގަނޑަކަށް 150 ހެކްޓަރުގެ ސަރަހައްދެއް ހިއްކާނެ އެވެ. އަލަށް ހިއްކާ ސަރަހައްދުގައި އިންޑަސްޓްރިއަލް މަސައްކަތްތަކަށާއި ކުދި ވިޔަފާރިތަކަށް ހާއްސަ ސަރަހައްދެއް ހިމެނޭނެ އެވެ.

ތިލަފުށިން ބިން ހިއްކުމަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޖަހާފައި ހުރި ބޮޑެތި ވެލި ފުނިތަކުން ވެލި ބޭނުންކުރާނެ އެވެ. އެޗްޑީސީން ބުނި ގޮތުގައި ހުޅުމާލޭ ފޭސް ދޭއްގައި އެކަނި ވެސް 500،000 ކިއުބިކް މީޓަރުގެ ވެލި އެބަ ހުއްޓެވެ.

ދިގު މިނުގައި ގާތްގަނޑަކަށް ހަތް ކިލޯ މީޓަރު އަދި ފުޅާ މިނުގައި 200 މީޓަރު ހުންނަ ތިލަފަޅަށް ކުނި އަޅައިގެން ހިއްކަން ފެށީ ޖެނުއަރީ 7، 1992 ގަ އެވެ. މާލެ އާއި މާލެ ކައިރި ރަށްތަކުން އުކާލާ ކުނި ބޭނުންކޮށްގެން ހިއްކަން ފެށި ތިލަފަޅުގައި ތަފާތު ހަތަރު ބައެއް ހިއްކާފައިވެ އެވެ. އެ ގޮތުން، އެ ރަށުގެ ބޮޑުމިން މިހާރު ގާތްގަނޑަކަށް 4.6 މިލިއަން އަކަފޫޓަށް އަރަ އެވެ.