Roadha Mihaaru

ރަސްމާލޭގެ 100 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ

މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައިގެ ދާއިމީ ހައްލަކަށް ތަރައްގީކުރާ ރަސްމާލެ މަޝްރޫއުގެ 10 ޕަސެންޓު ބިން ހިއްކައި ނިމިއްޖެ އެވެ.

ރަސްމާލޭގެ 100 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

27 އެޕްރީލް 2025

މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައިގެ ދާއިމީ ހައްލަކަށް ތަރައްގީކުރާ ރަސްމާލެ މަޝްރޫއުގެ 10 ޕަސެންޓު ބިން ހިއްކައި ނިމިއްޖެ އެވެ.

އެޗްޑީސީން ބުނީ ފުށިދިއްގަރުފަޅުގައި ހަދާ ފުރަތަމަ އިކޯ ސިޓީ، ރަސްމާލެއަށް ޖުމްލަ 1،009 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. މަސައްކަތް ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވިއިރު، މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ވަނީ އޭގެ ތެރެއިން 101 ހެކްޓަރުގެ ބިން ހިއްކައި ނިންމައިފަ އެވެ. އެއީ މަޝްރޫއުގެ 10 ޕަސެންޓެވެ. ނުވަތަ ހުޅުމާލެ 1ގެ ދެބައިކުޅަ އެއްބައަށްވުރެ ބޮޑު ސަރަހައްދެކެވެ.

އެ ކުންފުނިން ބުނީ ކެޕިޓަލް މެރިން އެންޑް އިންވެސްޓްމަންޓް (ސީއެމްސީ) ކުންފުންޏާ ހަވާލުކޮށްގެން ސައިޓް ޖޭގެ 29 ހެކްޓަރުގެ ބިން އަދި އެމްއެމް އެކްސްޕޯޓާ ހަވާލުކޮށްފައިވާ ސައިޓް ޑީ، އެފް، ޖީ، އަދި އެލްގެ ޖުމްލަ 378 ހެކްޓަރުގެ ތެރެއިން، 72 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ.

ބިން ހިއްކުމާއެކު އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެޗްޑީސީން ބުންޏެވެ.

ފުށިދިއްފަރުފަޅު ހިއްކަނީ.-- އެޗްޑީސީ

ފުށިދިއްފަރުފަޅު ހިއްކަނީ.-- އެޗްޑީސީ

ފުށިދިއްގަރުފަޅު ތަރައްގީކުރަނީ މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތްކުރުމަށް މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރުގެ އުސްމިނަށެވެ. އެއީ ހުޅުމާލެ އަށްވުރެ 0.5 މީޓަރު އުހެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރަސްމާލެ ތަރައްގީކޮށް އެ ތަނުން 11،000 ގޯއްޗާއި 26،000 އަށްވުރެ ގިނަ ފްލެޓު ދޫކުރާނެ ކަން އިއުލާންކުރައްވައިފަ އެވެ. އެއީ 240،000 އަށްވުރެ ބޮޑު އާބާދީއަކަށެވެ. ގެދޮރުވެރިކަމުގެ އިތުރުން ވިޔަފާރިތަކާއި އިންޑަސްޓްރިއަލް އެކި ބޭނުންތައް އަދި ޓޫރިޒަމްގެ ތަރައްގީއަށް އެކި މަސައްކަތް ކުރާނެ އެވެ.

ފުށިދިއްގަރުފަޅަކީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީގެން ޑިސެމްބަރު 18، 2023 ގައި ތަރައްގީކުރަން ފެށި ތަނެކެވެ. އަށް މަސް ތެރޭ މަސައްކަތް ނިންމަން ހަވާލުކޮށް، ތާވާލާ އެެއްގޮތަށް ދިޔަ ނަމަ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެތަން އެއްކޮށް ހިއްކާ ނިމޭނެ އެވެ. ނަމަވެސް، ހަ މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ބިން ހިއްކުން އަލުން ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.